ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާ އެކުވެސް އާސަންދައިގެ ހަރަދު މައްޗަށް

އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދު ކުޑަކުރަން ސަރުކާރުން ފިޔަވަޅު އެޅި ކަމަށް ބުނި ނަމަވެސް އެ ހަރަދުތައް %34 އިތުރުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އާމްދަނީ ހަރަދުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އާސަންދަ އަދި ސަބްސިޑީތަކަށް ވަނީ:
ޖުމްލަ 688 މިލިއަން ރުފިޔާ ހަރަދުކޮށްފައި
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174.1 މިލިއަން ރުފިޔާ، %34 އިތުރު އަދަދެއް 
އާސަންދަ އާއި ސަބްސިޑީތަކަށް ޖުމްލަ 3.7 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. 
ތަފްސީލް - ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އާސަންދައަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 173.3 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން:
މިހާތަނަށް އާސަންދައަށް ވަނީ 413.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި 
މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 240.3 މިލިއަން ރުފިޔާ 
އާސަންދައަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.9 ބިލިއަން ރުފިޔާ އެވެ. 
ފާހަގަކޮށްލެވޭ - އާސަންދައިގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ބައެއް ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެގޮތުން:
ބޭހުގެ އަގު ކޮންޓްރޯލްކުރުން 
ޕްރައިވެޓް އިންޝްއަރެންސް އޮންނަ މީހުންެގެ އެ އިންޝުއަރެންސް ހުސްނުވަނިސް އާސަންދައިން ކަވަރޭޖް ނުދިނުން 
ބޭރުގެ ހޮސްޕިޓަލްތަކަށް ދޭ ކަވަރޭޖަށް ބައެއް ކަހަލަ ހިފެހެއްޓުންތައް ގެނައުން 
ގުޅުންހުރި - ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ސަބްސިޑީއަށް ކުރާ ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އެ ހަރަދުތަކަށް މިދިޔަ އަހަރަށް ވުރެ އިތުރަށް 800،000ރ. ވަނީ ހަރަދުވެފަ އެވެ. މިހާތަނަށް ސަބްސިޑީތަކަށް ވަނީ 274.4 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. 
ސަބްސިޑީތަކަށް މިއަހަރު ކަނޑައަޅާފައި ވަނީ 1.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ