ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކޮށްފައިވާ އަސާސީ ބާވަތްތަކުގެ މުދާ އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. މިގޮތުން ފިޔާ، ބިސް، އަލުވި އަދި ލުނބޯ ބާޒާރުގައި މިހާރު ހުރި އަގަށްވުރެ ހެޔޮ އަގެއްގައި ވިއްކަން ފަށާފައިވެއެވެ.
އެސްޓީއޯއިން މިހާރު ވިއްކަމުންދާ އަގުތަކަށް ބަލާއިރު، ބިސް ކޭހެއް 320 ރުފިޔާއަށް (ވަކިން 2 ރުފިޔާއަށް ބިހެއް)، އަލުވި ބަސްތާއެއް 310 ރުފިޔާއަށް (ކިލޯއެއް 18 ރުފިޔާއަށް)، ފިޔާ ބަސްތާއެއް 310 ރުފިޔާއަށް (ކިލޯއެއް 14 ރުފިޔާއަށް) އަދި 5 ކިލޯގެ ލުނބޯ ކޭހެއް 145 ރުފިޔާއަށް (ކިލޯއެއް 40 ރުފިޔާއަށް) ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން މި ތަކެތި ވިއްކަން ހަމަޖެހިފައިވަނީ އެ ކުންފުނީގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. އަދި ރީޓެއިލްކޮށް މި ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބެން ހުންނާނެއެވެ.
"މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން،" އެސްޓީއޯގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން ވިއްކާ އަގަށްވެސް ބަދަލު ގެނެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކޮންމެ އަހަރެއްގެ ރޯދަމަހުވެސް އަސާސީ ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އަސާސީ މުދާ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަކަމެވެ.
އެސްޓީއޯއިން ރޯދަމަހަށް އަސާސީ ތަކެތި އަގުހެޔޮކޮށް ވިއްކަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ