ކޯލިޝަންގެ އެއްބަސްވުމުން ތަންފީޒު ކުރީ އެންމެ 10 އިންސައްތަ: ގާސިމް

ވެރިކަން ކުރާ ކޯލިޝަންގެ އެއްބަސްވުމުގައި ބުނެފައިވާ ކަންކަމުގެ ތެރެއިން ތަންފީޒު ކުރީ 10 އިންސައްތަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާަސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގެ 90 އިންސައްތަވެސް ފުރިހަމަ ނުވާ ކަމަށާއި ފުރިހަމަވީ 10 އިންސައްތަ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކަށްވުރެ މި ސަރުކާރު ރަނގަޅު ކަން ގާސިމް ފާހަގަކުރެއްވި އެވެ.
"ވެރިކަން ލިބުނީމަ ވެރިކަން ލިބުނު ޕާޓީން ވެރިކަން ކުރަމުން ދަނީ ކޯލިޝަން އޮތުމެކޭ ނެތުމެކޭ އެއްގޮތަށް،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބާއި ހަމައަށް މި ކޯލިޝަން ދެމިއޮންނާނެ ކަމާމެދު މިވަގުތު ވަކި އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަަވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން މިހާތަނަށް ކޯލިޝަން ޕާޓީތަކުގެ މެދުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަސައްކަތް ކުރައްވައިގެން ރާއްޖޭގެ ވެރިކަން ހޯއްދަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތަށް މަސައްކަތްކުރެއްވި ނަމަ މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނީ އެމަނިކުފާނު ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމުގެ އިސްލާހަށް ކަމަށް ވިދާޅުވެ ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އާމްދަނީގެ 60 އިންސައްތަ ހަރަދު ކުރީ ގައުމު ތަރައްގީކޮށް ދިވެހިންނަށް ކިޔަވައި ދިނުމަށް ކަމަށެވެ.
ގާސިމް އިބްރާހީމް ވަނީ 2008 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށާއި 2013 ވަނަ އަހަރު އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްވެސް ކޯލިޝަން ހައްދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ