ހުސްވި ޑިސެމްބަރު މަހުން ފެށިގެން ފުރާ މީހުންގެ އަތުންނަގާ ޓެކްހާއި ޑިވްލޮޕްމަންޓް ފީ އެތައް ގުނައަކުން ވަނީ ބޮޑުކޮށްފައެވެ. ޑިޕާޗަރ ޓެކްހާއި ޑިވްލޮޕްމަންތް ފީ ބޮޑުކުރުމުން ދައުލަތަށް މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ވަނީލިބިފައެވެ. މިހިނގާ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިލޔަލަށް 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ހުސްވި އަހަރު އެމުއްދަތުގައި ލިބިފައިވަނީ 863.4 މިލިޔަން ރުފިޔާއެވެ. އެގޮތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރު 614.4 މިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 617.5 މިިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
އަނެއްކޮޅުން ފިނޭންސްގެ މިނިސްޓްރީން އިއްޔެ އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓް ބުނާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ހުރީ 12.9 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރަށްވުރެ 3.3 މިލިޔަން ރުފިޔާގެ ހަރަދު ކުޑަވުމެކެވެ.
މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކުރި ހޭދައިގެ ތެރެއިން 11.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. އެއީ ނިމިގެންދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 ޕަސެންޓް ދަށް އަދަދެކެވެ.
ރިކަރަންޓް ހަރަދު މިއަހަރުގެ މިހާ ހިސާބަށް 11.8 ބިލިޔަނުގައި އެއޮތީ ސަރުކާރުން ކަމަކަށް ވާކަހަލަ އެއްވެސް ކަމެއް ނުކޮށް ތިބެގެންނެވެ. ހޭދައިގެ ބޮޑުބައެއް މުސާރައާއި ދަތުރުފަތުރާއި ހިންގުމުގެ އިސްރާފަށް ހަރަދު ކުރުމަކުން މޮޅަށް ދައުލަތް ހިންގުނީ ކަމަކަށް ނުވެއެވެ. ހަރަދު ހިނގަނީ ރައްޔިތުންނަށް ދޭ އާސަންދައާއި ސަބްސިޑީތަކަށް ކަމަށް ހަދައިގެން އެކަންކަން ހުއްޓުމަށް ހުރީ އަމާޒު ހިފާފައެވެ. ސަރުކާރު ކުޑަކޮށް މުއައްޒަފުން މަދުކޮށް އިސްރާފް ކުޑަކުރުމުގެ ކުޑަވެސް ނިޔަތެއް ނެތެވެ.
ލިބޭ ޢާމްދަނީ އިތުރުވެ ކުރެވޭ ހޭދަ ކުޑަވަމުން ދާކަމަށް ރިޕޯޓްތަކުން ދެއްކިޔަސް ދަރަނި ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ކުރިން ހުރި ދަރަނިތައް ހުރި ގޮތަށް ހުއްޓާ މިހާރުވެސް ދަރަނި ނަގާގޮތަށް ސަރުކާރަށް ދަރަނި އެބަނަގައެވެ. ހަރަދުތައް ހަމަޖެއްސުމަށްމި ސަރުކާރުން 3.8 ބިލިޔަން ރުފިޔާގެ ޓީ ބިލް މީހާރުވެސް ވަނީ ކިއްކާފައެވެ. އޭގެތެރޭގައި އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 175 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ އޮގަސްޓް 26 ގެ ނިޔަލަށް އަނބުރާ ދައްކާ 418.4 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެއެވެ.ހަމައެހެން މި އަހަރުގެ ނޮވެމްބަރު 17 ގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 989.8 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ މޭ 18 ގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 2.24 ބިލިއަން ރުފިޔާގެ ޓީބިލެއްވެސް ހިމެނެ އެވެ. ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގައެވެ. ކިހާ ތާހިރުހެއްޔެވެ.
ރެކޯޑް މިންވަރަށް އާމްދަނީލިބުނަސް ވިއްކާ ޓީބިލް ދަރަނި މެކުހުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ