ފުރަތަމަ ބުރުގައި މާފަރުން ލިބިވަޑައިގެންނެވި ކާމިޔާބީ މުއިއްޒު ސިފަކުރެއްވީ ތަރައްގީ ބޭނުންވެފައިވާ މިންވަރުގެ ގޮތުގައި!

ފުރުތަމަ ބުރުގައި ނ. މާފަރުން ހޯއްދެވި ކާމިޔާބީ ފާހަގަ ކުރައްވާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅުގެ މާފަރަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އެ ނަތީޖާއިން އެނގިގެން ދަނީ މާފަރުގެ ރައްޔިތުން މާފަރުގެ ތަރައްގީއަށްޓަކައި ކުރިއަށްދާން ބޭނުންވާ މިންވަރު ކަމަށާއި ނަތީޖާ ނެރެން ބޭނުންވާ މިންވަރު ކަމަށެވެ. އަދި ދެވަނަ ބުރުގައި އެއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާނެކަން ޔަގީން ވެވަޑައިގަންނަވާކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ މާފަރުން އިދިކޮޅު ޕީޕީއެމް، ޕީއެންސީއަށް މެޖޯރިޓީ ލިބުނު ފުރަތަމަ އިންތިހާބެވެ. އެގޮތުން މި އިންތިހާބުގައި ޑރ. މުއިއްޒަށް ވަނީ 218 ވޯޓު ލިބިވަޑައިގެންފައެވެ. އަދި މުއިއްޒުއާއެކު ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާފަރުން ލިބިވަޑައިގަތީ 193 ވޯޓެވެ.
މާފަރުގެ ބައްދަލުވުމުގައި މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މާފަރުގެ ފަޅުތެރެއިން އިހުތިސޯސުން ވަކި ކޮށްފައިވާ ބައި މާފަރުގެ އިހުތިސޯސްގެ ތެރޭގައި އަލުން ހިމަނުއްވައިދެއްވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނީ ދައުރު ނިމެން ކައިރިވެ، އިންތިހާބު ކައިރިވުމުން ނޫން ކަމަށާއި އެކަން ކުރައްވާނީ ވެރިކަމާ ހަވާލުވެވަޑައިގެން ދެތިން މަސް ދުވަހުގެ ތެރޭގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާފަރުގައި އެއާޕޯޓެއް އޮތުމާއެކު ޓޫރިޒަމް ކުރިއެރުވުމުގެ ފުރުސަތުތައް އެބަ ހުރި ކަމަށާއި ތަރައްގީގެ މަގުގައި ކުރިއަށް ދިޔުމަށް މާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށެވެ.
މި ސަރުކާރުގެ ސިއްހީ ޕޮލިސީ ފެއިލްވެފައި ކަން ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ވެސް ވީރާނާ ވެފައިވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަކީ މުއިއްޒުގެ ސިޔާސަތެއް ކަމަށާއި އެގޮތުން މާފަރުގެ ސިއްހީ ނިޒާމު ވެސް ރަނގަޅު ފެންވަރަކަށް ބަދަލު ކޮށްދެއްވާނެ ކަމަށެވެ.
މާފަރަށް ހުރި ކަންކަން ހާމަ ކުރައްވައި މުއިއްޒު ވަނީ މާފަރުގެ ފަޅު ތެރޭގައި ރިސޯޓެއް ހަދައިދެއްވާނެ ކަމަށާއި މާފަރުގެ ކަރަންޓް ނެޓުވޯކުަގއި މިހާރު ލޯޑް ހިފެހެއްޓޭ ވަރު ނެތުމުން ކެޕޭސިޓީ އިތުރުކޮށް އެކަންކަންވެސް ރަނގަޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ފުޓްބޯޅައަށް މާފަރުގައި އޮތް ޝައުގުވެރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާފަރުގައި ފުޓްބޯޅަ ދަނޑެއް އޮތް ނަމަވެސް އެ ދަނޑު ފުރިހަމަ ނުވާ ކަމަށާއި ފުރިހަމަ ވެފައިވާ ދަނޑެއްގައި ލައިޓްޖަހާއި ޗޭންޖިން ރޫމާއި ސިޑިބަރިވެސް ހުންނަން ވާނެކަން ފާހަގަކުރައްވާއެވެ. އެގޮތުން މުއިއްޒުގެ ވެރިކަމެއްގައި ކޮންމެ ފެންވަރެއްގެ މެޗެއްވެސް ކުޅެވޭ ފެންވަރުގެ ދަނޑެއް މާފަރުގައި ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު އުތުރުގެ ބައެއް ރަށްރަށަށް މިއަދު ފުރާވަޑައިގެންނެވި އިރު، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ