ބެންފީކާގެ ރައީސަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ވީ ކްލޮޕް ގެންނަން މަސައްކަތްކުރާނެ ކަމުގެ ވައުދެއް ބެންފީކާގެ ރައީސަކަށް ކުރިމަތިލާ ކެންޑިޑޭޓަކު ވީ ކްލޮޕް ގެންނަން މަސައްކަތްކުރާނެ ކަމުގެ ވައުދެއް

ލިޒްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 12) - ޕޯޗުގަލްގެ ވަރުގަދަ ފުޓްބޯޅަ ކްލަބް، ބެންފީކާގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް، ކްރިސްޓޮވާއޯ ކަވާލިއޯ، އެ ޓީމުގެ ކޯޗަކަށް ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ގެންނަން މަސައްކަތް ކުރާނެ ކަމަށް ބުނެ ވައުދުވެއްޖެ އެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހު ބާއްވާ ބެންފީކާގެ އާ ހިންގާ ބޯޑުގެ އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓް ކަމަށްވާ ޖޮއާއޯ ނޮރޯނިއާ ލޮޕޭޒް ވަނީ އެ ޓީމުގެ ކުރީގެ ތަރި، މިހާރު މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކުރަމުން އަންނަ ބެނާޑޯ ސިލްވާ އަލުން ބެންފީކާ އަށް ގެންނާނެ ކަމަށް ބުނެ ވައުދުވެފަ އެވެ. އެއާ ވިއްދައި، ކަވާލިއޯ ވަނީ، މިދިޔަ އަހަރު ލިވަޕޫލް ދޫކޮށް، ކޯޗިން އިން ދުރުވެފައިވާ ކްލޮޕް ގެންނަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
"އަހަރެން ހޮވިއްޖެނަމަ، ބްރޫނޯ ލާޖް (މިހާރު ހުރި ކޯޗު) މި ސީޒަނުގެ ނިޔަލަށް އޮތް ކޮންޓްރެކްޓަށް ފަހު ނުހުންނާނެ. އަހަރެން ބޭނުންވަނީ އެންމެ މަތީ ފަންތީގެ ކޯޗެއް މި ޓީމުގައި ހުންނަން. ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަދި ބެންފީކާއާ އެކު ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާނެ ކޯޗެއް އަހަރެން ބޭނުމީ،" ކަވާލިއޯ ބުންޏެވެ.
"އަހަރެން ސިކުނޑި އަށް އަންނަ ހަމައެކަނި ނަމަކީ ކްލޮޕް. އޭނަ (ކްލޮޕް) ވަނީ އެއް ފަހަރެއްގައި ބުނެފައި. ބެންފީކާ އަކީ ވަރަށް ފުރިހަމަ ކްލަބެކޭ، ކޮންމެ ވެސް ދުވަަހަކުން ކޯޗުކޮށްދޭން ޝައުގުވެރިވާ. އެހެންވީމަ، މި ގޮތަށް ބުނާ މީހެއްގެ ހުންނާނެ އެހެން މީހުންނަށް ވުރެން ބޮޑަށް މިކަން ކުރުމުގެ ޝައުގުވެރިކަން،"
ނުވަ އަހަރަށް ފަހު ލިވަޕޫލް ކޯޗުކަމުން މިދިޔަ އަހަރު ވަކިވި، ކްލޮޕް ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެެށިގެން، ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. ދާދި ފަހުން، އެކި ފޯރަމްތަކުގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ ކޯޗިން އަށް އެނބުރި އައުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބުނެފަ އެވެ.
ކްލޮޕް ވަނީ، ފީފާ ބެސްޓް އެވޯޑްސްގައި ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. ބްރެޒިލްގެ ކޯޗުކަމާއި ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ އިތުރުން، ރޯމާގެ ކޯޗުކަމާ ކްލޮޕް ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި މިިދިޔަ އަހަރެއްހާ ދުވަސްތެރޭ އެކި ދުވަސްވަރު ވާހަކަ ދެކެވުނުއިރު، ކްލޮޕްގެ އޭޖެންޓް، މާކް ކޯސިކޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ