ފުލުހުންގެ ވާހަކަ ދޮގުކޮށް، ފެންޓޯނިއާގޭ ވެރިފަރާތުން ބުނީ ނޫސްވެރިން އެ ގެއަށް ވަނުމަށް ހުރަސް ނާޅާ ކަމަށް
އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި އެ ގެއަށް ވަދެ، އެ ހާދިސާ ހިނގިތަން ބަލައިލުމަށް ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެ ގޭގެ ވެރިފަރާތުން ބުނެފިއެވެ. އަނިޔާތަކަކާއެކު ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް ފުލުހުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި، އެ ހާދިސާ ހިނގި ގެ ނޫސްވެރިންނަށް ދައްކައިލަން މަސައްކަތް ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ކަން ކުރެވޭނީ ގޭގެ ވެރިފަރާތުގެ ހުއްދަ ލިބިގެންކަން ފާހަގަކުރެއްވިއެވެ. ފަހުން ފުލުހުން ފޮނޮވި މެސެޖެއްގައިވަނީ، "މިއަދުގެ ޕްރެސްގައި ދެންނެވިގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެ ގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައި" ކަމަށެވެ. އެހެން ނަމަވެސް އެ ގޭގެ ވެރިފަރާތުން "ސަން" އަށް ބުނެފައިވަނީ، މީޑިއާއަށް އެ ގެއަށް ވަންނަން ފުރުސަތު ދިނުމާ ގުޅޭގޮތުން، ފުލުހުންގެ ފަރާތުން އެއްވެސް މީހަކު ގުޅާފައިނުވާ ކަމަށެވެ. ގޭގެ ވެރި ފަރާތުން ބުނެފައިވަނީ ފުލުހުން މީޑިއާއަށް އެ ގެ ދައްކައިލުމުގެ އިންތިޒާމްތައް ހަމަޖައްސަންދެން ފުރުސަތު ދީގެން ތިބި ކަމަށެވެ. ގޭގެ ވެރިފަރާތުން ހުއްދަ ނުދިނީ ކަމަށް ފުލުހުން ބުނިއިރު، ވެރި ފަރާތުން ބުނީ އެ ފަދަ އެއްވެސް ކަމަކަށް ފުލުހުން އެދިފައިނުވާ ކަމަށާއި، އެ ފަދަ އެއްވެސް ރިކުއެސްޓަކަށް ގޭގެ ވެރިފަރާތުން ދެކޮޅު ހަދާފައި ވެސް ނުވާނެ ކަމަށެވެ. ފުރާޅެއް މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނެވެ. އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. ފާޑުކިޔުންތައް އަމާޒުވެ، އާންމުންގެ ޕްރެޝަރު ބޮޑުވުމާއެކު ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް މިއަދު ހާމަކޮށްފައެވެ. މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ. ފުލުހުން މިއަދު އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ ހ. ފެންޓޯނިއާއަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ