އަންނަ އަހަރުގެ ޖުލައި މަސް ތެރޭއިންޑިއާގެ ޔުނައިޓެޑް ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލެވޭނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުކަޒީ ބޭންކު، އެމްއެމްއޭގެ މާލީ ދާއިރާގެ ތަރައްގީ އާ ގުޅޭ ކަންތައް އިފްތިތާހު ކުރުމަށް މިއަދު ބާސެލޯ ނަސަންްދުރަ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ އަމާޒަކީ ކޮންމެ ދިވެއްސަކަށް ވެސް ފައިދާވާނެ، ފަސޭހަ މާލީ ދާއިރާއެއް ބިނާ ކުރުން ކަމަށެވެ.
ތަފްސީލް - ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން މިދިޔަ ޖޫން މަހު ވަނީ ބުނެފަ އެވެ. އެ މަސައްކަތް އަންނަ އަހަރުގެ މެދާއި ހަމައަށް ނިންމާލެވޭނެ ކަން ގަވަރުނަރު މިއަދު އިއުލާނު ކުރެއްވި އެވެ.
"ފަވަރަގެ ފުރަތަމަ ކްރޮސްބޯޑާ އިންޓަގްރޭޝަންގެ މަސައްކަތް ވެސް ނިންމާލުމަށް މިވަނީީ ތައްޔާރުވެފައި. އަންނަ އަހަރުގެ ޖުލައި މަހާއި ހަމައަށް އިންޑިއާގެ ޔޫޕީއައި އާ ފަވަރަ އިންޓަގްރޭޓު ކުރެވޭނެ،" ގަވަރުނަރު ވިދާޅުވި އެވެ.
މި ހިދުމަތް ގާއިމް ކުރެވުމާއެކު އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމަށް ފަސޭހަވެ، އޮންލައިން ނިޒާމުތައް މެދުވެރިކޮށް އަވަސްކަމާއި ރައްކާތެރިކަމާ އެކު އެއް ގައުމުން އަނެއް ގައުމަށް މުއާމަލާތްތައް ކުރުމުގެ މަގުފަހިވާނެ އެވެ.
ފަވަރައާ އެކު ފަސޭހަ އަދި ރައްކާތެރި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ކޮންމެ ބޭންކެއް މެދުވެރިކޮށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
ގުޅުން ހުރި - ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ޔޫޕީއައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ އެކު މިދިޔަ އޮގަސްޓު މަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ޔޫޕީއައި ރާއްޖެއަށް ތައާރުފުކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
އަންނަ ޖުލައި މަހު އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލެވޭނެ: މުނައްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ