ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މިޔަރަކަށް ހަމަލާދީ އެ މަންޒަރު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ޕޯސްޓު ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.
ރާއްޖޭގައި ހުރިހާ ބާވަތެއްގެ މިޔަރެއް ހިމާޔަތްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ޝަހީމު ހަމަލާދިނީ ކޮން ކަހަލަ މިޔަރަކަށް ކަމެއް ވީޑިއޯއިން ސާފެއް ނުވެ އެވެ.
އޭނާގެ އިންސްޓަގްރާމް އެކައުންޓުން އިއްޔެ ޕޯސްޓުކޮށްފައިވާ ވީޑިއޯ އަކުން ފެންނަނީ ރަށެއްގެ ޖެޓީ މަތީ ޝަހީމު، މަސް މަރާ ބަޑިއެއް ހިފައިގެން އިންނަ މަންޒަރެވެ. އެ ރަށުގެ ބަނދަރުގެ ތިލަ ހިސާބުން ދިޔަ މިޔަރަކަށް އޭނާ ބަޑިން ހަމަލާ ދޭ މަންޒަރު ސާފުކޮށް ފެނެ އެވެ.
ބަޑީގެ ހަމަލާއާއެކު މިޔަރު މަރަށް ތެޅޭ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. މިޔަރު ތެޅެމުން ގޮސް ގޮނޑުދޮށަށް ބީހުމަށްފަހު ތެޅެމުން ގޮސް މޫދަށް ފައިބާ ހިސާބުން ވީޑިއޯ ނިމެ އެވެ. ޝަހީމު ހަމަލާދިނީ މިޔަރުގެ ބޮލާއި ދިމާލަށެވެ. ބެލެވޭ ގޮތުގައި އެ ވަރުގެ ހަމަލާއަކުން މިޔަރު މަރުވުމުގެ ފުރުސަތު ބޮޑެވެ.
މި ޕޯސްޓަށް 80 އަށްވުރެ ގިނަ ކޮމެންޓު ކޮށްފައިވާއިރު އެންމެންހެން ޝަހީމުގެ އަމަލު ކުށްވެރިކޮށް އެނާއަށް ފާޑުކިޔާފައިވެ އެވެ. ނުރުހުން ފާޅުކޮށް ޝަހީމާއި ދިމާލަށް އެތައް އެއްޗެއް ގޮވާފައިވެ އެވެ. މިއިން އެއްވެސް ކޮމެންޓަކަށް ޝަހީމު ރައްދެއް ނުދެ އެވެ.
"މިއީ ހަމަ ކުރީގެ މަޖިލިސް މެންބަރެއް؟" އެކަކު ސުވާލުކޮށްފައިވެ އެވެ. "އާން. ރައްޔިތުންގެ ޓެކްސް ފައިސާ އިން ބެނެފިޓްސް ނަގައިގެން އުޅޭ ކުރީގެ މަޖިލިސް މެންބަރެއް ހަމަ. ދެރަ ކަންކަން،" އޭނާ އަށް ޖަވާބުދީ އެހެން މީހަކު ލިޔެފައިވެ އެވެ.
ޝަހީމުގެ އަމަލަކީ "ކޫލް" އަދި "ސަޅި" ކަމެއް ނޫން ކަމަށް ބުނެ އޭނާއަށް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ. އޭނާ ޖަލަށް ލާން ޖެހޭ ކަމަށް އަނެއް ބަޔަކު ބުނެފައިވެ އެވެ.
"ބެގީ ޖަހާފަ ޓައީ އަޅާފަ ހުއްޓަސް ބޮލުގަ ތެތްކަމެއް ނެތީމަ ވާނީ މިހެން،" ޝަހީމުގެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި މީހަކު ބުނެފައިވެ އެވެ.
މި ޕޯސްޓަށް ކޮމެންޓު ކުރި މީހުންގެ ތެރޭގައި ދިވެހި ޑައިވް ކޮމިއުނިޓީގެ މެންބަރުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން ވެސް ހިމެނެ އެވެ.
ބައެއް މީހުން ވަނީ ފުލުހުންގެ އެކައުންޓު ޓެގުކޮށް މި މައްސަލަ ބެލުމަށް އެދިފަ އެވެ. ނަމަވެސް، ފުލުހުން މި މައްސަލަ ބަލަމަކުން ނުދެ އެވެ.
ޝަހީމް މަޖިލިސް މެންބަރުކަން ކުރީ ނިމިދިޔަ 19 ވަނަ މަޖިލީހުގަ އެވެ. އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ހޮވުނު ޝަހީމުގެ ދައުރު ނިންމާލީ މި ސަރުކާރު ހޮވުމާއެކު ޕީއެންސީއަށް ސޮއެކޮށް އެ ޕާޓީގަ އެވެ. 20 ވަނަ މަޖިލީހަށް އޭނާ ވާދައެއް ނުކުރެ އެވެ.
ކުރީގެ މެންބަރު ޝަހީމު މަސް މަރާ ބަޑިއަކުން މިޔަރަކަށް ހަމަލާދީ އެ މަންޒަރު އާންމުކުރުމުން ގިނަ ބަޔަކު ފާޑުކިޔަނީ ކުރީގެ މެންބަރު ޝަހީމު މަސް މަރާ ބަޑިއަކުން މިޔަރަކަށް ހަމަލާދީ އެ މަންޒަރު އާންމުކުރުމުން ގިނަ ބަޔަކު ފާޑުކިޔަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ