އިޖުތިމާއީ ބޮޑު މައްސަލައަކާއި އޭގެ ހައްލު

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ސަރުކާރުތަކުން އެންމެ އިސްކަންދޭ ކަންކަމުގެ ލިސްޓުގައި ހިމެނޭ ކަމެކެވެ. ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ބޮޑު ހޭދައެއް ކޮށްގެން އެއްބަޔަކު މަގުތައް ހަދަމުން ދެއެވެ. ހަމަ މިއާއެކު، ހަދައި ނިންމައި ހޫނުކަން ނުކެނޑެނީސް މަގުތައް އެފުށްމިފުށަށް ޖަހައި ހަލާކުކުރުމާ ހަވާލުވެ ތިބޭ މީހުން އެމީހުންގެ މަސައްކަތް ފަށައެވެ. ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހަދާފައި ހުއްޓަސް ތަފާތެއް ނެތެވެ. ކޮންމެސް ކޭބަލެއް ނުވަތަ ހޮޅިއެއް އެޅުމުގެ ބޭނުމުގައި މަގާއި ދުވާރުތައް ކޮނެ ހަލާކުކުރަމުން ދެއެވެ. މާލޭ ސަރަހައްދުގެ މަގުތައް ސުންނާފަތިކުރާ ގޮތަށް ބަލައިލަމާ ހިނގާށެވެ. ހަދައި ނިންމާފައިވާ މަގު ނުވަތަ ދުވާރުގައި ޖަހާފައި ހުންނަ ގައުތައް ނަގައެވެ. މިގޮތަށް ނަގާއިރު ބައެއް ގައު އެއްކޮށް ފުނޑި އަނެއްބައި ގައު ދެތިން ބަޔަށް ބުރިވެއެވެ. މި ގައުތައް ދުވަސްގަނޑެއް ވަންދެން ބެހެއްޓުމަށްފަހު އަލުން އަތުރައިލައެވެ. ވެލިގަނޑު ހަރުކޮށް އެއްވަރުކޮށް އިހު ހުރިގޮތަށް ހެދުމެއް ނޯންނާނެއެވެ. ގަލެއް މަދުވާ ތަނަކަށް އެހެން ގަލެއް ލައި ހަމަޖެއްސުމެއްވެސް ނޯންނާނެއެވެ. އަލުން ގައުތައް އަތުރާފައި ދުރަށްދާތާ އިރުކޮޅެއްގެ ތެރޭގައި ދިމަދިމާލުން ގަނބައިގަނެ ވަޅުގަނޑުތައް ހެދޭނެއެވެ. މިއީ މާލޭގެ މަގުތައް ހެދީއްސުރެ އަދާ ޖެހޭންދެންވެސް ކަން ހިނގަމުން އަންނަ ގޮތްކަމަށް ވެއެވެ. ނަމަވެސް މި ވޭތުވެ ދިޔަ ދިގު މާޒީގައި، މިކަމަށް ދާއިމީ ހައްލެއް ހޯދައިދެވޭ ފެންވަރުގެ ޚާދިމަކު ފާޅުވެފައިނުވާކަމީ ބޮޑުވެގެންވާ އަޖައިބެކެވެ! މަގުތައް ހަލާކުވުމުގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށް ތަފާތު ގެއްލުންތަކާއި ދަތިތައް ކުރިމަތިވަމުން ދެއެވެ. ހިނގާބިނގާވެ އުޅުމަށާއި އުޅަނދުފަހަރު ދުއްވުމަށް ދަތިވުމެވެ. އެކިވަރުގެ އެކްސިޑެންޓުތައް ހިނގަން މެދުވެރިވުމެވެ. އަވަސް ދަތުރުތަކަށް ޚާއްޞަވެފައިވާ ފަރާތްތަކުގެ ދަތުރުތައް ލަސްވެ އެކަށީގެންވާ ޚިދުމަތް ނުދެވުމެވެ. އަމިއްލަ ފަރާތްތަކާއި ދައުލަތުން ކުރަންޖެހޭ ބައެއްކަހަލަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރަސްތައް ކުރިމަތިވުމެވެ. ހިތްގައިމު މަގެއް ބޭނުންކޮށްލުމުން ލިބޭނެ އުފާވެރިކަމުން މަޙްރޫމުވުމެވެ. ޒަމާނީ ފެންވަރަށްކަމަށް ބުނެ ހަދާފައި ހުންނަ މަގުތައް އެހައި އަވަހަށް ހަލާކުވެގެން ދިއުމަށް މެދުވެރިވާ ސަބަބުތަކެއް ވެއެވެ. ފުރަތަމަ ކަމަކަށް، ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކޮށްގެން ހަދާ މަގުތަކުގެ މަސައްކަތް ކޮށްފައި ހުންނަނީ އެންމެ އެކަށީގެންވާ ފެންވަރަކަށްނޫނެވެ. ނަރު ނުވަތަ ހޮޅި އެޅުންފަދަ ކަންކަން ކުރުމަށް، މަގާއި ދުވާރު ކޮންނާން ނުޖެހޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ، ހުޅުމާލޭގެ މަގުތަކަކީ ރަނގަޅު މިސާލެކެވެ. މީގެ ތެރެއިންވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް، އެފަދަ ކަންކަމަށް އެއްގޮތަކަށްވެސް ކޮންނާން ނުޖެހޭނެކަމަށް އަޑު އެރުވިއެވެ. ނަމަވެސް އެރަށުގެ އެކި ސަރަހައްދުތަކުން ކޭބަލް ބުރިވުމާއި ފެންހޮޅި ފަޅައިގެން ދިއުމުގެ ބޮޑެތި ހާދިސާތައް ހިނގަމުން ދެއެވެ. މައުލޫމާތު ކުށްކަމަށްނުވާނަމަ، މިކަމެއް ހިނގަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނީގެ އިހުމާލަކުންނޫނެވެ. ކޮންމެވެސް އެހެން ބަޔަކު ކުރާ މަސައްކަތަކުން ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ކާނުގަނޑުގެ ތެރެއަށް މީހުން ވެއްޓި ބޮޑެތި އަނިޔާތައް ލިބުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގަމުން ދެއެވެ. މީގެވެސް އެއްސަބަބަކީ މަގުތައް ހަދާފައިވާ ފެންވަރު ދަށްވުމާއި އެތަންތަން ބެލެހެއްޓުމުގެ ދޯހަޅިކަމެކެވެ. އަދި ވާރޭ ވެހުމުން، ކުދި އުޅަނދުފަހަރު ދުއްވޭވަރަށް ބައެއް މަގުތަކުގައި ފެންބޮޑުވެ އެ ފެންގަނޑު ނުހިނދި ގިނައިރު ވުމަކީވެސް މީގެތެރޭގައި ހިމެނޭ ކަމެކެވެ. މަގުތައް ހަލާކުވުމަށް މެދުވެރިވާ އަނެއް ސަބަބަކީ ތަފާތު ބޭނުންތަކަށް މަގުތައް ކޮންނައިރު އެކަން ބަލަހައްޓާނެ 'ޤާބިލު އިޚުލާޞްތެރީން' ނުތިބޭ ކަމެވެ. ގިނަ ބަޔަކު ދެކޭގޮތުގައި؛ މަގު ކޮނުންފަދަ ސީރިޔަސް މަސައްކަތްތައް ބިދޭސީ މަސައްކަތްތެރީން ލައްވައި ކުރުވާއިރު، އެކަން ސުޕަވައިޒު ކުރާނެ ރަނގަޅު ދޭސީއަކު ހުންނާންޖެހޭނެއެވެ. ނަމަވެސް ހުކުރު ހައްޖުވާ ގޮތަށް މެނުވީ އެފަދަ މީހަކު ފެނުމީ މުސްތަޙީލު ކަމެކެވެ. މަގުތައް ހަލާކުވެ އެގޮތުގައި ގިނަ ދުވަސްވާން މެދުވެރިވާ އަނެއް ސަބަބަކީ، ކަމުގެ ޒިންމާ ނަގަން މަތިކުރެވިފައިވާ ފަރާތްތަކުން އެމީހުންގެ ޒިންމާ އަދާނުކުރުމެވެ. ނުވަތަ އެކަމުގައި ފަރުވާ ކުޑަކުރުމެވެ. އެންމެ ކުޑަމިނުން މުސާރަކޮޅު ހަލާލުވާ ވަރަށްވެސް ޒިންމާދާރުކަމާއެކު މަސައްކަތް ނުކުރުމެވެ. ކަމަށް އެކަށީގެންނުވާ މުވައްޒަފުން ޒިންމާދާރު މަގާމުތަކަށް ލައްވާފައި ތިބުމަކީވެސް މީގެތެރޭގައި ހިމެނޭ ސަބަބެކެވެ. މަގުތައް ހަލާކުވުމަށް މެދުވެރިވާ އިތުރު ސަބަބުތައްވެސް ވެއެވެ. އެގޮތުން، މަގު ކޮނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން އެކަށީގެންވާ ގޮތަށް ފުރިހަމަނުކޮށް އެފަދަ މަސައްކަތްތައް ކުރުން ހިމެނެއެވެ. އަދި ނާދިރު ގޮތެއްގައި ނަމަވެސް، މަސައްކަތް ސުޕަވައިޒު ކުރަން ލާފައި ތިބޭ ދިވެހީން އެއީ ނަމެއްގައި ތިބޭ ބަޔަކަށްވުން ހިމެނެއެވެ. ހަމަ މިއާއެކު، މަދުން ނަމަވެސް، މަގުތައް ބޭނުންކުރާ ފަރާތްތަކުން މަގަށް ދޭ ގެއްލުންތައްވެސް ފާހަގަކުރަންޖެހެއެވެ. މައްސަލައިގެ ހައްލު އިސްވެދިޔަ ބޮޑު މައްސަލައިގެ ފަރުވާއަކީ އިޚުލާޞްތެރިކަމެވެ. މަގު ހެދުމާއި އެ މަގުތައް ހެދުމަށްފަހު އެކި ބޭނުންތަކަށް މަގުތައް ކޮނެ ބަދަލުތައް ގެންނަ ފަރާތްތަކާއި އެކަންކަން ބަލަހައްޓަން ތިބޭ ފަރާތްތައްވެސް އިޚުލާޞްތެރިވާންވީއެވެ. އެއީ އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ މަސައްކަތެއްކަމާއި އެކަންކަން ކުރަނީ ދައުލަތުން ބޮޑެތި ހޭދަތައް ކޮށްގެންކަން ހަނދާނުގައި ބަހައްޓައިގެންނެވެ. ވަޒީފާއަކީ އަމާނާތެއްކަމާއި އެ އަމާނާތާމެދު ޤިޔާމަތް ދުވަހުން ސުވާލު ވެވޭނެކަން ގަބޫލުކޮށްގެންނެވެ. މަސައްކަތުގެ މުޤާބިލުގައި ނަގާ އުޖޫރަ ހަލާލުވުމަށްޓަކައިވެސް، ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަންޖެހޭނެކަން ދަނެގެންނެވެ. އިޚުލާޞްތެރިކަމުގެ މާނައަކީ؛ ތިމާ ކުރާ ކޮންމެ ހެޔޮ އަމަލެއްވެސް ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން އެކަލާނގެ ރުއްސެވުން ހޯދުމުގެ ނިޔަތުގައި ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ