ފަހުރުވެރި ކާމިޔާބީ ހޯދޭވަރުގެ އެތުލީޓުން އުފައްދަން 'އަރުތަ' ޕްރޮގްރާމް

ކުޅިވަރުގެ ދާއިރާއިން ރާއްޖެ ފަހުރުވެރިވާ ފަދަ ކާމިޔާބީ ހޯދޭނެ ވަރުގެ އެތުލީޓުން ސަރުކާރުގެ ހަރަދުގައި އުފައްދަން 'އަރުތަ' ޕްރޮގްރާމް ތައާރަފްކޮށް، އެ ޕްރޮގްރާމް ހިންގާނެ ގޮތުގެ ގަވާއިދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޕޯޓްސް މިނިސްޓްރީން ރޭ ގެޒެޓުކުރި ގަވާއިދުގެ މަގްސަދަކީ ވާދަވެރި ކުޅިވަރު ކުޅޭ އެތުލީޓުންނަށް ސަރުކާރުގެ ހަރަދުގައި ކުޅިވަރުގެ ދާއިރާއިން މަތީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހޯދައިދީ، ތަމްރީންތަކަށް އެހީވާން ބޭނުންވާ ޓެކްނިކަލް ތަޖުރިބާކާރުން ތަމްރީން ކުރުމުގެ ކަންކަން ހަމަހަމަކަމާ އެކު ތަންފީޒު ކުރުމެވެ.
ތަފްސީލު - އަރުތަ ޕްރޮގްރާމުގައި ބައިވެރިވާން ފުރިހަމަވާން ޖެހޭ ބައެއް ޝަރުތުތަކަކީ:
ދިވެއްސަކަށް ވުން
ޕްރޮގްރާމުގައި ބައިވެރިވާން ކުރިމަތިލާއިރު އުމުރުން 35 އަހަރު ވެފައިނުވުން
ގައުމީ ހައިސިއްޔަތު ލިބިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ މުބާރާތްތައް ނުވަތަ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ އެތުލީޓުންނަށް ވުން
ސަރުކާރުގެ ހަރަދުގައި ކުޅިވަރު ތަމްރީން ހޯދޭނެ އެހެން ގޮތެއް ހަމަޖެހިފައިވާ މީހަކަށް ނުވުން
އަރުތަ ޕްރޮގްރާމް ކުރުކޮށް:
އެ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ހަރަދުކުރާނީ 1-3 އަހަރުގެ މުއްދަތަކަށް
އެތުލީޓަކަށް ގިނަވެގެން ދޫކުރާނީ އަހަރަކަށް 3 ލައްކަ ރުފިޔާ؛ އެތުލީޓާއި މިނިސްޓްރީ އާއި ގައުމީ އެސޯސިއޭޝަނާ ދެމެދު ވާހަކަ ދައްކައިގެން އެ އަދަދަށް އުނިއިތުރު ގެނެވިދާނެ
ފައިސާ ޖަމާކުރާނީ އެ ކުޅިވަރަކަށް ހާއްސަކޮށްފައިވާ ގައުމީ އެސޯސިއޭޝަންގެ ބޭންކު އެކައުންޓަށް
އެތުލީޓުގެ ޓްރެއިނިން ޕްލޭނާ އެއްގޮތަށް އެސޯސިއޭޝަނުން ފައިސާ ދޫކުރަންވާނެ؛ އެސޯސިއޭޝަންގެ އިތުރު އެއްވެސް ކަމަކަށް އެ ފައިސާ ބޭނުންނުކުރެވޭނެ
އެ އަހަރަކަށް ދޫކުރާ ފައިސާއިން ބާކީވެއްޖެ ނަމަ، ޖެހިގެން އަންނަ އަހަރު ފައިސާ ދޫކުރާނީ އެ އަދަދު ކެނޑުމަށްފަހު
ޖެހިގެން އަންނަ އަހަރަށް ފައިސާ ދޫކުރާނީ އެންމެ ފަހުން ދޫކުރި ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު މިނިސްޓްރީއަށް ހުށަހެޅުމުން
އަރުތަ ޕްރޮގްރާމަށް ކުރިމަތިލާ އެތުލީޓުންގެ ތެރެއިން ކުރިއަށް އޮތް އަހަރަށް 'އަރުތަ ސްކޮލަޝިޕް' އެތުލީޓުންގެ ނަންތައް، ހިނގާ އަހަރެއްގެ ނޮވެމްބަރު ނިމުމުގެ ކުރިން އިއުލާންކުރާނެ
އެ ގަވާއިދުގައި ބުނާ ގޮތުގައި އަރުތަ ޕްރޮގްރާމްގައި ބައިވެރިވާ އެތުލީޓުން ކަނޑައެޅުމާއި ކާމިޔާބީއާ ހަމައަށް ވާސިލުވާން އެހީތެރިވެވޭކަން ކަށަވަރު ކުރަން ޖެހޭނީ އެ އެތުލީޓެއް ކުޅޭ ކުޅިވަރާ ގުޅޭ ގައުމީ އެސޯސިއޭޝަނަކުންނެވެ.
މީގެ އިތުރުން އެތުލީޓުން ހޮވަން ފަސް މެމްބަރުންގެ ކޮމިޓީއެއް ވެސް އެކުލަވައިލަން ޖެހެ އެވެ. އެ ކޮމިޓީގައި ތިބޭނީ މިނިސްޓްރީ ތަމްސީލުކުރާ މެމްބަރަކާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލިސް ތަމްސީލުކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ތަމްސީލުކުރާ މެމްބަރަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަން ތަމްސީލުކުރާ މެމްބަރެއްގެ އިތުރުން މިނިސްޓަރު އައްޔަންކުރާ އަންހެން މެމްބަރެކެވެ. އަދި އެ ކޮމިޓީގެ ދައުރަކީ ހަތަރު އަހަރެވެ.
އަރުތަ ޕްރޮގްރާމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން 60 ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ