ރާއްޖޭގެ ރީތިކަމަށް ޗައިނާ ސަފީރުގެ ހިތް ދޫވެއްޖެ، ދިވެހީންނަށް މާ ކަމުގޮސްފި

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ގިނަ އަދަދެއްގެ ދިވެހީންގެ ސަމާލުކަން މި ފަހުން އަތުލައިގަތީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނުގެ ވަގުތުގައާއި ރޭގަނޑުގެ ވަގުތު އޭނާއަށް ރާއްޖެއިން ފެންނަ އެންމެ ރީތި މަންޒަރުތައް ޕޯސްޓުކުރެއެވެ. އެ މަންޒަރުތަކުން އޭނާއަށް ލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދެއެވެ. https://x.com/China_Amb_Mdv/status/1924674153275363481 ދިވެހީންނަށް ވެސް މި ޕޯސްޓުތައް މާ ކަމުގޮސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާނާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައި ވެސް ސަފީރު ޕޯސްޓްކުރެއްވީ އެ މީޓިން ރޫމުން ފެނުނު ރީތި މަންޒަރުތަކުގެ ވާހަކައެވެ. އެ ރީތިކަމުން އޭނާއަށް ލިބުނު ހިތްވަރުގެ ވާހަކައެވެ. ދިވެހީން އެ ޕޯސްޓުތަކަށް ކުރާ ކޮމެންޓުތަކަށް ވެސް ޗައިނާ ސަފީރު ދަނީ ވަރަށް ގާތްކޮށް، ޖަވާބުދެއްވަމުންނެވެ. އެ ކަމާ ހުރެ ދިވެހީންގެ ތެރޭގައި ޚާއްސަކޮށް 'ޓްވިޓާ ކޮމިއުނިޓީ'ގެ ތެރޭގައި ޗައިނާ ސަފީރު ވަރަށް މަގުބޫލެވެ. https://x.com/China_Amb_Mdv/status/1929741940834423136 ސަފީރު ވަނީ ފުރަތަމަ ފަހަރަށް ވިލިމާލެއަށް ކުރެއްވި ދަތުރުގެ ހަނދާންތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން، ވިލިނގިއްޔަކީ މިހާތަނަށް އޭނާއަށް ދެވުނު އެންމެ ހަމަހިމޭން ރަށް ކަމަށް ސަފީރު ވިދާޅުވިއެވެ. އެ ޕޯސްޓާއެކު އޭނާ ވަނީ ވިލިމާލެއަކީ މަންޒަރުތައް ދައްކާލުމަށް ފޮޓޯތައް ހިއްސާކޮށްފައެވެ. https://x.com/China_Amb_Mdv/status/1929069202972741753 ވަކިން ޚާއްސަކޮށް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ވިއުއަކީ ސަފީރަށް ވަރަށް ކަމުގޮސްފައިވާ މަންޒަރެކެވެ. ހެނދުނުގެ ވަގުތު އެންމެ ގިނައިން ސަފީރު ހިއްސާކުރާ އެއް ޕޯސްޓަކީ، ބުރިޖާއެކު ފަހަތުން ފެންނަ ނޫ ކަނޑާއި، ނޫ އުޑުގެ ރީތި މަންޒަރުތަކެވެ. އެއީ، ޗައިނާ އެމްބަސީގެ މަތިން ފެންނަ މަންޒަރެވެ. https://x.com/China_Amb_Mdv/status/1927210948634333609 ސަފީރުގެ ޕޯސްޓުތަކުން ހަމައެކަނި ދައްކުވައިދެނީ ރާއްޖޭގެ ރީތިކަން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންނާއި، ޚިދުމަތްދޭ ތަންތަނުގެ ރަނގަޅުކަމާއި އިތުބާރު ހިފޭކަން ވެސް ދައްކުވައިދެއެވެ. ރޭގެ ވަގުތެއްގައި ސަފީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާގެ ރައްޔިތަކު އެމްޓީސީސީގެ ބަހެއްގައި ދަތުރެއް ކުރުމަށް ފަހު، ހަނދާންނެތި ވޮލެޓެއް ބާއްވާފައި ދެވުނު ކަމަށެވެ. ނަމަވެސް، އެ ބަހުގައި އެ ވަގުތު ހުރި އެމްޓީސީސީ މުވައްޒަފަކު އަމާނާތްތެރިކަމާ އެކު އެ ވޮލެޓު އެ މީހާއާ ހަވާލުކޮށްދިން ކަމަށް ވިދާޅުވިއެވެ. ސަފީރު ވަނީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. އެކަމުން ދައްކުވައިދެނީ ދިވެހީންގެ ތެދުވެރިކަން ކަމަށް ސަފީރު ވިދާޅުވިއެވެ. އެ ޕޯސްޓު ރީޕޯސްޓުކުރުމަށް ފަހު، އެމްޓީސީން ވަނީ އެއީ އެ ކުންފުނީގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަމުގައި އެހީތެރިވެވުނީތީ އުފާކުރާކަމަށް ބުނެފައެވެ. https://x.com/MTCCPlc/status/1929368885578346758 ސަފީރުގެ ޕޯސްޓުތަކުން ދެން އެންމެ ފާހަގަވާ އެއްކަމަކީ ރާއްޖޭގެ ގޮނޑުދޮށްތައް ނުވަތަ ބީޗުތަކުގައި މަޑުކޮށް، އެ ލިބޭ ހިތްހަމަޖެހުމެވެ. އޭނާ ވަނީ ފޮތެއް ކިޔާލުމަށް ގޮނޑުދޮށުގައި ހުރި ގަހެއްގެ ދޮށުގައި އިން ހިތްގައިމު ވަގުތު ވެސް ހިއްސާކޮށްފައެވެ. އެ ޕޯސްޓަށް ވެސް ގިނަ ދިވެހީންގެ ސަމާލުކަން ލިބިފައިވެއެވެ. https://x.com/China_Amb_Mdv/status/1928350915662336516 އިރުއޮއްސޭ މަންޒަރާއި، އިރުއަރާ މަންޒަރުގެ އިތުރުން އުޑުމަތީގައި ވިލާތައް ދައުރުވާ ގޮތުން އޭނާއަށް ހިތްހަމަޖެހުން ލިބޭ އެތައް ޕޯސްޓުތަކެއް ހިއްސާކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން ރާއްޖެއަށް ޒިޔާރާތްކުރާ ކޮންމެ ފަތުރުވެރިއަކަށް ވެސް ލިބޭނެ ހިތްހަމަޖެހުމެވެ. ކޮންމެ ދުވަހެއް ވެސް ފެށެނީ ސަފީރުގެ ޕޯސްޓަކުންނެވެ. އެ ދުވަސް ނިންމާލަނީ ވެސް ރާއްޖޭގެ ރީތިކަމަށް ތައުރީފުކުރައްވަމުންނެވެ. އެކަން ދިވެހީންނަށް ވެސް ވަރަށް ކަމުގޮސްފިއެވެ. ސަފީރަކީ މިހާރު މަގުބޫލު ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ