ސެންޓަ އެންޓަޕްރައިޒަސް އަށް 32 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ މައްސަލާގައި އެ ކުންފުނިން ޝަރީއަތަށް ފޭކް އިންވޮއިސްތަކެއް ހުށަހެޅި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުގައި އެދިއްޖެ އެވެ.
ވީކިހިނެއް؟ - ސެންޓަ އެންޓަޕްރައިޒަސްއަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ކޯޓުން އެ ގޮތަށް ހުކުމްކުރީ އެ ކުންފުނިން ކޯޓަށް ހުށަހެޅި ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކަށް ބެލުމަށް ފަހުގަ އެވެ.
ނަމަވެސް އެ ވަރުގެ އަދަދެއް ދައްކަން ޖެހޭ ކަން ފެންނަން ނެތް ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އޮޑިޓެއް ހެދުމަށް އެދުނެވެ. ސައްހަ ނޫން އިންވޮއިސްތަކެއް ހުށަހެޅިކަން އެނގުނީ އެ އޮޑިޓްގެ މަސައްކަތުގެ ތެރެއިންނެވެ.
ތަފްސީލް - ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ބުނީ ސެންޓާ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅައި ރާއްޖެ އެތެރެކޮށްފައިނުވާ ސިއްހީ ވަސީލަތްތަކެއް ސަޕްލައިކޮށްދިން ކަމަށް ދައްކާ ޑެލިވަރީ ނޯޓުތަކާއި އިތުރު އިންވޮއިސްތަކެއް ވެސް ހުށަހެޅި ކަމަށެވެ.
މި މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ފުލުހުގައި އެދުނީ، އޮޑިޓް ކުރުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ އޮޑިޓަ ޖެނެރަލްގެ އޮފީހުން ދިން ލަފާގެ މަތިން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. އަދި އެއީ ބަންޑާރަ ނައިބުގެ އޮފީހަށް ވެސް ފެންނަ ގޮތް ކަމަށް އެ އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެއިން އެއް މައްސަލަ ހައި ކޯޓުގެ މަރުހަލާ ވެސް ނިމިފަ އެވެ. މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް ހައި ކޯޓުން ހުކުމްކުރީ މިދިޔަ ފެބުރުއަރީ މަހުގަ އެވެ.
ތިންވަނަ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމެއް ކުރި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ:
ދެ މިލިއަން ޑޮލަރު ދެއްކުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށް
12.7 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް
ސެންޓާ އެންޓަޕްރައިޒަސްއިން ކޯޓަށް ފޭކު އިންވޮއިސްތަކެއް ހުށަހެޅި މައްސަލަ ފުލުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ