ސެމްސަންގް ގެލެރީ އާއި މައިކްރޯސޮފްޓް ވަންޑްރައިވް ސިންކްކުރާ ނިޒާމު ހުއްޓާލަނީ
ސެމްސަންގް ގެލެކްސީ ފޯނުތަކުގެ ގެލެރީ އެޕްލިކޭޝަން، މައިކްރޯސޮފްޓް ވަންޑްރައިވް އާ ސީދާ ސިންކް ކުރެވޭ ނިޒާމު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުއްޓާލުމަށް އަންނަ ސެމްސަންގާއި މައިކްރޯސޮފްޓް އިން ނިންމައިފިއެވެ. މި ބަދަލާއެކު، އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ދެ ޚިދުމަތް އެކީގައި ސީދާ ގުޅުވައެއް ނުލެވޭނެއެވެ. މި ނިންމުމުގެ ސަބަބުން، ވަންޑްރައިވްގައި ރައްކާކޮށްފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތައް ސެމްސަންގް ގެލެރީ އެޕުން ދެން ފެންނާކަށް ނުހުންނާނެއެވެ. އަދި ސެމްސަންގް ސްމާޓް ޓީވީތަކާއި އެހެނިހެން ޑިވައިސްތަކުން ވެސް ވަންޑްރައިވް މެދުވެރިކޮށް ފޮޓޯ ބެލުމުގެ ފުރުސަތު ބަންދުވާނެއެވެ. ނަމަވެސް، މިހާތަނަށް ސިންކް ކުރެވިފައިވާ ހުރިހާ ފޮޓޯތަކެއް ވަންޑްރައިވް އެކައުންޓުގައި ރައްކާތެރިކަމާއެކު ހުންނާނެ ކަމަށާއި، ބޭނުންނަމަ އެ ތަކެތި އަނބުރާ ފޯނަށް ޑައުންލޯޑް ކުރެވޭނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ. މި ޚިދުމަތް އެއްކޮށް ކެނޑޭނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން --- މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން، މީގެ ކުރިން، ދުވަހަކު ވެސް ވަންޑްރައިވް ސިންކް ޚިދުމަތް ބޭނުންކޮށްފައި ނުވާ ފަރާތްތަކަށް، މިހާރު ސެމްސަންގުން ވަނީ އެ ފުރުސަތު އެޕްލިކޭޝަނުން އުނިކުރަން ފަށާފައެވެ. އަދި މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ސެމްސަންގް އަންޕެކްޑް އިވެންޓުގައި ތައާރަފްކުރާ އައު ފޯނުތަކުގައި ވެސް މި ޚިދުމަތް އެއްގޮތަކަށްވެސް ނުހިމެނޭނެ ކަމަށް ބެލެވެއެވެ. މި ނިޒާމު ހުއްޓާލި ކަމުގައި ވިޔަސް، ސެމްސަންގް ފޯނު ބޭނުންކުރާ ފަރާތްތަކަށް ވަންޑްރައިވްގައި ފޮޓޯ ބެކަޕް ކުރުމުގެ ފުރުސަތު މުޅިން ބަންދެއް ނުވެއެވެ. އެގޮތުން ގޫގުލް ޕްލޭ ސްޓޯރުން މައިކްރޯސޮފްޓް ވަންޑްރައިވްގެ ރަސްމީ އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން، އޭގެ ތެރެއިން އޮޓޯ-ބެކަޕް ނުވަތަ "ކެމެރާ ބެކަޕް" ޚިދުމަތް އެކްޓިވް ކޮށްގެން ކުރިއެކޭވެސް އެއްގޮތަށް ފޮޓޯތައް ކްލައުޑްގައި ރައްކާކުރެވޭނެއެވެ. މީގެ އިތުރުން ފޮޓޯ ބެކަޕް ކުރުމަށްޓަކައި ގޫގުލް ފޮޓޯސް، ޑްރޮޕްބޮކްސް ނުވަތަ އެމެޒޯން ފަދަ އެހެން ކްލައުޑް ޚިދުމަތްތައް ވެސް ބޭނުންކުރެވިދާނެއެވެ. އަދި އަމިއްލަ ޑޭޓާގެ ރައްކާތެރިކަމަށް ލޯބިކުރާ ފަރާތްތަކަށް އިމިޗް ނުވަތަ ނެކްސްޓްކްލައުޑް ފަދަ އަމިއްލަ ސާވަރެއްގައި ފޮޓޯ ރައްކާކުރެވޭ އޯޕަން-ސޯސް ސޮފްޓްވެއާތައް ވެސް ބޭނުންކުރެވިދާނެއެވެ. ސެމްސަންގާއި މައިކްރޯސޮފްޓާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ދަށުން، ގެލެކްސީ ފޯނުތަކުގެ ގެލެރީ އެޕްލިކޭޝަން މައިކްރޯސޮފްޓް ވަންޑްރައިވް އާ ސީދާ ގުޅުވައިލެވޭ ގޮތް ހެދީ ގޫގުލް ފޮޓޯސް ނޫން އެހެން ބެކަޕް ސޮލިއުޝަނެއް ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށެވެ. ޚާއްޞަކޮށް ވިންޑޯޒް 11 ކޮމްޕިއުޓަރު ބޭނުންކުރާ މީހުންނަށް، ފޯނުން ނަގާ ފޮޓޯތައް ވަގުތުން ކޮމްޕިއުޓަރަށް ސިންކްވުމަކީ މީގެ ކުރިން ލިބުނު ބޮޑު ފަސޭހައެކެވެ. ނަމަވެސް، މި ޚިދުމަތް ހުއްޓާލަން ނިންމުމާއެކު، މީގެ ފަހުން ޑޭޓާ ބެކަޕް ކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކައި ޔޫޒަރުންނަށް އަމިއްލައަށް އެހެން ގޮތްގޮތް ހޯދަން މިވަނީ މަޖުބޫރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ