މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރާތީ، މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވީޓްގައި ވަނީ، އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ހެނދުނު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 8 އިން 11 އައި ހަމައަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
އެހެންކަމުން ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެގޮތުން ކަރަންޓުގެ ހުދުމަތް މެދުކެނޑުމަށް އެކަށީގެންވާ ސަރަހައްދުތަކުގެ ތެރޭގައި، މައްޗަންގޮޅީގެ އަމީނީމަގާއި، ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި، ރަށްދެބައި ހިނގުމުގެ އިތުރުން، ލޮނުޒިޔާރަތް މަގާއި، ސިއްތި މާވާ ހިނގުން ހިމެނެއެވެ.
ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ