ބީއޯބީޕީ-އައިޖީއޯ ގެ 13ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން ބާއްވައިފި

ބޭ އޮފް ބެންގޯލް ޕްރޮގްރާމް އިންޓަރ-ގަވަރމެންޓަލް އޯގަނައިޒޭޝަން (ބީއޯބީޕީ-އައިޖީއޯ) ގެ 13ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވައި މަސްވެރިކަމާބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވާހަކަފުޅު ދައްކަވައި، ދިވެހިރާއްޖެއާއި ބީއޯބީޕީ-އައިޖީއޯ އާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި "ބޭ އޮފް ބެންގޯލް ޕްރޮގްރާމަކީ ދިވެހިރާއްޖެއަށް އަބަދުވެސް ވަރަށް މުހިންމު ޕްރޮގްރާމެއް" އެވެ. އަދި ކަނޑަކީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، އިޤްތިޞާދާއި، ސަގާފަތުގެ މައިގަނޑު ބައެއްކަމަށްވާތީ، ބީއޯބީޕީ-އައިޖީއޯ އާއެކު އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބީއޯބީޕީ-އައިޖީއޯ އިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި މަސްވެރިކަން މެނޭޖްކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، މޮނިޓަރިންގ އަދި ސްޓޮކް އެސެސްމަންޓް ޓެކްނިކްތައް ދަސްކޮށްދިނުން ހިމެނެއެވެ. މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަން މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ބީއޯބީޕީ-އައިޖީއޯގެ މެމްބަރު ޤައުމުތަކުގެ އިސް ވެރިންނާއި، މަސްވެރިކަމުގެ ދާއިރާގެ މާހިރުން ބައިވެރިވިއެވެ.
ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ދާއިރާގައި ކުރީ ސަފުގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޤައުމަކަށް ހެދުމަށް ބީއޯބީޕީ-އައިޖީއޯއިން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން އަގުވަޒަންކުރާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ