އަލް އިއްތިހާދު ބަލިކޮށް، ސެމީފައިނަލުގެ ފުރަތަަމަ ޖާގަ އަލް ހިލާލަށް!

މިހާރު ކުރިއަށްދާ އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ވާދަވެރި އަލް އިއްތިހާދު 3-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލްގެ ފުރަތަަމަ ޖާގަ އަލް ހިލާލުން ހޯދައިފިއެވެ.
މެޗުގެ ފުރަތަަމަ ހާފުގައި އަލް ހިލާލް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާބިއާގެ މިޑްފީލްޑަރު ސަވިޗް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ރުބެން ނެވޭސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގައި އަލް ހިލާލް އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މިޑްފީލްޑަރު ސަލީމް އަލް ދައުސާރީ އެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް އިއްތިހާދުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރިއިރު، ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަކޮއްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮމަރިންހޯ އެވެ.
އަލް ހިލާލް އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ.
ނަތީޖާގެ ފަރަގު ކުޑަކުރުމަށް އަލް އިއްތިހާދަށް ފަހުހާފުގެ 79 ވަނަ މިނެޓުގައި ވަނީ ރަނުގެ ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ. އަލް ހިލާލްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން އަލް އިއްތިހާދަށް ލިބުނު ޕެނަލްޓީގައި ކަރީމް ބެންޒީމާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ސައުދީގެ އަލް ނަސްރު މާދަމާ ރޭ 20:00 ގައި ނުކުންނާނީ މޮރޮކޯގެ ރާޖާ ކަސަބުލަންކާ އާއި ދެކޮޅަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ