ގއ އަތޮޅު ކައުންސިލް މުއައްޒަފުން ބްރޭކެއް ނުނަގައި 31 ގަޑިއިރު އޯޓީ ނެގި މައްސަލައެއް

ގއ އަތޮޅު ކައުންސިލްގެ މުއައްޒަފުން ބްރޭކެއް ނުނަގައި 31 ގަޑިއިރު އޯޓީ ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި  މައްސަލަ ފެންމަތިވެފައިވަނީ، އޮޑިޓަރ ޖެނެރަލް ނެރުއްވި ގއ.އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލް އިދާރާގެ 20 މުއައްޒަފަކު އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 783،792 ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާކަމަށެވެ. އެގޮތުން މިއީ މުއައްޒަފުންގެ އަސާސީ މުސާރައިގެ 71 އިންސައްތަކަން ވަނީ ފާހަގަކޮށްފައެވެ.
މުއައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދީފައިވަނީ ސުޕަވައިޒަރު އެޕްރޫވް ކޮށްގެން ނަމަވެސް އޮޑިޓްގެ ތެރެއިން ބެލިބެލުމުން އިތުރު ގަޑީގެ ގޮތުގައި ލިޔެފައިވާ ގަޑިތަކަކީ ހަޤީޤަތުގައިވެސް މަސައްކަތުގައި ހޭދަކުރި ވަގުތުތައް ކަމާމެދު ސުވާލު އުފެދޭކަމަށް އޮޑިޓްގައި ފާހަގަކޮށްފައެވެ.
އެގޮތުން އޮޑިޓަރުން ސާމްޕަލް އުސޫލުން ބެލި އިދާރާގެ ދެ މުއައްޒަފެއްގެ އިތުރުގަޑީގެ ގޮތުގައި އެއްދުވަހުން ފެށިގެން އަނެއްދުވަހާއި ހަމަޔަށް އެއްވެސް ބްރޭކެއްނެތި އިތުރުގަޑި ލިޔެ، ވަނީ އެޕްރޫވްކޮށްފައެވެ.
 އޯޓީ ނެގި މައުލޫމާތު އަންގައިދޭ ތާވަލް..
މިކަމާ ގުޅިގެން އޮޑިޓް ރިޕޯޓްގައި އިސްލާހްކުރަންދިން ލަފާގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އިތުރު ގަޑީގައި ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ލޮގްކޮށް ހުއްދަ ހޯދަމުން ގެންދިއުމަށާއި، އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފައިވާކަމަށް ލޮގްކޮށްފައިވާ ގަޑިއަކީ ހަޤީޤަތުގައިވެސް މަސައްކަތްކޮށްފައިވާ ގަޑިއެއްތޯ ޔަގީންކޮށް އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތްތަކަކީ ރަސްމީ ގަޑީގައި ނިންމާ ނުލެވޭފަދަ މަސައްކަތެއްތޯ ބަލައި އެކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާ ނުދިނުމަށެވެ.
މީގެ އިތުރުން ކައުންސިލް އިދާރާގެ އިތުރުގަޑީގެ މަސައްކަތްތައް ކުރުވުމާއި މޮނީޓަރ ކުރުމުގައި ގެންގުޅޭ އެތެރޭގެ މުއާމަލާތްތައް ހަރުދަނާކުރުމަށްވެސް ވަނީ ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ