ސާޖިދާއަށް ޑީޖީގެ މަގާމު ނުދިން މައްސަލަ ހައިކޯޓުން ނިންމީ ރަނގަޅަށް: ސުޕްރީމް ކޯޓް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ނުދޭން ނިންމި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
2 އޮގަސްޓް 2020 ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ސާޖިދާ މުޙައްމަދު ވަނީ ކުރިމަތިލައްވާފައެވެއެވެ. އަދި މިނިސްޓްރީން ސިޓީއަކުން ސާޖިދާއަށް އަންގާފައިވަނީ އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި އިންޓަރވިއު މަރުޙަލާއަށްފަހު ސާޖިދާ މުޙައްމަދު އެ މަޤާމަށް ހޮވިފައިވާކަމަށާއި، ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ކުރަމުންދާކަމަށެވެ.
ނަމަވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހިންގުމުގެ ގަވާއިދަށް 2021 ގައި ގެނެވުނު ބަދަލާއިއެކު ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލު ކޮށްފައިވާކަން ހެލްތް މިނިސްޓްރީން އިއުލާން ކުރިއެވެ. އެއަށްފަހު 11 މޭ 2022 ގައި ސިވިލް ސަރވިސް ކޮމިޝަނުން އެ މަގާމަށް މީހަކު ހޯދުމަށް އަނެއްކާވެސް އިއުލާނެއްކޮށްފައިވެއެވެ. އެހެންނަމަވެސް، މި އިޢުލާނު ކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގައި ސާޖިދާގެ ފަރާތުން ވިދާޅުވެފައިވެއެވެ.
ހެލްތު މިނިސްޓްރީގެ އިއުލާނު ބާޠިލުކޮށްފައިވަނީ ސާޖިދާ އަށް ވަޒީފާ ނުދިނުމަށްކަމަށް ދެކިވަޑައިގެން ސާޖިދާ ވަނީ އިއުލާނު ބާޠިލުކުރި ކުރުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައިދީ، އިޢުލާނު ބާޠިލުކުރި ހިސާބުން ވަޒީފާގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސް ސިވިލްކޯޓުން ބުނެފައިވަނީ މައްސަލަ ބެލުމުގެ ހައްގު އޮތީ ޓްރައިބިއުނަލްއަށް ކަމަށެވެ.
އެއަށްފަހު އެ މައްސަލައިގައި ޓްރައިބިއުނަލުން ނިންމީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކަށް ތަފާތު ކޮށްފައިވަނީ ކޮން ދާއިރާއަކުން ނުވަތަ ކޮން ހަމައަކުންކަން ބަޔާންކޮށްދީފައި ނުވާތީ ސާޖިދާ މުޙައްމަދު އެދިފައިވާ ފަދަ އަމުރެއް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި އަދި ފަނޑިޔާރުންގެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސާޖިދާ މުޙައްމަދު ހުށަހެޅި އިސްތިއުނާފުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނެތްކަމަށެވެ. ވުމާއެކު، ހައިކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ސާޖިދާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ތަފާތުކުރުމުގެ ވާހަކަ މި މައްސަލައިގައި އެއް ނުކުތާއެއްގެ ގޮތުގައި ހިމެނޭއިރު، މި މައްސަލައިގައި ޝަކުވާ ކޮށްފައިވަނީ އެހެން މީހަކަށް ވަޒީފާ ދިނުމުގެ ކުރިން ކަމަށްވެފައި، ތަފާތުކުރެވިފައިވަނީ ކޮން ފަރާތްތަކެއްގެ މެދުގައިކަމާއި، ތަފާތު ކޮށްފައިވާ ގޮތަކީ ކޮބައިކަން އެނގެން ނެތް ކަމަށެވެ.
ސާޖިދާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އިސްތިއުނާފު ބިނާކޮށް ހުށަހަޅާފައި އޮތްގޮތުން، ހައިކޯޓަށް މައްސަލަ ބަލައިގަތުމަށްޓަކައި ބޭނުންވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާވަރުގެ ޤާނޫނީ ބަހުސެއް އޮތްކަން ބަޔާންކޮށްދެވިފައި ނުވާ ކަމަށާއި، އެހެންކަމުން ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ބުރަވެވޭކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ