ހުށަހަޅާ އާރްޓީއައި ރިކުއެސްޓްގެ ތެރެއިން 62 ޕަސަންޓު އާރްޓީއައިއަށް ފުރިހަމައަށް ޖަވާބު ނުލިބޭ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އާންމުކުރި ރާއްޖޭގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި ގާނޫނު) އަމަލުކުރުމާ ބެހޭ ކޮމްޕްރިހެންސިވް އެސެސްމަންޓުން ދައްކައިފި އެވެ.
ދައުލަތުގެ އިދާރާތައް ތަމްސީލުކުރެވޭ ގޮތަށް ތަފާތު ދާއިރާތަކުން 30 އިދާރާއަކުން ނަގާފައިވާ ސާމްޕަލްތަކުން ތައްޔާރުކުރި އެ އެސަސްމަންޓުގައި ސަރުކާރުގެ ވުޒާރާތަކާއި ޑިޕާޓްމަންޓުތައް، މިނިވަން މުއައްސަސާތައް، ކޯޓުތައް، ލޯކަލް ކައުންސިލްތައް އަދި ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރަސީ (ސީއެލްޑީ) އާ ގުޅިގެން އާރްޓީއައި ގާނޫނު ތަންފީޒު ކުރާ މިންވަރު ދެނެގަތުމުގައި އެ ޖަމިއްޔާގެ މެތަޑޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދިޔަ އެ އެސެސްމަންޓުން ދައްކާ ގޮތުގައި އާރްޓީއައި ރިކުއެސްޓުތަކުގެ ތެރެއިން ފުރިހަމައަށް މައުލޫމާތު ދެވިފައި ވަނީ 38 ޕަސަންޓު ރިކުއެސްޓަށެވެ.
ދައުލަތުގެ އިދާރާތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިކުއެސްޓްތައް ބަލައިގަނެ ޖަވާބުދީފައިވީ ނަމަވެސް، ގިނަ ފަހަރު އެދިފައިވާ މައުލޫމާތު ދީފައި ނުވާކަން އެސެސްމަންޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން އާރްޓީއައި ހުށަހެޅުންތަކުގެ ތެރެއިން އެދިފައިވާ މައުލޫމާތު ފުރިހަމައަށް ލިބިފައިވަނީ 45 ޕަސަންޓު ހުށަހެޅުމަށްކަން ފާހަގަކޮށް އެސެސްމަންޓުގައި ބުނީ ބައެއް މައުލޫމާތުތައް ލިބިފައި ވަނީ ކަނޑައެޅި މުއްދަތަށްވުރެ ވެސް ފަހުން ކަމަށެވެ.
މި އެސެސްމަންޓުގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވަނީ އާދައިގެ މިންވަރެއް ނުވަތަ (1 އަކުން 0.56) ސްކޯއެކެވެ. އެސެސްމަންޓުގައި މުހިންމު ކުރިއެރުންތައް ފާހަގަކުރެވުނު ނަމަވެސް، ހުރިހާ ދާއިރާއަކުން ވެސް ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ގިނަ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ.
އެސެސްމަންޓުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެންމެ ފުރިހަމަ ގޮތެއްގައި ތަންފީޒު ކުރުމަށް އިދާރީ ގާބިލުކަމާއި މައުލޫމާތު ހާމަކުރުމުގެ އެހެން ގޮތްތައް އަދި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަން ހުށަހަޅާފައިވެ އެވެ.
މީގެއިތުރުުން އެސެސްމަންޓުގައި ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހަމައެކަނި ގާނޫނުގެ ތެރެއިން ރައްކާތެރިކުރެވިފައި އޮތުމުގެ ބަދަލުގައި، އަމަލީ ގޮތުން އެ ހައްގު ލިބިދިނުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުން އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ރޫހު ދެމެހެއްޓުމަށާއި ރާއްޖޭގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭފަދަ ވެއްޓެއް ގާއިމު ކުރުމަށް އެންމެހައި ފަރާތްތަކުން މަސައްކަތް ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވައިލަ އެވެ.
62 ޕަސަންޓު އާރްޓީއައި ރިކިއުއެސްޓަށް ފުރިހަމައަށް ޖަވާބު ނުދޭ: އެސެސްމަންޓް 62 ޕަސަންޓު އާރްޓީއައި ރިކިއުއެސްޓަށް ފުރިހަމައަށް ޖަވާބު ނުދޭ: އެސެސްމަންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ