ސިއްހީ ދާއިރާއަށް އިސްކަންދޭ، އަންނަ އަހަރުގެ ބަޖެޓު މާދަމާ ހުށަހަޅަނީ

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ. މަޖިލީހުން ވަނީ މާދަމާ 9:00 އަށް ބަޖެޓު ހުށަހަޅަން ޖަލްސާއެއް އެޖެންޑާކޮށްފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާ އޮންނާނެ ކަމަށެވެ. އެކަމަކު، ބަޖެޓާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް ނޭނގެއެވެ. https://sun.mv/213212 ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަށް ވެސް ސަރުކާރުން ރިކޯޑު އަދަދެއް ކަމަށްވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ. އެކަމަކު، އަހަރު ނިމެން ދެ މަސް ދުވަހަށްވެފައިވާއިރު ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޚަރަދުކޮށްފައިވަނީ 30 ބިލިއަން ރުފިޔާއެވެ. އެއީ، މި އަހަރު މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ 186 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެހެންވެ، ސަރުކާރުން ޚަރަދު ކުރަމުން އަންނަނީ އާމްދަނީއަށްވުރެ މަދުންނެވެ. https://sun.mv/213073 ސަރުކާރުން ލިބޭ އެއްޗަކުން ޚަރަދު ކުރާ ކަމަށް ބުނި ނަމަވެސް އެއީ ސަޕްލަޔަރުންނަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އޮތުމުންނެވެ. އެ އަދަދު ހާމަކުރަން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ. އެކަމަކު، ސަޕްލަޔަރުންނަށް ދޭންޖެހޭ ދެ ބިލިއަން ރުފިޔާ ދައްކާ ނިންމާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ. އެކަން ކުރަން އުޅެނީ ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކުން ފައިސާ ނަގައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި މާލީ ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ، ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަނިކޮށް ޕެންޝަން އޮފީހުގެ ބޯޑުގައި އިންނަވާ ސަރުވަޝް އާދަމް ވެސް ވަނި އެ ފަދައިން ވިދާޅުވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަކު، ސަރުކާރުން އަންނަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ބުނަމުންނެވެ. އެއީ، ރައީސް މުއިއްޒުގެ ވައުދުފުޅެއް ވެސް މެއެވެ. https://sun.mv/212970 އަހަރުގެ މިހާތަނަށް ޖުމުލަ 30.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 26.5 ބިލިއަން ރުފިޔާ ޚަރަދުކުރީ ހިންގުމުގެ ޚަރަދުތަކަށެވެ. އެއީ ޚަރަދުގެ ގާތްގަނޑަކަށް 87 އިންސައްތައެވެ. މަޝްރޫއުތަކަށް ނުވަތަ ކެޕިޓަލް ޚަރަދަށް ހޭދަކުރީ އެންމެ ހަތަރު ބިލިއަން ރުފިޔާ ނުވަތަ 13 އިންސައްތައެވެ. އެއީ، ބަޖެޓުގައި މަޝްރޫއުތައް ހިންގަން ޖެހި 12.5 ބިލިއަން ރުފިޔާގެ އެންމެ 32 އިންސައްތައެވެ. އެހެންވެ، ސަރުކާރަށް މާލީ ގޮތުން ގިނަ ދަތިތަކެއް ހުރިކަން ހިސާބުތަކުން އެނގެއެވެ. ބައިނަލްއަގުވާމީ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް 'ޖަންކް' ރޭޓިން ދީފައިވުމުގެ ސަބަބުން ދަރަނި ހޯދަން ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންވެ، މަޝްރޫއުތަކަށް ޚަރަދުކުރަން ގޮންޖެހުންތައް އެބަހުއްޓެވެ. ސަރުކާރުން ވަނީ މި އަހަރު 39.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު މިހާތަނަށް ލިބުނީ އޭގެ ތެރެއިން 30.7 ބިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ