ވެކްސިން ކެމްޕެއިންގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވާ މުވައްސަސާއެއް ނެތް : މިނިސްޓަރ ނަސީމް

ކޯވިޑް-19ގެ ހާލަތު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގައާއި، ވެކްސިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމުގައި ކޮންމެވެސް ސިފައެއްގައި މަސައްކަތުގައި ބައިވެރިނުވާ އެއްވެސް އިދާރާއެއް ނެތްކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ކޯވިޑް ވެކްސިނޭޝަން ކޭމްޕް ކުރިއަށްގެންދިއުމުގައި ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާގައެވެ.
ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ވަބާއަކީ މުޅި ރާއްޖެ ސިއްސުވާލި ބިރުވެރި ނުރައްކާތެރި ޙާލަތެއްކަމަށެވެ. ބަލީގައި ރާއްޖެއިން 300އަށްވުރެ ގިނަ މީހުން ނިޔާވެފައިވާއިރު، އެއިން ކޮންމެ މަރަކީ އަސަރުކުރުވި މަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މިއަދު ރާއްޖެ މިއޮތީ އެ ބިރުވެރި ޙާލަތުން ސަލާމަތްވެ ބަލި ކޮންޓްރޯލްކޮށްފައިކަން ފާހަގަކުރައްވާ މިނިސްޓަރ ނަސީމް ވިދާޅުވީ، މި ޙާލަތުން އަރައިގަތުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބަޔަކީ "ޤާއުމީ ވެކްސިން ކެމްޕެއިން"ގެ ބައިވެރިންކަމަށެވެ. ސަރުކާރުގެ މުވައްސަސާތަކާއެކު، މި މަސައްކަތުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިނުވާ އެއްވެސް އިދާރާއެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ބުރަ މަސައްކަތާއެކު ރާއްޖެ ހިމެނެނީ ދުނިޔޭގައިވެސް، މި ބަލި އެންމެ ރަނގަޅަށް ކޮންޓްރޯލްކުރ ޤައުމުގެ ގޮތުގައިކަމަށެވެ.
"ބިދޭސީއެއް ދިވެއްސެއް ތަފާތުކުރުމެއް ނެތި ވެކްސިން ކެމްޕެއިން ކުރިއަށްގެންދިޔައީ. ރާއްޖޭގެ ކުންފުނިތައް ޖަމިއްޔާތައް އަދި ބޭރުގެ އެތަށް ގަޢުމެއްގެ ބޮޑެތި އެހީތައް ލިބުނު. ޤައުމުތަކުން ފޯރުކޮށްދިން އެހީތެރިކަންވެސް ފާހަގަކުރަން" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މި ހަފްލާގައި ކޯވިޑް ވެކްސިން ކެމްޕެއިން ކުރިއަށްގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން 48 މުވައްސަސާއަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެގޮތުން ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް، ހޮސްޕިޓަލްތައް އަދި ޖަމިއްޔާ ޖަމާތްތަކަށް ހަނދާނީ ފިލާ އެރުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ހިންގި ވެކްސިންގެ އެންމެ ބިޔަ ހަރަކާތްކަމަށެވެ. އަދި މިކަމުގެ ނަތީޖާވެސް ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެކަމަށެވެ.
"ވެކްސިން ދިނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން، ސާމާނު އުފުލުން، ސެންޓަރުތައް ތައްޔާރުކޮށް ހިންގާ ބެލެހެއްޓުން، މީހުން ހޭލުންތެރިކުުން، މިކަމާ ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމާއި ޕޯޓަލްއާއި ޑޭޓަރ ބޭސް ބެލެހެއްޓުން. މިހެންގޮސް އެތަށް މަސައްކަތެއް ހިމެނޭ. ވޮލަންޓިއަރުން ހިމެނޭ. މިކަމުގައި މަސައްކަތްކުރީ ވަރަށް ޖޯޝާ ފޯރީގައި" މައިމޫނާ އަބޫބަކުރު ވިދާޅުވިއެވެ.
ވެކްސިން ޕްރޮގްރާމްގެ ތެރެއިން 951،198 ޑޯޒްގެ ވެކްސިން ރާއްޖޭގައި ދީފައިވާކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. ރާއްޖޭގެ ވެކްސިން ޖެގޭ އާބާދީގެ %85 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ބޫސްޓަރ ޑޯޒްވެސް ރާއްޖޭގައި ދަނީ ދެމުންނެވެ.
ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ޤައުމީ ވެކްސިން ކެމްޕެއިން ފެށީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މި ކެމްޕެއިން ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ