ސުޕްރީމް ކޯޓުން މުއިއްޒަށް ސަނާކިޔުމުން ފާޑުކިޔުން ސުޕްރީމް ކޯޓުން މުއިއްޒަށް ސަނާކިޔުމުން ފާޑުކިޔުން

އަންނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީން ވަކި ޕަސަންޓެއް ކަނޑައަޅާ، އެފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ސަރުކާރުން ނިންމުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ރައީސް މުހައްމަދު މުއިއްޒަށް ސަނާކިޔުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް، މުއިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުމަށް ނިންމީތީ ޝުކުރު އަދާކުރާ ކަމަށެވެ.
"މިނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ޤާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު ދަންނަވަން،" ސުޕްރީމް ކޯޓުން ބުންޏެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އެކްސް ގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް ސުޕްރީމް ކޯޓުން ސަނާ ކިޔުމަކީ "އަންއެތިކަލް" ކަމެއް ކަމަށެވެ.
"ޝަރުއީ މުއާމަލާތްތައް ކުރަންވާނީ، ޝަރުއީ ނިޒާމުގެ ނަޒާހަތްތެރިކަމަށް ބުރޫއަރާފަދަ އާންމު މަޝްވަރާތަކުގެ ބަދަލުގައި، އެކަށީގެންވާ ގޮތްތަކުން،" އޭނާ ވިދާޅުވި އެވެ.
ބައެއް އާންމުން ބުނީ ސުޕްރީމް ކޯޓުގެ ޕޯސްޓުން ދޭހަވީ ޖުޑީޝަރީގެ މިނިވަންކަން ނެތް މިންވަރު ކަމަށާއި އޭގެ ސަބަބުން އާންމުން ޖުޑިޝަރީއަށް ކުރާ އިތުބާރު ވެސް ކުޑަވާނެ ކަމަށެވެ.
މީގެ އިތުރުން ބައެއް މީހުން ބުނީ ސުޕްރީމް ކޯޓުން ސަރުކާރަށް ތާއީދުކޮށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ސަނާކިޔުމަކީ ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިން ތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން މިކަމަށްޓަކާ ގާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީހީ މުހިންމު ނިންމެވުމެއް ކަމުގައި ދެކޭ ކަމަށާއި އެ ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ މައްސަލަތަކަކަށް ހައްލު ހޯދުމަށް ފަސޭހަވެ އަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތް އިތުރު ހަލުވިކަމެއް އަންނާނެކަމަށް އުއްމީދުކުރާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ