ޢިބްރަތްތެރި ވާހަކަ: މަންމައާ ބައްޕައަށް ނުބައިބަސްތައް ބުނެވުނު ޒުވާނަކު ތައުބާވެ އެމީހުންނަށްޓަކާ ހެޔޮ ޢަމަލުތައް ކުރަން ފެށުމުން ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

މައިން ބަފައިން ކިތަންމެ ހެޔޮވެފައި ކިތަންމެ ގިނަ ކަންކަން ދަރިންނަށް ކޮށްދޭން ބޭނުންވިނަމަވެސް ކޮށްދެވޭނީ އެމީހުންގެ ފެންވަރުންނެވެ. އެކަން ނުބައިކޮށް ދަރިންގެ ހިތްތަކުގައި މައިންބަފައިންނަށް ނަފްރަތު އުފައްދުވަނީ ޝައިޠޯނާއެވެ. އަދި އިންސާނުންގެ ތެރޭގައި އުޅޭ ޝައިޠޯނާގެ ބައިވެރިންނެވެ. 
އެކަން ނުވިސްނި މައިންބަފައިންނަށް ނުބައިބަސްތައް ބުނެވި އެމީހުންގެ ހިތުގައި ޖައްސުވާ ދަރިން އުޅެއެވެ. ތިރީގައި އެވަނީ އެފަދަ ދަރިންނަށާއި ޢާންމުކޮށް ހުރިހާ ދަރިންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އިން ޝާ ﷲ 
އަޅުގަނޑުމެންގެ ތިބީ 2 ބެއިންނެވެ. އަޅުގަނޑުގެ ޢުމުރަކީ 16 އަހަރެވެ. އަންހެން ކޮއްކޮގެ ޢުމުރަކީ 14 އަހަރެވެ. އަޅުގަނޑާއިއެކު ކްލާހުގައި އުޅެނީ ވަރަށް ތަނަވަސްކުދިންނެވެ. އެކުދިން އުޅޭ ފެންވަރުގައި އުޅެން ބޭނުންވެއެވެ. އެކަމަކު މައިންބަފައިންގެ ފަޤީރުކަމުން އެކުދިންނާއި ގާތަކަށްވެސް އުޅެލެވޭނެ ގޮތެއް ނުވެއެވެ. 
އެހެންވެ އަބަދުހެން މަންމައާއި ބައްޕައާއި ދިމާއަށް އެއްޗެތި ގޮވަމެވެ. އެހައި ފަޤީރު ދެމަފިރިންނަށް މަންމަ، ބައްޕަ ކިޔަން ލަދުގަންނަކަމަށް ވަރަށް ގިނައިން ބުނަމެވެ. 
އެއީ އެންމެ ފަހުގެ ސްމާޓްފޯނެއް ގަނެނުދީގެން މަންމައާއި ދިމާއަށް އެއްޗެތި ގޮވުނު ދުވަހެކެވެ. އަޑުއަހަން ހުރެފައި މަންމަ ވެއްޓުނީއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބަލާފައި ބުނީ ވަރަށް ބާރުގަދަ ހާޓްއެޓޭކެއް+++ޖެހި ވަޤުތުން ނިޔާވެފައިވާ ކަމަށެވެ. 
އެކަން ހިނގިއިރު އެތަނުގައި އިތުރު މީހަކު ނެތުމުން ކަންހިނގި ގޮތް އެކަކަށްވެސް ނުއެނގޭނެއެވެ. އަޅުގަނޑުވެސް އެއްވެސް މީހަކު ގާތަކު ނުބުނަމެވެ. އަޅުގަނޑަށް އެފަދަ ނުބައި ބަސްތަކެއް މަންމައަށް ބުނެވުނުކަން އަމިއްލައަށް އިޙްޞާޞް ކުރެވި ވަރަށް ދެރަވެސް ވިއެވެ. އެކަމަކުވެސް މަހެއްހައި ދުވަސްވެސް ނުވަނީސް އަނެއްކާވެސް ހެއްލެވުނީ ޝައިޠޯނާގެ ކޮޅަށެވެ. 
ބައްޕަ އާއި ދިމާއަށް އެއްޗެތި ގޮވެން ފަށައިފިއެވެ. މަންމައާއި ދިމާއަށް ކުރިން ގޮވުނު ފަދަ އެއްޗެއްސެވެ. އެހެން އުޅެމުން ގޮސް 20 ވަނަ ބާތުޑޭގެ ހަދިޔާއަކަށް އެއިރުގެ އެންމެ ފަހުގެ ސައިކަލެއް ގަނެދޭން ބުނީމާ، އަދި ގަނެ ނުދެވޭނެ ނަމަ އިންސްޓޯލްމަންޓަށް ނަގައިދޭން ބުނީމާ އެވަރުވުވެސް ކޮށްލައި ނުދެވުމުން ބައްޕައާއި ދިމާއަށް ވަރަށް ނުބައިބަސްތައް ކިޔުނެވެ. 
ބައްޕަ ގެއިން ނެރެލަންވެސް އުޅުނީމެވެ. އެވަގުތު ކޮއްކޮ އައިސް ބުނީ އެއީ ބައްޕަގެ ގެ ކަމަށާއި ގެއިން ބައްޕަ ނުނެރެވޭނެ ކަމަށެވެ. އަދި 18 ވީމާ ދަރިން ބަލަން ބައްޕައަށް ނުޖެހޭނެ ކަމަށާއި ބައްޕައަށް ގޯނާ ނުކޮށް އަމިއްލައަށް ގެއިން ނުކުމެގެން ދިއުން މާރަނގަޅުވާނެ ކަމަށެވެ. 
ޙަޤީޤަތުގައި ބައްޕައަކީ ވަރަށް ރަނގަޅު މީހެކެވެ. ލާންގެންގުޅޭނީވެސް 2،3 ހެދުމެވެ. ލިބޭހައި އެއްޗެއް ޚަރަދުކުރަނީ އަޅުގަނޑުމެން ދެބެއިންނަށެވެ. ބައްޕައަކީ ވަރަށް ބަސްމަދު މީހެކެވެ. އެހެންކަމުން އެދުވަހުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެން ހުރެފައި ކުއްލިއަކަށް ވެއްޓުނީއެވެ. 
އެމްބިޔުލާންސަކަށް ގުޅައިގެން އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު ބައްޕަ އޮތީ ނިޔާވެފައެވެ. ހަމަ މަންމަވެސް ނިޔާވިފަދައިންނެވެ. ހާޓްއެޓޭކެއް ޖެހިގެންނެވެ. ބައްޕަ ނިޔާވިދުވަހު ސިއްރެއް ނުވިއެވެ. ބައްޕައަށް ގޮވުނު ހުރިހާ އެއްޗެއްގެ އަޑު ކޮއްކޮއަށް އިވުނެވެ. 
އެއިގެ 10 އަހަރު ފަހެވެ. ބައްޕަ ނިޔާވިތާ 10 އަހަރު ފަހެވެ. މަންމަ ނިޔާވިތާ 14 އަހަރުފަހެވެ. އެއިރުވެސް އަޅުގަނޑު އެންމެ ބޮޑަށް ދެރަވަނީ މަންމަ އާއި ބައްޕައަށް ދުނިޔެ ދޫކުރަންޖެހުނު ސަބަބަކީ އަޅުގަނޑުކަމަށް އަމިއްލައަށް ޤަބޫލުކުރެވޭތީއެވެ. 
ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ ނިޔާވި ސަބަބުވެސް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެހެނަސް ދެމީހުންގެ ހިތަށް އަނިޔާލިބޭފަދަ ނުބައި ބަސްތައް ބުނެވުނުކަން އަޅުގަނޑަށް ވިސްނެއެވެ. އެކަމަށްޓަކައި ހިތާމަކުރަމެވެ. 
ބައްޕަ ނިޔާވިތަނާހެން ކޮއްކޮ ކައިވެނިކޮށްގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އަޅުގަނޑާއި ރުޅއެއް ނޫނެވެ. އެހަނަސް އަޅުގަނޑުދެކެ ވާންޖެހޭނެ މިންވަރާއި ގާތަކަށްވެސް އަޅުގަނޑުދެކެ ލޯބިވާކަމަށް ބުނެވޭކަށް ނެތެވެ. އެގޮތަށް ކަންތައްތައް ވަނީ ކީއްވެގެންކަން ވިސްނޭތީ ކޮއްކޮއާއިވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. 
ކޮންމެއަކަސް އަޅުގަނޑަށް ހޭލުންތެރިވެވުމުން ވަރަށް ފުރިހަމަ ތައުބާއަކުން ތައުބާވީމެވެ. ކުރިމަސައްކަތުން ތަނަވަސްކަމެއްވެސް ވަނީ ލިބިފައެވެ. މަންމައާއި ބައްޕައަށްޓަކައި ޙައްޖުވެސް ވެއްޖައީމެވެ. ޢުމުރާވެސް ވެއްޖައީމެވެ. ރަށެއްގައި މިސްކިތެއްވެސް އަޅައިފީމެވެ. އަދި މިހާރުވެސް މިގެންދަނީ ވީހައި ގިނައިން ޞަދަޤާތްވެސް ކުރަމުންނެވެ. 
އެހެނަސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ކުރެވުނު ނުބައި ޢަމަލުތައް، ބުނެވުނު ނުބައި ބަސްތައް ހަނދާންވުމުން ރޮވެއެވެ. ރޮވޭ ކޮންމެ ފަހަރަކު ޞަދަޤާތެއް ކުރަމެވެ. އެހެން އުޅެނިކޮށް 12 އަހަރުފަހުން ޖެހިޖެހިގެން 3 ރޭ މަންމަ އާއި ބައްޕަ އާއި ބައްޕަ އެކުގައި ހުވަފެނުން ފެނުނެވެ. ތިބީ ވަރަށް އުފަލުންނެވެ. ހެވިފައެވެ. 
ދެން މެދުވެރިވި ކަމަކީ ހަމަ އެހްފަތާގައި ކޮއްކޮ އަޅުގަނޑަށް ގުޅައި ފުރަތަމަ ފަހަރަށް ލޯބިން ވާހަކަދެއްކިއެވެ. އަޅުގަނޑުގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ އެއިގެ ފަހުންނެވެ. 
އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތް މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ އަޅުގަނޑަށް ކުރެވުނު ފަދަ ނުބައި ޢަމަލެއް މައިންބަފައިންނަށް ނުކުރަން ބުނުމެވެ. މައިންބަފައިންގެ ފެންވަރުން ކަންކަންކޮށްދޭނަމަ މަދުވެގެން ޝަކުވާ ނުކުރަން ބުނުމެވެ. އަދި ތިމާއަށްވުރެ ތަނަވަސް މީހުންނާއި އެއްފެންވަރުގައި އުޅެން ނުވިސްނަން ބުނުމެވެ. 
ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. މަންމައާއި ބައްޕަ ހުވަފެނުގައި ފެނުނު ފަހުން ދިރިއުޅުން ކުރިއަރައިގެންދިއައީ ހާދަބާރަކަށެވެ! ކުރަންފަށާ ކޮންމެ މަސައްކަތެއް ކާމިޔާބުވެއެވެ. ތަނަވަސްކަން އެތައް ގިނައަކަށް އިތުރުވެއްޖެއެވެ.
 
- ޝާފިޢު / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ