އިންތިހާބު ފަސްކޮށްފިނަމަ ގާނޫނީ ހުސްކަމަކަށް ދާނެ: މައުމޫން

އަންނަ ޖެނުއަރީގައި ބޭއްވުމަށް ނިންމާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ފަސްކޮށްފި ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ޖެނުއަރީގައި ބާއްވަން ނިންމާފައިވާ އެ އިންތިހާބު ދެމަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާގެ އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުގައި އޮތް ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެ "ޕާޓީގެ ބައެއް ފަރާތްތަކުން" ހުށަހަޅާފައިވާ މައްސަލައަކީ ހަމައެކަނި ޕާޓީގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށްޓަކައި، އެހެން ހުރިހާ ސިޔާސީ ޕާޓީތަކާ ކެނޑިޑޭޓުންގެ މަސްލަހަތު ގެއްލޭގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ ކަންތައް އެގޮތަށް އޮތުމުން އެ ފެކްޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށް މިރޭ ނެރުނު ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށެވެ. އެގޮތުން އެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު ކައުންސިލް އިންތިހާބު ކުރަންވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އެހެންކަމުން މިހާރު ތިބި ކައުންސިލްތައް އިންތިހާބުކޮށްފައި ވަނީ 27 ފެބްރުއަރީ 2017 އަށް ކަމަށާއި އާ ކައުންސިލް އިންތިހާބު ކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 27 ގެ ކުރިން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވަންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ