މައުމޫން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދެވުމުން މަހުލޫފު މަރުހަބާ ކިޔައިފި
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ތާއީދު އަނބުރާ ގެންދެވީތީ، މިވަގުތު މާފުށި ޖަލުގައި އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފު ރައީސް މައުމޫނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ. މަހުލޫފު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތައް ނަހަމަ ގޮތުގައި ސަރުކާރުން ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެ ބަޔާނުގައި މަހުލޫފު ވިދާޅުވީ ސިޔާސީ ޕާޓީތައް ނައްތާލުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ބިރު ދެއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. "ރާއްޖޭގެ ތާރީހުގައި ކަޅު އަކުރުން ލިޔެވޭ ވަރަށް ކޮރަޕްޝަން އާންމުކޮށް އަދި ބޭރު ދުނިޔެ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް ކަނޑާލައިފައިވާ މި ދަނޑިވަޅުގައި ގައުމާއި ރައްޔިތުން އިސްކުރައްވާ ރައީސް ޔާމީންގެ ސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާ އަދި ކުރިއަށް އޮތްތަނުގައި ވެސް ރައީސް ޔާމީނުގެ ސަރުކާރަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް މައުމޫން އިއުލާނުކުރައްވާފައި ވާތީ އެމަނިކުފާނަށް ]ރައީސް މައުމޫން[ އަޅުގަނޑު ޝުކުރު ދަންނަވަމެވެ،" މަހުލޫފުގެ ބަޔާނުގައި ބުނެފައިވެ އެވެ. މަހުލޫފުގެ ބަޔާނުގައި ވިދާޅުވީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ކަމަށް އިއުލާނުކުރެއްވި ރައްޔިތުން މަޖިލީހުގެ އަށް މެމްބަރުން ވެސް ދެއްކެވީ ހިތްވަރުގަދަ ކަމުގެ މިސާލެއް ކަމަށެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މަހުލޫފު އެޕާޓީން ވަކިކޮށްފައި ވަނީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު އެވެ. އޭނާ އެޕާޓީން ވަކިކޮށްފައި ވަނީ ރައީސް މައުމޫންއާ ގުޅޭ ގޮތުން މަހުލޫފް ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން އާންމު މެމްބަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެތީ ކަމަށް އޭރު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުމުގައި ބުނެފައިވެ އެވެ. އޭނާ އެޕާޓީން ވަކި ކުރެއްވި ދުވަހު ވިދާޅުވީ ޕީޕީއެމް ދޫކޮށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭނާ އެ ދުވަހު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރައީސް މައުމޫންއާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި ރައީސް މައުމޫންގެ އެއްބާރުލުން ހަދާން ނުނެތޭނެ ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރަށް ކުރެއްވި ތާއީދު ރައީސް މައުމޫނު އަނބުރާ ގެންދެވިކަން އިއުލާނު ކުރެއްވުމުން އެކަމަށް މަހުލޫފު މަރުހަބާ ވިދާޅުވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ރައީސް މައުމޫނަށް ބައިއަތު ހިތްޕަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ