ވެރިކަން މިކުރަނީ ތަފާތުކޮށް، އަތޮޅުތެރޭގައި ރައްޔިތުން ތިބިކަން ދަނެގެން: ރައީސް ސޯލިހް

މިސަރުކާރުން ވެރިކަން ކުރަނީ ތަފާތުކޮށްކަމަށާ، ވެރިކަން ކުރައްވަނީ އަތޮޅު ތެރޭގައިވެސް ރައްޔިތުން ތިބިކަން ދަނެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހދ ކުމުންދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް ވެރިކަންކޮށްފައިވަނީ އަތޮޅުތެރޭގެ ރައްޔިތުންނަކީ ނެތް ބައެއް ކަމުގައި ދެކިގެންކަމަށެވެ.
މީގެ ކުރިން ބައެއް ރަށްރަށުގައި ތިބީ އިންސާނުންކަންވެސް ދޭހަނުވާ ގޮތަށް ވެރިކަން ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ކުމުންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހިއްސާކުރި ކަންކަން ކުރަމުންގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުމުންދޫއަށްވެސް އަދި ކައިރި ހުރި އެހެން ރަށްތަކަށްވެސް ރައީސް ޔާމީން ވަޑައިގެންފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެރިކަން ކުރަމުން ދަނީ މުޅިން ތަފާތުކޮށް، އެހެން ގޮތަކަށް"
އެކަމުން ދޭހަވަނީ ވެރިކަމުގައި ހުރި ބޭފުޅާއާއި ރައްޔިތުންނާއި އޮތް ގުޅުމުގެ ހީނަރުކަންކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އަސާސީ ހިދުމަތްތަކަކީ ހުރިހާ ރަށެއްގައިވެސް ކަށަވަރުވެފައި ހުންނަންޖެހޭނެ ކަންކަމުގައި ވިދާޅުވިއެވެ. އަދި ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި އެކަން ކުރަމުން ގެންދަވަނީ އެސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގަތްއިރުގައި ރާއްޖޭގެ ބޮޑުބައެއްގައި ނަރުދަމާ ނިޒާމް ގާއިމްވެފައި ނުވާކަމަށާއި ސާފު ބޯފެންވެސް ނުލިބޭކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތް ރަށްރަށުން ނުލިބޭކަމަށާއި ކުދި ރަށްރަށުގެ ސްކޫލްތަކުގެ ހާލަތަށްވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުން އެދޭގޮތަށް އާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ އެމަނިކުފާނުގެ ސަރުކާރަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ އެ ތަރައްގީގެ ބަދަލާއެކު ކުރިއަށް ދާންތޯ ނުވަތަ ތަރައްގީ މަޑުޖެހި ފަހަތަށް ދާންތޯ މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި މެމްބަރުން ނިންމާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ