މާލީ މުއާމަލާތް ހަރުދަނާކުރަން އެމްއެމްއޭއިން އުފެއްދި އާ ކުންފުނި ލޯންޗުކޮށްފި
ބޭރު ފައިސާގެ މުއާމަލާތް ފަސޭހަކޮށް، ރާއްޖޭގައި ފައިސާއިން މުއާމަލާތުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ މަޤްސަދުގައި ޕޭމަންޓް މޯލްޑިވްސް ނަމުގައި އާ ކުންފުންޏެއް އުފައްދައި މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މާލީ ދާއިރާ ތަރައްގީއާ ގުޅޭ ކަންކަން އިފުތިތާހުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޕޭމެންޓް މޯލްޑިވްސް ކުންފުނި ރަސްމީކޮށް ލޯންޗުކޮށްދެއްވީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މީގެ ހައެއްކަ އަހަރުކުރިން ފައިސާގެ 40 ޕަސެންޓު މުއާމަލާތް ކުރީ ޗެކުން ކަމަށާއި، މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު ހަތް ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލުގައި އެކައުންޓުތަކުން ފައިސާ ފޮނުވާ އަދަދު 49 ޕަސެންޓުން 83 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އަދި ފަވަރަ ތައާރަފްކުރެވުމާއެކު، އެކައުންޓުތަކުން ފައިސާ ފޮނުވާ އަދަދު އިތުރުވެފައިވާކަން މުނައްވަރު ފާހަގަކުރެއްވިއެވެ. މުނައްވަރު ވިދާޅުވިގޮތުގައި ފަވަރަ މެދުވެރިކޮށް މިއަދާ ހަމައަށް 16 މިލިއަން ޓްރާންސެކްޝަން ހިނގައި އެ ޓްރާންސެކްޝަންތަކުން 23 ބިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވެއެވެ. މާލީ ދާއިރާ ތަރައްގީއާ ގުޅޭ ކަންކަން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޭމަންޓް މޯލްޑިވްސް ލޯންޗުކުރަނީ --- ފޮޓޯ: އެމްއެމްއޭ މިއަދު ލޯންޗުކުރި ޕޭމަންޓް މޯލްޑިވްސްއަކީ ސަލާމަތާއި ރައްކާތެރިކަމާއެކު، ވަގުތުން ފައިސާގެ މުއާމަލާތްތައް ދައުރުކުރުމަށް ޓަކައި ބޭންކުތަކާއި ފިންޓެކްތައް ގުޅިގެން މަސައްކަތްކުރާ "އިކޯސިސްޓަމެއް" ކަމަށް، މުނައްވަރު ވިދާޅުވިއެވެ. ޕޭމަންޓް މޯލްޑިވްސް އުފެއްދި ސަބަބުތަކެއް ކަމަށް އެމްއެމްއޭއިން ބުނަނީ، މާލީ ދާއިރާ ޑިޖިޓަލްކުރުމަށް ކުރާ އީޖާދީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، މާލީގޮތުން އެންމެންގެ ހަމަހަމަކަން ވަރުގަދަކުރުމުގެ ގޮތުންނެވެ. މި ކުންފުނިގެ ސަބަބުން މާލީ މުއާމަލާތްކުރުމުގައި އެތައް ލުއިތަކެއް ލިބިގެން ދާނެ ކަމަށް، އެމްއެމްއޭއިން ބުންޏެވެ. އެމްއެމްއޭއިން ޕޭމަންޓް މޯލްޑިވްސް އުފެއްދީ މިއަހަރުގެ ޖޫން މަހެވެ. ނަމަވެސް އެ ކުންފުނި ހިންގަން ހަމަޖެހިފައިވަނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ މުޅިން ވަކިންނެވެ. ރާއްޖޭގެ މާލީ ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭއިން އިތުރަށް ކުރާ މަސައްކަތްތަކުގެ ދަށުން ގައުމީ ކިއުއާރު ކޯޑުގެ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތެއްވެސް ވަނީ ފަށައިފައެވެ. މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އަންނަ އޭޕްރިލް މަހު ތެރޭ ފަވަރައިގެ ބައިވެރިންނާއެކު ޕޭމަންޓް މޯލްޑިވްސްއިން ކިއުއާރު ކޯޑުން ފައިސާގެ މުއާމަލާތްކުރެވޭނެ ގޮތް، ގައުމީ ކިއުއާރު މިންގަނޑު ކަމަށްވާ ޕޭ އެމްވީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ހެދޭނެ ކަމަށް މުނައްވަރު މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ