ފެނަކައިން އިން-ހައުސްކޮށް އައްޑޫގައި ހިންގި ޕްރޮޖެކްޓުތަކުން 79 މިލިއަން ރުފިޔާގެ ގެއްލުން: އޮޑިޓު ފެނަކައިން އިން-ހައުސްކޮށް އައްޑޫގައި ހިންގި ޕްރޮޖެކްޓުތަކުން 79 މިލިއަން ރުފިޔާގެ ގެއްލުން: އޮޑިޓު

ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއް އެ ކުންފުނިން މަސައްކަތް ކުރާ ގޮތަށް "އިން-ހައުސްކޮށް" ގެންދިޔުމާ ގުޅިގެން އެ ކުންފުންޏަށް 76 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ފެނަކައިން އައްޑޫގައި ހިންގި ހަތަރު ޕްރޮޖެކްޓުގެ ހާއްސަ އޮޑިޓުގައި، އޮޑިޓު އޮފީހުން ބަލާފައި ވަނީ ހިތަދޫގައި އިމާރާތްކުރަމުން އަންނަ ސެންޓްރަލް ޕަވާ ހައުސް އިމާރާތައި ހިތަދޫ އޮފީހުގެ އާ އިމާރާތާއި މަރަދޫފޭދޫ އޮފީހުގެ އާ އިމާރާތުގެ އިތުރުން ހުޅުމީދޫ އޮފީހުގެ އާ އިމާރާތާއި އާ ޕަވާ ހައުސް އިމާރާތް ކުރުމަށް ޕްރޮޖެކްޓަށް ކުރި ހަރަދުތަކަށެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި މިއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ނިމިފައި ނުވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.
މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް އައުޓްސޯސްކޮށްގެން ކުރިއަށް ގެންދާ ނަމަ، އޮޑިޓު އޮފީހުން ބުނީ، މި ހަތަރު އިމާރާތް ނިންމުމަށް ހަރަދު ވާނީ 109 މިލިއަން ރުފިޔާ ކަމަށެވެ. އެއީ މިފަދަ ޕްރޮޖެކްޓުތަކަށް އަކަފޫޓަކުން ޖެހޭ އަދަދުން ހިސާބުކުރާއިރު ޖެހޭ އަދަދެވެ.
މި ޕްރޮޖެކްޓުތަކުގެ ތެރެއިން ނިންމަން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އަންޒާދާކުރެވެނީ ސެންޓްރަލް ޕަވާ ހައުސްގެ އިމާރާތަށެވެ. އެ ޕްރޮޖެކްޓަށް އެކަނި މިހާތަނަށް 60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ބަޔަކާ ހަވާލުކޮށްގެން ކުރި ނަމަ މަސައްކަތް އެއްކޮށް ނިންމާލެވޭނެހާ ފައިސާ ކަަމަށް އޮޑިޓު އޮފީހުން ބުންޏެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން 35 މިލިއަން ރުފިޔާ ބޭނުންވެ އެވެ.
ދެން ހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން:
މި ހަތަރު ޕްރޮޖެކްޓު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވެ އެވެ. އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މި ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، މިކަން ކުރީ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ އިންސާނީ ވަސީލަތްތަކުގެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް ކަމަށް ވެސް އޮޑިޓަރުން ބުނެފައިވެ އެވެ.
މި ޕްރޮޖެކްޓުތައް ފެއްޓިއިރު ނަގާފައި ވަނީ 85 މުވައްޒަފުންނެވެ. ނަމަވެސް މި މަސައްކަތުގައި 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ. އަދި މިހެން އިތުރަށް ނެގި މުވައްޒަފުންނަކީ ހުސްވާ މަގާމުތަކަށް ނޫން ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ