ހަ އަހަރު ފަހުން ކިމް ލޯ ޕްރޮގްރާމް ނިންމާލައިފި

އެމެރިކާގެ މަގުބޫލު ސޯޝަލައިޓް އަދި އިންޓަނެޓް ޕާސަނަލިޓީ ކިމް ކާޑޭޝިއަން މީގެ ހަ އަހަރު ކުރީން ވަކީލަކަށް ވާން ވެގެން ފެށި ޕްރޮގްރާމް އެންމެ ފަހުން ނިންމާލައިފިއެވެ. ކިމް 2018 ވަނަ އަހަރުގައި މުޅި އިންޓަނެޓު ސިއްސުވާލީ އޭނާ ވަކީލަކަށް ވާން ބޭނުން ކަމަށް ބުނުމާއެކުގައެވެ. އެހެންމީހުންގެ ހައްގަށް މަސައްކަތް ކޮށް އިންސާފު ހޯދައިދިނުމަކީ އޭނާ ކުރަން ބޭނުންވާ ކަމަކަށް ވާތީ ވަކީލަކަށް ވާން ކިޔަވަން ފަށާފައިވާ ކަމަށް އެ އަހަރު ކިމް ބުންޏެވެ. އާންމުގޮތެއްގައި އެމެރިކާގައި ގާނޫނީ ނުވަތަ ޝަރުއީ ދާއިރާ ކިޔަވަން ބޭނުން ނަމަ ޖެހޭނީ ލޯ ސްކޫލަކަށް ގޮސް ފުރަތަމަ ބެޗެލާސް އެއް ހޯދާށެވެ. އެއަށްފަހު ދުނިޔޭގެ އެހެން ހިސާބުތަކާ އެއްގޮތަށް ޖެހޭނީ ބާ އިމްތިހާނެއް ހަދާށެވެ. ވަކާލާތު ކުރުމުގެ ހުއްދަ ލިބޭނީ މި އިމްތިހާނު ކާމިޔާބު ކުރެވިއްޖެނަމައެވެ. ނަމަވެސް ކިމް ކިޔެވީ ތަފާތު ގޮތަކަށެވެ. އެމެރިކާގެ ކެލިފޯނިއާގައި ވަކީލަކަށް ވާން ބޭނުންވާ ނަމަ ކިޔެވޭނެ އިތުރު ގޮތެއް އޮވެއެވެ. އެއީ ލައިސެންސް އޮންނަ ވަކީލެއްގެ ދަށުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކަށް ކިޔެވުމެވެ. ލޮސް އެންޖެލެސްއަށް ނިސްބަތްވާ ކްރިމިނަލް ޑިފެންސް އެޓާނީ ޝަހީން މަންޝޫރީ ކިޔައިދިން ގޮތުގައި ކިމް ކިޔަވާފައިވަނީ "ލޯ އޮފީސް ސްޓަޑީ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގެ ދަށުންނެވެ. އާންމު ގޮތެއްގައި މި ޕްރޮގްރާމަކީވެސް ގާތްގަނޑަކަށް ހަތަރު އަހަރު ހޭދަވާ ޕްރޮގްރާމެކެވެ. ނަމަވެސް ކިމްގެ ސްކޫލު ނިމެން ލަސްވެފައިވަނީ އޭނާ "ބޭބީ ބާ" އިމްތިހާނު ފާސް ނުވުމާ ގުޅިގެންނެވެ. ބޭބީ ބާ އަކީ ލޯ ސްކޫލުގެ ފުރަތަމަ އަހަރުގެ އިމްތިހާނާ އެއްވަރުގެ އިމްތިހާނެކެވެ. ކިމް ވަނީ މި އިމްތިހާނު ތިން ފަހަރެއްގެ މަތީން ހަދާފައެވެ. އަދި ތިންވަނަ ފަހަރު އިމްތިހާނުން ފާސްވީ 2021 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާގެ އެޕްރެންޓިސްޝިޕް ރަސްމީކޮށް ފެށުނީއެވެ. އެންމެފަހުން ލޯ ޕްރޮގްރާމުން ކިމް ގްރެޖުއޭޓް ވި ނަމަވެސް އޭނާއަށް އަދި ވަކާލާތެއް ނުކުރެވޭނެއެވެ. އޭނާއަށް ވަކާލާތު ކުރެވޭނީ ރަސްމީ ބާ އިމްތިހާން ހަދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ