އަމީން ދޫކޮށްލަން ހައި ކޯޓުން އަމުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ބަންދުކުރަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އަމީންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނިކޮށް އެ މައްސަލަ އަމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމިކަން އަންގާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އަމީން ބަންދުކުރަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރީ މުޒާހަރާގައި އަމީން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަށް ބިނާކޮށް ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހުރި މައްސަލަތަކަކާ ގުޅިގެންނެވެ. ދަށު ކޯޓަށް ހުށަހެޅި އެ ރިޕޯޓުގައިވާ ގޮތުން ބިރު ދެއްކުމުގެ ވާހަކަތަކެއް އަމީން އެ މުޒާހަރާގައި ދައްކާފައިވެ އެވެ. ނަމަވެސް ފުލުހުން ހައި ކޯޓުގައި ބުނެފައިވަނީ އެގޮތަށް ރިޕޯޓުގައި ލިޔުނީ އެ ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާއަށް ދޭހަވި އެއްޗެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެހެންވެ ހައި ކޯޓުން ނިންމީ އަމީންގެ ބަންދު މުއްދަތު އިތުރު ކުރުމުގައި ހުށަހަޅާފައިވާ ހެކިތައް އެކަށީގެންވާ ގޮތެއްގައި ދަށު ކޯޓުގެ ފަނޑިޔާރު ވަޒަންކޮށްފައިނުވާ ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ބެލީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ.
އަމީން ދޫކޮށްލަން ހައި ކޯޓުން އަމުރުކުރި ނަމަވެސް އެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ބަންދު ބަހައްޓަން ނިންމި ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ