ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުމަށް މޯލްޑިވްްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފެއްދި "ޕޭމަންޓް މޯލްޑިވްސް" ކުންފުނި މިއަދު އިފްތިތާހުކޮށްފި އެވެ.
މިއީ އެމްއެމްއޭގެ ނަމުގައި އެ ބޭންކުގެ 60 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނި އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ.
މި ކުންފުނި ވެގެންދާނީ ރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ހަމައެހެންމެ، ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިގްތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާނީ މި ކުންފުނިން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި ކުންފުނި އުފެދިގެން ދިޔުމާއެކު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ގެ ހިންގުން އެ ކުންފުނީގެ ދަށަށް ބަދަލުވެގެންދާނެ އެވެ. އެމްއެމްއޭއިން ބުނީ އެ ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއައްޔަތުތަކާއި މުޅީން ވަކީން ވަކި މެނޭޖުމެންޓެއްގެ ތެރެއިން ކަމަށެވެ.
"މިހާރުވެސް ފެށިގެން ކުރިޔަށްދާ މުހިއްމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިޔާގެ ޔޫޕީއައި އާއި ގުޅާލާ ކްރޮސް ބޯޑަރ އިންޓަރގްރޭޝަން ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތްވެސް ދެން ކުރިޔަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސްއިން،" އެމްއެމްއޭއިން ބުނެ އެވެ.
މި ކުންފުނި އުފެއްދުމަށް މަގުފަހި ކުރުމަށް އޮގަސްޓު މަހު ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް މަޖިލީހުން ބައެއް ބަދަލުތައް ގެނަ އެވެ.
ގައުމީ ޕޭމަންޓް ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން އެމްއެމްއޭއިން ބުނެފައި ވެ އެވެ.
އެމްއެމްއޭގެ ކުންފުނި، ޕޭމަންޓް މޯލްޑިވްސް އިފްތިތާހުކޮށްފި އެމްއެމްއޭގެ ކުންފުނި، ޕޭމަންޓް މޯލްޑިވްސް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ