ފިނޭގައި ހެދި ތިން ގުނަ ބޮޑު ޒަމާނީ އިންޖީނުގެ ހިދުމަތަށް, 18 އަހަރުވީ ތަކުލީފަށް ނިމުމެއް!

ހދ. ފިނޭގައި 18 އަހަރު ވަންދެން ހިންގަމުން އައި ބާ އިންޖީނުގެ ނިއްވާލައި, ޒަމާނީ އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފި އެވެ.
އެ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ގާތްގަނޑަކަށް 500 އެއްހާ މީހުން ދިރިއުޅެމުންދާ ފިނޭގައި ކުރިން ހުރި އިންޖީނުގެއަކީ 7 އަކަމީޓަރުގެ ތަންކޮޅެއްގައި 18 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެއެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ހުރި އެ އިންޖީނުގޭގެ އަޑާއި އަރާ ދުމުން އެކަންވެފައި އޮތީ އެ ރަށު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށެވެ.
ނަމަވެސް އާންމުންގެ ތެރޭގައި ހުރި ބާ އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންދިއުމަށް މި ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފިނޭގައި ހެދި އާ އިންޖީނުގެއަކީ ކުރިން ހުރި އިންޖީނުގެއަށްވުރެ ތިން ގުނަ ބޮޑު, 208 އަކަ މީޓަރުގެ ބޮޑު އިންޖީނުގެއެކެވެ.
އަދި ކުރީގައި ހުރި 400 ކިލޮވޮޓްގެ ޖަނަރޭޓަރުގެ ބަދަލުގައި ފިނޭގައި މިހާރު ވަނީ 570 ކިލޮވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި, ރަށުގެ ކަރަންޓް ނެޓްވޯކްވެސް މުޅިން ބަދަލުކޮށްފަ އެވެ. އަދި އާ އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޮވޮޓްގެ ތިން ޖަނަރޭޓަރު ބެހެއްޓޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ