ޙަޤީޤީ ޙާދިސާ: އަންތބަކު ނެތްކަމަށް ބުނެ ދޮގުހަދައިގެން ލޯބިވެރިން ހޯދާ ފިރިހެނުންގެ ޙަޤީޤަތް ހާމަނުކުރީމާ އަނބިމީހާއަށް ލިބޭ އަނިޔާމާބޮޑު! ސަލާމަތްކޮށްދެވެން އޮތީ ހަމަ އަންހެނުންނަށް!

އަހަރެން ކިޔެވީ ރަށުގައި ހުރެގެންނެވެ. ރަށުގައި ވަޒީފާއެއް ލިބުން ދަތިކަމުން މާލެއައީ ވަޒީފާއެއް އަދާކުރާށެވެ. މާލޭގައި ހުރީ އަންހެންކުދިން ބައިތިއްބާ ގެއެއްގައެވެ. 
ވަޒީފާއަދާކުރަން ނޫނީ ބޭރަކަށް ނުދަމެވެ. އަބަދުހެން ހުންނަނީ ގޭގައެވެ. އެވަރުންވެސް މަގުމަތިން ފެންނަ ފިރިހެނަކު ފަހަތުން އަޅުވައިލިއެވެ. އެއީ ރީތިވެސް ޒުވާނެއްކަމުން ވާހަކަދައްކާ ހިތްވިއެވެ. 
ފުރަތަމަވެސް ސުވާލުކުރީ އުޅެނީ ކައިވެނިކޮށްގެންތޯއެވެ؟ އެއީ އެއްވެސް ދެަމަފިރިއެއްގެ ދެމެދަށް ވަނުމަކީ ކުރަން ބޭނުންވާ ކަމަކަށް ނުވާތީއެވެ. އަޅުގަނޑު ފަދަ އެހެން އުޚުތެއްގެ ހިތުގައި ޖައްސާފައި އުފާހޯދަންބޭނުންނުވާތީއެވެ. އެންމެ ކުޑައިރުންސުރެ ދެމަފިރިންގެ ދެމެދަށް ވަންނަ އަންހެނުން ދެކެ ވަރަށް ރުޅި އައުދެއެވެ. މީހަކާ އިނދެގެންހުރެ ހިލޭ އަންހެނުން ހޯދާ ފިރިހެނުން ދެކެ ވަކިން ރުޅިއައުދެއެވެ. އަދި ދޮގުހަދާ މަކަރުހަދާ ފިރިހެނުންނަށް އިންތިހާއަށް ނަފްރަތުކުރަމެވެ. 
ތަކުރާރުކޮށް އެތައް ފަހަރަކު ސުވާލުކުރުމުންވެސް އޭނާ ބުނީ ކައިވެންޏެއް ނުކުރާކަމަށާއި އުޅެނީ އެކަނިކަމަށެވެ. ލޯބިވެރިއަކުވެސް ނުހުންނަ ކަމަށެވެ. އެގޮތަށް ބުނުމުން އަޅުގަނޑުވެސް އޭނާ އާއި ކައިވެނިކުރަން އެއްބަސްވީމެވެ. އެއްބަސްވުމުން ކޮފީއަށް، ރެސްޓޯރަންޓްތަކަށް އަޅުގަނޑު ގެންދަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް ތަނަކަށް ނުދަމެވެ. ބުނަމުން ދިއައީ ކައިވެނީގެ ކުރިން އެއްވެސް ތަނަކަށް ނުދާނެ ކަމަށެވެ. ހުންނާނެ ކޮޓަރިއެއް ކުއްޔަށް ހިފައިދޭން އުޅުމުން އެކަންވެސް ޤަބޫލެއް ނުކުރަމެވެ. އެއީ އޭނާގެ ތަނަކަށް ބަދަލުވެއްޖިއްޔާ ދެން ކުރިމަތިވެދާނެ ކަންކަން ވިސްނޭތީއެވެ.
ދެމީހުންގެ ގުޅުން އޮންނަތާ ދެމަސްވެސް ނުވަނީސް އޭނާ އަންހެނެއްގެ އަތުގައި ހިފައިގެން މަޖީދީމަގުގެ ފިހާރަތަކަށް ވަދެއުޅެނިކޮށް ފެނުނެވެ. އެގޮތަށް ފެނުމުން އޭނާއަކީ ދޮގުވެރިއެއްކަން އެނގުނެވެ. ވަރަށް ރުޅިގަދަވިއެވެ. ވަގުތުން ފަހަތުން ހިނގައިގަތީމެވެ.
ހިނގަމުންގޮސް އަރައިހަމަކުރެވުނީ މަޖީދީމަގުގައި ހުންނަ ޛިކުރާ މިސްކިތާއި ހަމައިންނެވެ. ކުރިމައްޗަށް އަރާފައި މިއީ ކޮން އަނހެނެއްތޯ؟ އަނބިމީހާތޯ؟ ލޯބިވެރިޔާތޯ؟ ސުވާލުކުރީމައި އޭނާ ދިއައީ ސިސއްސައިގެންނެވެ. ޖަވާބުދިނީ އަންހެންމީހާއެވެ. އޭނާ ސުވާލުކުރީ ތިއަ ސުވާލުތައް ކުރަންޖެހުނީ ކީއްވެގެންތޯއެވެ؟ ސަބަބު ވަރަށް ރަނގަޅަށް ކިޔައިދިނީމެވެ. އޭނާ ދެއްކި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. 
ބުނީމެވެ. "އޭނާގެ ފަހަތުން ދުވަނީއެއް ނޫނެވެ. އިރާދަކުރެއްވިއްޔާ އެއްވެސް ފިރިހެނެއްގެ ފަހަތަކުން ނުވެސް ދުވާނަމެވެ. މީނާ އެގޮތަށް ވާހަކަދެއްކީމާ ފުރަތަމަވެސް އަންތބަކު ނުވަތަ ލޯބިވެރިއަކު ހުރޭތޯ ސުވާލުކުރީ އެއްވެސް ދެމަފިރިއެއްގެ ނުވަތަ ދެލޯބިވެރިންގެ ދެމެދަށް ވަނުމަކީ ދުވަހަކުވެސް ކުރަން ބޭނުންވާ ކަމަކަށް ނުވާތީއެވެ. އޭނާ ހެދީ ދޮގުކަން އެނގުމުން، އަމިއްލަ ލޮލަށް ފެނުމުން މިވާހަކަތައް ވަގުތުން މިކިޔައިދިނީ މީނާގެ ޙަޤީޤަތް ކަލެއަށް އަންގައިދިނުމަށެވެ. ނުބުނެ ސިއްރުކޮށްގެން ހުރިނަމަ ކަލޭ ވާވައްދާފައި ބަހައްޓައިގެން އެތައް ކަންތައްތަކެއް ކުރާނެތީ އެކަމުން ކަލޭ ސަލާމަތްކުރުމުގެ ބޭނުމުގައެވެ." 
ފިރިހެން މީހާ އަޅުގަނޑު އެހަދަނީ ދޮގުކަމަށާއި އަޅުގަނޑާއި އެއްވެސް ގުޅުމެއް ނުއޮންނަކަމަށް ބުނުމުން ފޯނުގައި ހުރި އޭނާގެ މެސެޖުތަކާއި ފޮނުވާފައިހުރި ފޮޓޯތައް ދެއްކީމައި އަންހެން މީހާ އަޅުގަނޑަށް ޝުކުރު އަދާކުރިއެވެ. އެހިސާބުން އަނހެން މީހާ އާއި ސަލާމްކޮށްފައި ހިނގައިގަންނަން އުޅުމުން އަޅުގަނޑު ގާތު ބުނީ ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 3 އަހަރުވެއްޖެ ކަމަށާއި ބަނޑަށް 3 މަސް ކަމަށެވެ. ނަންބަރު ދިނީމާ ފަހުން ގުޅާނެ ކަމަށްވެސް ބުންޏެވެ.
މިއީ އަޅުގަނޑަށް ވެވުނު ފުރަތަމަ ލޯބީގެ ފެށުމާއި ނިމުން އައިގޮތެވެ. ދެވަނައަށް ލޯބިވެވުނީ ހަމަ ވަރަށް ރަނގަޅު މީހަކާއިއެވެ. ދެމީހުންގެ މެދުގައި ގުޅުން އުފެދުމާއިއެކު އޭނާ ފުރަތަމަވެސް ބޭނުންވީ ކައިވެނިކުރާށެވެ. ތަންތަނަށް ގެންދާކަށް ނުއުޅެއެވެ. ކޯޓަށް ފޯމުލައިގެން ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 7 އަހަރުވެސް ވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. 
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ ފިރިހެނުން ދޮގުހަދައި މަކަރުހަދައިގެން ދޭން މަސައްކަތްކުރާ ލަނޑުތަކުން ސަލާމަތްވެވެން އޮތީ އަންހެނުން އެކަކު އަނެކަކަށް އެހީތެރިވެގެން ކަމަށެވެ. ކަންކަން ފަޅާއެރީމާ އެތެރެއަށް ހިނދާލައިގެން ރޯންތިބެންވީއެއް ނޫނެވެ. އެފިރިހެނަކު ބޭޒާރުކޮށްލަންވީއެވެ. އެއިރު އެމީހަކަށްވެސް ކޮންމެވެސް އަސަރުތަކެއް ކުރާނެ ނޫންތޯއެވެ؟ 
ލަދުނުގަނެ ހިތްވަރުކޮށްލާފައި އަޅުގަނޑު ކަންތައް ކުރިގޮތަށް ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެއީ ދެމަފިރިއަކު ދުރުކުރެވުނީތީއެއް ނޫނެވެ. އެއީ ނުބައި ނުލަފާ މަކަރުވެރި ފިރިހެނެއްގެ ނުބައިކަމުން އަންހެނަކު ސަލާމަތްކުރެވުނީތީއެވެ. އެކަމަށް އަޅައިނުލިނަމަ ފިރިމީހާގެ ޙަޤީޤަތް އަނބިމީހާއަކަށް ނުއެނގުނީހެވެ. ފަޅާއަރާނީ ދަރިންތަކެއް ލިބޭފަހުންނެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެ ނޫންތޯއެވެ؟ 
މިއީ އަޅުގަނޑުގެ ވިސްނުމެވެ. އެބޭފުޅަކު ބޭނުންފުޅުވާގޮތަކަށް ޤަބޫލުފުޅުކުރައްވާށެވެ. 
- އަމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ