އިސްކަންދަރު ސްކޫލުން ދަރިވަރުންގެ ބޯކޮށުވި މައްސަލަ ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ތަހުގީގުކުރަނީ އިސްކަންދަރު ސްކޫލުން ދަރިވަރުންގެ ބޯކޮށުވި މައްސަލަ ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ތަހުގީގުކުރަނީ

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ދިޔަ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގައި ސްކޫލްގެ މެނޭޖުމެންޓުން މަޖުބޫރުކުރުވައިގެން އެ ކުދިންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ކޮށުވި މައްސަލަ ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ތަަހުގީގު ކުރަން ފަށައިފި އެވެ.
ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިސްކަންދަރު ސްކޫލުން އެކަމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ޝަކުވާތަކެއް އެ އޮފީހަށް ހުށަހަޅާފައިވާތީ އާއި މީޑިއާގައި އެކަމާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއާއެކު މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
"ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު) ގެ 115 ވަނަ މާއްދާގެ (ރ) އިން މި އޮފީހަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ މި އޮފީހުން ތަހުގީގުކުރަމުންދާކަން މައުލޫމާތަށްޓަކައި ދެންނެވިން،" އެ އޮފީހުން ބުންޏެވެ.
ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ބުނީ ދަރިވަރުންގެ ބެލެނިވެރިންނަށް އެންގުމަކާއި ނުލައި އެ ސްކޫލުގެ ޓީޗަރުންތަކެއް ދަރިވަރުންނާ މެދު ހިންގި އެ އަމަލު ބަލައި ނުގަންނަ ކަމަށެވެ.
ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބުނާ ގޮތުން ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާކަން އޮމްބަޑްސްޕާސަން އޮފީހުން ފާހަގަކުރެ އެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަށް ނަޒަރުކުރާއިރު، އެ ގާނޫނުގައި، ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިޔާޔަތްކޮށް ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، ދައުލަތާއި، ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދޭ އިދާރާތަކުގެ މައްޗަށް އޮތް ޒިންމާތަކާ އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާފައިވޭ،" އެ އޮފީހުން ބުންޏެވެ.
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއްގެ ބޯ ގަދަކަމުން ކޮށުވީ އެ ސްކޫލުގެ ގްރެޖުއޭޝަން ފެށެން ބައިގަޑިއެއްހާއިރަށްވެފައި ހުއްޓަ އެވެ. އޭގެ ތެރެއިން ގިނަ ކުދިންގެ ބޯ ކޮށުވާފައި ވަނީ އެ ކުދިންގެ ބެލެނިވެރިންނަށް ވެސް ނާންގަ އެވެ.
މީގެއިތުރުން އެއް ކުއްޖެއްގެ ބޯ އިސްކަންދަރު ސްކޫލުގެ މެނޭޖުމެންޓުން ކޮށުވީ އެ ސްކޫލުގެ ފާހާނާ ތެރޭގައި ބަހައްޓައިގެންނެވެ.
އެ ކުދިންގެ ބޯ ކޮށުވަން ގެންދިޔަ ސެލޫންއަށް އިސްކަންދަރު ސްކޫލުގެ ޓީޗަރެއްގެ އެކައުންޓުން އެރޭ ފައިސާ ޓްރާންސްފާ ކޮށްފައި ހުރި ސްލިޕްތަކެއް މި ނޫހަށް ވަނީ ލިބިފަ އެވެ. އެ ސްލިޕްތަކުން އެނގޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ 7:50 ހާއިރުން ފެށިގެން ގޮސް 9:00 އާ ދޭތެރޭގައި އެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ އެކައުންޓުން އެ ސެލޫންއަށް ޖުމުލަ 600ރ. އެކި ފަހަރު މަތިން ފޮނުވާފައިވެ އެވެ.
އެ މައްސަލަ އެޗްއާރްސީއެމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ