ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމުގެ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުދޭން މިއަދު އެ ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ފަނޑިޔާރު އެދިވަޑައިގެންނެވީ ގާނޫނީ ވަކީލަކާއެކު ޖުޑިޝަރީ ކޮމިޓިއަށް ވަޑައިގެން، ޖޭއެސްސީގައި ފާހަގަ ކުރި ނުކުތާތައް ކޮމިޓީއާ ހިއްސާ ކުރުމުގެ ފުރުސަތަކަށެވެ.
މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އަޒްމިރަލްދާގެ އިތުރުން ޖޭއެސްސީގެ މެންބަރުން ހާޒިރުކުރަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ މައުރޫފުގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ. ކޮމިޓީގައި ތިއްބެވި ވެރިކަންކުރާ ޕީއެންސީ މެންބަރުން ވޯޓު ދެއްވީ ހުށަހެޅުމާ ދެކޮޅަށެވެ.
ފަނޑިޔާރު ވަކިކުރަން ކޮމިޓީން މިއަދު ގޮތެއް ނުނިންމަ އެވެ. އިތުރަށް ދިރާސާކުރަން ކަމަށް ބުނެ މިއަދުގެ ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.
އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން ޖޭއެސްސީއިން ނިންމި އެވެ. އެ ކޮމިޝަނުން ބުނީ ފަނޑިޔާރުން ދަށު ކޯޓަށް ނުފޫޒު ފޯރުވިކަން ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭ ކަމަށެވެ.
ފަނޑިޔާރު ކަމުން އަޒްމިރާލްދާ ވަކިކުރަން ބެލި ސުލޫކީ މައްސަލަ ޖޭއެސްސީއަށް 'އަމިއްލަ ފަރާތަކުން' ހުށަހެޅީ ފެބްރުއަރީ 19، 2025، ގަ އެވެ. އެއީ ކޮން ފަރާތެއްކަން ނޭނގެ އެވެ. މި މައްސަލަ ޖޭއެސްސީން ބަލަން ނިންމީ ފެބްރުއަރީ 26، 2025، ގަ އެވެ.
ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް އޭރު އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އޭގެ އިތުރުން، އެ މައްސަލަ ބަލަމުން ދަނިކޮށް އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި އޮތް މައްސަލައިގެ އަޑުއެހުން އޮތީ ފެބްރުއަރީ 26، ގެ ހެނދުނު 11:00 އަށް ތާވަލުކޮށްފަ އެވެ.
ޖޭއެސްސީން އަޒްމިރާލްދާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ. ދުސްތޫރީ މައްސަލަތައް ބަލަން ޖެހެނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކަމަށްވާއިރު އެ ސަސްޕެންޝަންތަކާއެކު އެ މައްސަލަ އޮތީ ހުއްޓިފަ އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަޒްމިރަލްދާއަށް ނުދޭން ނިންމައިފި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަޒްމިރަލްދާއަށް ނުދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ