ސްޕެއިން އަތުން ބަލިވެ، ޕޯޗުގަލް ވޯލްޑް ކަޕުން ކަޓައިފި
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.ސްޕެއިނުން މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ތިން ކުޅުންތެރިއަކު ގުޅިގެން ކުރި އެޓޭކެއްގައި ޖެހި ގޯލެކެވެ. އެ ގޮތުން، ފަބިއަން ރުއިޒް ދިން ބޯޅައެއްގައި، ފެރާން ޓޮރޭޒް ހުސްކޮށްލާފައި މެރީނޯ އަށް ޖައްސާލުމުން އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އިތުރު ވަގުުތުގެ ބާކީ އޮތް ބައިގައި ޕޯޗުގަލް އިން ކުރިއަށް ޖެހިގެން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، އޭރިއާތެރެއިން ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ބޮލުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، ޖޮއާއޯ ނެވޭސަށް ބޮލުން ޖަހަން ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ. މި މޮޅާއެކު ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެ ޓީމު ދެން ބައްދަލުކުރަން ޖެހޭނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާ އެވެ. ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދުމުގެ އުއްމީދުގައި ކުރިއަށްދާއިރު، މެޗުގެ އެންމެ ފަހު ވަގުތު ވަން ލަނޑާއެކު ޕޯޗުގަލްއަށް ވަނީ ހިތްދަތި ގޮތަކަށް މުބާރާތާ ވަކިވާން ޖެހިފަ އެވެ. މި މެޗުން ބަލިވި ޕޯޗުގަލް މުބާރާތުން ކެޓުމުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ހޯދުމަށް ދެކެމުން އައި ހުވަފަނެއް މިހާރު ވަނީ ނިމުން އައިސްފަ އެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާ ކުޅޭނެ ފަހު ވޯލްޑް ކަޕްކަން މެޗުގެ ކުރިން އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ