މީޑިއާގެ މިނިވަންކަމާ މެދު އެންމެން އަޅާލަން ޖެހެނީ ކީއްވެ؟

މި މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނާ މެދު އާންމުންގެ ގިނަ ބައެއްގެ މެދުގައި ވަނީ ހިޔާލުތަފާތުވުން ބޮޑުވެފަ އެވެ. މީޑިއާއަށް ނިސްބަތްވާ ފަރާތްތަކުންނާއި، އާންމުންނާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ، މިނިވަންކަމާ މެދު ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. މި ބަހުސްގައި އިވޭ އެއް ސުވާލަކީ، މީޑިއާއަށް ނިސްބަތްނުވާ މީހުން، މީޑިއާގެ މިނިވަންކަމަށް އެހައި ވަކާލާތު އެ ކުރަނީ ކީއްވެގެން ހެއްޔެވެ؟ މި ލިޔުމުގައި މި ބަލައިލަނީ، މިކަމާ ގުޅޭ ގޮތުންނެވެ.
މީޑިއާގެ މިނިވަންކަމާ މެދު ކޮންމެ މީހަކު ވެސް އަޅާލަން ޖެހެ އެވެ. މީޑިއާގެ މިނިވަންކަމުގެ ދިފާއުގައި ތެދުވާން ޖެހެ އެވެ. ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ކުރު، ސާދާ ޖަވާބަކަށް ވާނީ، މީޑިއާގެ މިނިވަންކަމަކީ ހަމައެކަނި މީޑިއާ އާއި ނޫސްވެރިންނަށް ލިބޭ އިމްތިޔާޒުތަކެއް ނޫންކަމެވެ. އެ މިނިވަންކަމަކީ، އެހެން މީހުންނަށް ގާނޫނު ކަށަވަރުކޮށްދޭ މިނިވަންކަމާއި އެހެން ހައްގުތައް ހިމާޔަތްކުރުމުގެ ވަސީލަތެއް ވެސް ކަމެވެ.
މިނިވަން މީޑިއާއަކީ، ޑިމޮކުރަސީއެއްގެ ރުކުނެކެވެ. ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ޅ) ބުނާ ގޮތުން، ޑިމޮކުރަސީގެ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެކެވެ. ހަމަ އެމާއްދާގެ (ބ) ގައި، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ގާނޫނުގެ ވެރިކަން ހިންގުމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތުން ލާޒިމުކޮށްފައިވެ އެވެ. ގާނޫނުގެ ވެރިކަމަކީ ދައުލަތް ހިންގަން ހަމައެކަނި ގާނޫނުތަކަކުން ދައުލަތް ހިންގުމެއް ނޫނެވެ. އޭގެ ތެރޭގައި، އެ ގާނޫނުތައް އިންސާފުވެރިތޯ އާއި ތަންފީޒުކުރެވެނީ ހަމަހަމަކަމާ އެކު ހާމަ ގޮތެއްގައިތޯ އާއި އެ ތަންފީޒުކުރަން ތިބޭ ފަރާތްތައް ޖަވާބުދާރީ ކުރުވުން ވެސް ހިމެނެ އެވެ. މިކަންކަން ކުރުވުމުގައި، ގާނޫނުއަސާސީގެ 27 ވަނަ މާއްދާ (ހިޔާލުފާޅުކުރުމުގެ މިނިވަންކަން) އާއި 28 ވަނަ މާއްދާ (ނޫސްވެރިކަމުގެ މިނިވަންކަން) އިން ލިބިދޭ މިނިވަންކަން އިސް ދައުރެއް އަދާކުރެ އެވެ. ވީއިރު، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އިހުތިރާމްކޮށް އެކަންކަން ދިފާއުކުރުމަކީ، ކޮންމެ މީހެއްގެ މަސްއޫލިއްޔަތެކެވެ.
މީހުންގެ ހައްގުތަކާއި މިނިވަންކަމުގެ ދާއިރާ ކިޔައިދީ، އެ ކަންކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގައި މީޑިއާގެ ބޭނުން ބޮޑެވެ. މީހުންގެ ހައްގުތަކަށް އަސަރުކުރާ ކަންކަން، ގައުމުގެ ސަމާލުކަމަށް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ މީޑިއާ އެވެ. ހައްގުތައް ހަނިކުރާ ނަމަ މީޑިއާއިން އެކަމުގެ ތަހުގީގުކޮށް ސުވާލުކުރެވެ އެވެ. މީހަކު އެކަނިމާއެކަނި ދައްކާ ވާހަކައިގެ ނުވަތަ ޝުއޫރުގެ އަޑު ގަދަކޮށްދެނީ މީޑިއާގެ ޒަރީއާއިންނެވެ. އޭގެ އަޑު އިވޭ އޯޑިއަންސް ބޮޑުކޮށްދެނީ މީޑިއާއިންނެވެ. އޭގެ އަސަރު ބޮޑުކޮށްދެނީ މީޑިއާއިންނެވެ. އޭގެ ބާރު ގަދަކޮށްދެނީ މީޑިއާއިންނެވެ.
މީޑިއާގެ މިނިވަންކަން ނެތް ނަމަ، މީހުންގެ ޝުއޫރުތަކާއި ހިޔާލުތަކާއި، ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ޝާއިއުކުރުމަށް މީޑިއާ ފަސްޖެހޭނެ އެވެ. ދެން ކުރިމަތިވާނެ ހާލަތަކީ، ހަބަރުތައް ގެނެސްދިނުމުގައި، ފުރިހަމަ މައުލޫމާތު އުނިވާ ބާގަނޑުތައް ހުންނަ ލިޔުންތައް ފެނުމެވެ. ގައުމާއި މުޖުތަމައުގެ އަސްލު ހާލަތު މީހުންނަށް ނޭނގުމެވެ. ސިޔާސަތުތަކާއި، އިޖުތިމާއީ މައްސަލަތަކުގެ ހަގީގީ މަންޒަރު ނުފެނި، ހަގީގީ އަޑު ނީވުމެވެ. އެފަދަ ވެއްޓެއްގައި، ކުރަން ޖެހޭ ސުވާލު ކުރާކަށް މީހުންނަކަށް ނޭނގޭނެ އެވެ. އެކި ފަރާތްތަކުގެ ސިޔާސަތުތައް އަޅާބަލައި، ފާޑުކިޔާކަށް ނޭނގޭނެ އެވެ. ބަޖެޓުގެ އަދަދުތަކާއި، މަޝްރޫއުތަކަށް، ނުވަތަ ހަރަދުތަކާއި ނިޒާމުތަކަށް ގޮތެއް ކިޔާކަށް، ސުވާލެއް ކުރާކަށް ނޭނގޭނެ އެވެ. އެފަދަ ތަނަކުން ފެންނާނީ، ހިނގަމުންދާ ކަންކަމުގެ ރޭކާނުލާ، ކުރިމަގަށް ތަދުބީރެއް ކުރަން ނޭނގޭ މުޖުތަމައެކެވެ.
މިނިވަން މީޑިއާއަކުން އަދާކުރާ އެންމެ މުހިންމު އެއް ވަޒީފާއަކީ، ދައުލަތުގެ ކަންކަމާއި، ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުންނަށް ފާރަވެރިވެ، އެމީހުން ޖަވާބުދާރީ ކުރުވުމެވެ. ސިޔާސަތުތަކާއި، ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުންގެ އަމަލުތަކާ މެދު ފާރަވެރި ނަޒަރަކުން ބަލައި، އެކަންކަން މީހުންގެ ސަމާލުކަމަށް ގެނައުމެވެ. ސިޔާސަތެއް ކަމުނުދާ ނަމަ ނުވަތަ މީހެއްގެ އަމަލަކުން ގާނޫނާ ފުށުއަރާ ނަމަ، އެކަންކަން މީހުންގެ ސަމާލުކަމަށް ގެނައުމަކީ މީޑިއާއިން ކޮށްދޭ ވަރަށް މުހިންމު ކަމެކެވެ. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، މީޑިއާ މިނިވަން ވެގެންނެވެ. މީޑިއާއަށް، މީހުންގެ އެހީތެރިކަން ލިބި، ދައުލަތާއި ނިޒާމުތަކާއި ވެރިންގެ އަމަލުތަކާ މެދު، ރައްޔިތުން މީޑިއާއަށް ރިޕޯޓުކޮށްދީގެންނެވެ. ދޫ ބަންދުކުރެވިފައިވާ މީޑިއާއެއް އޮންނަ ތަނެއްގައި، ޖެހިލުމެއް، ފިކުރެއް ހިޔާލެއް ނެތި ވެރިކަންކުރާ މަންޒަރު ފެނުމަކީ ގާތް ކަމެކެވެ. ކޮރަޕްޝަނުން މުޅި މާލިއްޔާ ދޮވެލިޔަސް މީހަކަށް ރޭކާ ވެސް ނުލާނެ އެވެ. ޖަވާބުދާރީ ނުކުރެވޭ ވެރިކަމަކީ ބަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް ބަދުނަސީބެވެ.
މިކަންކަމުން އެނގިގެން ދަނީ، މީޑިއާގެ މިނިވަންކަމަކީ ހަމައެކަނި މީޑިއާގެ ކަމެއް ނޫންކަމެވެ. މީޑިއާގެ މިނިވަންކަމަކީ އެންމެންގެ ހައްގުގައި ބޭނުންވާ މިނިވަންކަމެއް ކަމެވެ. އެ މިނިވަންކަމުން، އެންމެންގެ ހައްގުތަކާއި މިނިވަންކަމަށް ހިމާޔަތްތެރިކަން ހޯދޭ ކަމެވެ. އެ މިނިވަންކަން ނެތް ނަމަ، މީހުންގެ ހައްގުތައް ނިގުޅައިގަތަސް، އަދުލުއިންސާފު ނުލިބުނަސް، ދައުލަތުގެ ބައިތުލްމާލު ހުސްވިޔަސް، އެއްޗެއް ނުބުނެވޭނެ ކަމެވެ. އެ ހާލަތު އެހެން އޮތްކަން ނޭނގި ވެސް ހިނގައިދާނެ ކަމެވެ. އެނގުނަސް، އަޑުއުފުލުމުގެ ބަދަލުގައި ޖެހޭނީ ސިމިސިމިލައްވާން ކަމެވެ. މީޑިއާއަކީ، ކޮންމެ މީހެއްގެ ތާޅަފިއްޔެއްކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ