މަސައްކަތްކުރާ ވަގުތު ކުޑަކުރުމާ ބެހޭގޮތުން ކުރާ ބަހުސުގައި ޕަންކަޖު ވެސް ބައިވެރިވެއްޖެ

ފިލްމުތަކުގައި މަސައްކަތްކުރާ ވަގުތު ކުޑަކުރުމާ ގުޅިގެން ބަތަލާ ދީޕިކާ ޕަދުކޯން ފެށި ބަހުސްގައި އެކްޓަރު ޕަންކަޖު ތުރިޕާތީ ވެސް ބައިވެރިވެއްޖެއެވެ. ޝޫޓިންގްތަކުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ކުޑަކުރުމާ ބެހޭގޮތުން ފިލްމު އިންޑަސްޓްރީގެ އެކި ޕްލެޓްފޯމްތަކުގައި ބޮޑު ބަހުސެއް ފެށިފައިވާއިރު ޕަންކަޖު ބުނީ، އޭނާ ވެސް އަންނަނީ ފިލްމު ޕްރޮޑިއުސަރުންނަށް ނޫނެކޭ ބުނަން ދަސްކުރަމުން ކަމަށެވެ. މަޝްހޫރު ސީރީސް "މިރުޒާޕޫރު"ގެ އެކްޓަރު ބުނީ ޕްރޮޑިއުސަރުންގެ ހުރިހާ ޑިމާންޑުތަކަށް އެއްބަސްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެފަދަ ޑިމާންޑުތަކަށް އެއްބަސްވާން ވާނީ އެއީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ވާނަމައެވެ. ބައެއްފަހަރު ކަންކަމަށް ނޫނެކޭ ބުނަންޖެހޭ ވަގުތު ވެސް އަންނާނެ ކަމަށާއި އޭގެ ސަބަބުން ޕްރޮޑިއުސަރާ އެކްޓަރާ ދެމެދު ހުރަހެއް އެބައޮތް ކަން އެ ފަރާތަށް ވެސް ވިސްނޭނެ ކަމަށް އޭނާ ބުންޏެވެ. އެއީ މުހިއްމު ކަމެއް ކަމަށް ޕަންކަޖު ވަނީ ބުނެފައެވެ. ބަތަލާ ދީޕިކާ ޕަދުކޯން އަދި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ--ފޮޓޯ/ފިލްމުފެއަ މާޒީއަށް ބަލާއިރު ޕަންކަޖަކީ ފިލްމު ސެޓުގައި 16، 18 ގަޑިއިރުވަންދެން މަސައްކަތް ކުރަމުން އައި މީހެއް ކަމަށާއި ފިލްމު ސެޓުން ޕްރޮޑަކްޝަން ޓީމުގެ ގިނަ ބަޔަކު ދާއިރު ލޭބަރުންގެ ގޮތުގައި އަންނަ ގިނަ ބަޔަކު އެއަށްވުރެ ގިނަ ވަގުތު މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށް ކުޅަދާނަ އެކްޓަރު ވަނީ ބުނެފައެވެ. އެހެންކަމުން ތިމާގެ އަމިއްލަ ހައްގަށް ވަކާލާތުކޮށް ރީތި ގޮތުގައި ނޫނެކޭ ބުނުމުގެ އާދަ އިންޑަސްޓްރީގެ ގިނަ ބަޔަކު ދަސްކުރަންވެއްޖެ ކަމަށް ޕަންކަޖު ވަނީ ބުނެފައެވެ. ފިލްމު ސެޓުގައި ކާސްޓުންނާއި ޕްރޮޑަކްޝަން ޓީމު މަޑުކުރުވައިގެން ކުރާ މަސައްކަތްތަކަކީ ގިނަ ފަހަރަށް ޖެހިގެން އަންނަ ދުވަހު ވެސް ކުރެވޭ ކަހަލަ މަސައްކަތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ޕަންކަޖު އެކޭ އެއްގޮތަށް މި މައުޟޫއާ އެއްކޮޅަށް ވާހަކަ ދައްކާފައިވާ ތަރިންގެތެރޭ ސައިފް އަލީ ޚާން އަދި އަޖޭ ދޭވްގަން ހިމެނެއެވެ. މީގެއިތުރުން ސައުތު ސިނަމާގެ ތަޖުރިބާކާރު ޑައިރެކްޓަރު މަނީ ރަތުނަމް ވެސް ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީގައި މަންމައިންނަށް ވެފައިވާ ބަތަލާއިންނަށް އެފަދަ ޑިމާންޑުތައް ހުށަހެޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ފިލްމު ޝެޑިއުލްގައި މަސައްކަތްކުރާ ވަގުތު ކުޑަ ކުރުމުގެ ބަހުސް ބޮލީވުޑްގައި ފެށުނީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް"އަށް ބަތަލާ ދީޕިކާ ކުރި ޑިމާންޑުތަކުގެ ތެރޭ މަސައްކަތް ކުރެވޭނީ އަށް ގަޑިއިރު ކަމަށާއި އޭގެތެރެއިން ފިލްމު ސެޓުގައި ހޭދަކުރެވޭނީ ހަ ގަޑިއިރު ކަމަށް ބުނުމުންނެވެ. ދީޕިކާގެ ފަރާތުން ހުށަހެޅި ޑިމާންޑުތަކާ ގުޅިގެން ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވުމުން ފަހުން ދީޕިކާގެ ބަދަލުގައި އެ ފިލްމަށް ގެނައީ ތުރިޕްތީ ދިމްރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ