އަހުރެންނަކީ އެހައި ތަނަވަސް މީހެއް ނޫން ނަމަވެސް ފުދިގެން އުޅުނު މީހަކީމެވެ. ދެމަފިރިން އުޅުނީ އަޅުގަނޑުގެ ފްލެޓެއްގައެވެ. އަޅުގަނޑުގެ އަމިއްލަ ޢާއިލާއަށް ޚަރަދުކުރާ ވަރަށް އަނބިމީހާގެ ޢާއިލާއަށްވެސް އައީ ޚަރަދުކުރަމުންނެވެ. ދެގެއަށް ޒިޔާރަތް ކުރަނީ ދެމަފިރިން އެކުގައެވެ. ހަމަ އެއްވަރަކަށެވެ. އަނބިމީހާގެ މައިންބަފައިން ބަލިވިޔަސް އަޅައިލަމެވެ. އެއީ ހަމަ އަޅުގަނޑުގެ ވެސް މައިންބަފައިން ކަމަށްވީތީއެވެ.
އެއްފަހަރަކު އަޅުގަނޑުގެ މަންމަ ތަންކޮޅެއް ބޮޑަށް ބަލިވެގެން ތަންކޮޅެއް ގިނައިން ޚަރަދުކުރަންޖެހުނެވެ. އަނބިމީހާއަށް އެކަން ބަލައެއް ނުގަނެވުނެވެ. ކުދިކުދި ޝަކުވާތައް ގިނަކުރަމުން އައިސް ތަންކޮޅެއް މައްޗަށް ދިއުމުން ބުނީމެވެ. "ތިބާގެ އެކައުންޓުން އެންމެ ރުފިޔާއެއްވެސް ޚަރަދެއް ނުކުރަމެއް ނޫންހެއްޔެވެ؟ އެެހެންވީއިރު ކަންބޮޑުވެގެން ތިއައުޅެނީ ކޮންކަމަކަށް ހެއްޔެވެ؟"
އަނބިމީހާގެ ޖަވާބަކަށްވީ އަތްމަތި ހުސްވީމާ ދިރިއުޅެން ހުރަސްތައް އެޅޭޭނެ ކަމަށެވެ. ދަތިޙާލުގައި އުޅެންޖެހޭނެ ކަމަށެވެ. އަޅުގަނޑު ބުނީމެވެ. "ބަލަ ޚަރަދު މިކުރަނީ މާތް ﷲ އެކަމަށް ދެއްވަވާފައި ހުރި އެއްޗެކެވެ. ޚަރަދުކުރަނީ ކޮންކަމަކަށްވެސް ދެނެވޮޑިގެންވެއެވެ. ޚަރަދު މިކުރަނީ އެކަމެއް ކުރަން އަހުރެންގެ މައްޗަށް ވާޖިބް ކުރައްވަވާފައިވާ ކަމަކަށެވެ. ވީމާ ހުސްވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ"
އެއިގެ 2،3 ދުވަސްފަހުން އަނބިމީހާ ގެއިން ނުކުމެގެންދިއައީ ނުވެސް ބުނެއެވެ. އޮފީހުގައި އުޅެނިކޮށެވެ. ނުގުޅަމެވެ. ހޯދާކަށްވެސް ނުދަމެވެ. ކުރީ މެސެޖެކެވެ. "މިގެއަށް ވަންނަން ބޭނުމިއްޔާ މިރޭ އަހުރެން ނިދުމުގެ ކުރިން އެނބުރި އަންނާށެވެ. ނައިނަމަ މާދަމާ މިގެއަކަށް ނުވަދެވޭނެއެވެ."
"އަހުރެން ތިބާ ދެކެ އިންތިހާއަށް ލޯބިވަމެވެ. ތިބާގެ ޢާއިލާއަށް ހެޔޮކޮށް ހިތީވެސް ތިބާދެކެ ލޯބިވާތީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ކިތަންމެ ބޮޑަށް ލޯބިވިޔަސް މަންމަ ދޫކޮށެއް ނުލެވޭނެއެވެ. އަހުރެން މިހިސާބަށް ގެނެސްދިނީ އެމަންމައެވެ. އެކަން އަބަދުވެސް ހަނޑާންކުރަންޖެހޭނެއެވެ. އަދި މަންމައަށް ހެޔޮކޮށް ހިތާތީ ތިބާއަށްވީ އެއްވެސް އުނދަގުލެއްވެސް އަދި ދައްޗެއްވެސް މިއަޑާއި ހަމައަކަށް ނުއޮންނާނެއެވެ.
އަނބމީހާ ނިންމީ އެނބުރި ނައުމަށެވެ. އެހެންވެ ގެއަށް ނައުމުން އިތުރަކަށް ނުވިސްނަމެވެ. އަނެއް ދުވަހު ދެމީހުންގެ ގުޅުން އެހިސާބުން ނިންމައިލީއެވެ. އަދި ހަމަ އެދުވަހު މަންމަ ގެއަށް ބަދަލުކޮށް ގެންގުޅެން ފެށީމެވެ. އޮފީހަށްދާ ގަޑީގައި މަންމަ ބަލައިދޭނެ މީހަކުވެސް ހޯދީމެވެ.
10 ވަނަ ދުވަހު ރަނގަބީލުޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ކޮލެޖުގައި ވަރަށް އެކުވެރިކޮށް އުޅުނު އަނަހެން ކުއްޖެކެވެ. ހުރީ އަހަރުވެސް ނުވާ ކުޑަކުއްޖަކު އުރައިގެންނެވެ. އަވަހަށް ގެއަށް ވައްދައި މެހްމާންދާރީ އަދާކޮށްފައި އައި ބޭނުމަކާއިބެހޭ ގޮތުން ސުވާލުކުރުމުން ބުނީ ފިރިމީހާ އޭނާ ވަރިކޮށްލާފައި ގެއިން ނެރެލީ ކަމަށެވެ. އެހެންވެ މިހިނގަނީ ރަށަސް ދެވެންދެން އިނދެލެވޭނެ ތަނެއް ލިބޭތޯ ކަމަށެވެ.
އަޅުގަނޑު ބުނީމެވެ. "ރަށަށްދާ ވާހަކަދައްކާނީ ފަހުންނެވެ. އިހަށް ހަމަޖެހިލައިގެން މިގޭގައި އިންނާށެވެ. ދެމައިންގެ ހުރިހާ ޚަރަދެއްވެސް ބަލަހައްޓައިދޭނަމެވެ. ހަމައެކަނި ކޮށްލައިދޭން އޮތް ކަމަކީ މަންމަގެ ޙާލު ބަލައިލަ ދިނުމެވެ." އެހެން ބުނެފައި އަލުގނޑަށް ކަްންކަން ކުރިމަތިވި ގޮތް ކިޔައިދިނީމެވެ.
އޭނާވީ މަންމައަށް ވަރަށް ހެޔޮ އަންހެނަކަށެވެ. އަމިއްލަ މައިމީހާ ބަލާނެ ގޮތަށް ބަލައިދިނެވެ. އެކަމުގެ ތެރެއިން މަންމަ އާއި އޭނަގެ ގުޅުން ބަދަހިވެ މަންމަ އެދުނު އެދުމަށް އޭނާވެސް ރުހުމުން ކައިވެނިކުރީއެވެ.
މިއީ 6 އަހަރު ފަހެވެ. މިކުރަނީ އަމިއްލަ މަސައްކަތެވެ. ދިރިމިއުޅެނީ ތަނަވަސްކަމުގައެވެ. ލޯބިވާ އަންތބެއްގެ ލޯބި އިމެއް ނެތި ލިބިގެންނެވެ. އެއްވެސް މީހެއްގެ ހިތެއް ނުފުރޭނެއެވެ. އެކަމަކު އަޅުގަނޑަށް މަދުވާ އެއްވެސް ކަމެއް ނެތެވެ. އިން ޝާ ﷲ. އަޅުގަނޑުގެ މިކާމިޔާބީގެ ފަހަތުގައިވަނީ މަންމައެވެ. ދެން ވަފާތެރި ލޯބިވާ އަނބިމީހާއެވެ.
އަޅުގަނޑުގެ ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިޑާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.
- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
އަނބިމީހާއަށް ކަމެއް އުނިނުކޮށް ދެ ޢާއިލާއަށް ހަމަހަމަކޮށް ކަންކަން ކުރުމުންވެސް މަންމައަށް ނުރުހުމުން އިންތިހާއަށް ލޯބިވާ އަނބިމީހާއާ ވަކިވެ މަންމައަށް ޚިދުމަތްކުރި ދަރިއަކަށް ލިބުނު ރަންދުނިޔޭގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ