3 ދާއިރާއަކުން ޕީއެޗްޑީގެ އައު ކޯސްތަކެއް ފެށުމަށް ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއިން ވިދާޅުވެއްޖެއެވެ.
އެމްއެންޔޫއިން ވިދާޅުވީ މި ކޯސްތައް ހިންގާނީ ދިވެހި ސަޤާފަތާއި ތާރީޚު، ސޯޝަލް ސައިންސް އަދި ޤާނޫނީ ދާއިރާއިން ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ އިންޓޭކުގައި ކަމަށެވެ.
ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، އަލަށް ފަށާ ކޯސްތަކަކީ ދިރާސާ ކުރުމާއި، ފަންނީ ތައުލީމުގެ ދާއިރާ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އެ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވާނީ ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުން ކިޔަވާ، ތައުލީމީ ބޭފުޅުންނާއި ދިރާސާވެރިން ބިނާކުރުމުގެ މަތިވެރި މަޤުސަދުގައި ކަމަށް ޝެހެނާޒު ވިދާޅުވިއެވެ.
"މި ކޯސްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ ވަރަށް މުހިއްމު މަސައްކަތެއް. މި ކޯސްތައް ފަރުމާކޮށްފައިވާ ގޮތުން ޤައުމުން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެެގެން ޕީއެޗްޑީ ހާސިލުކުރެވޭނެ." ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
އެމްއެންޔޫއިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕީއެޗްޑީ ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި އިތުރު މަޢުލޫމާތުތައް ކުރިއަށް އޮތްތަނުގައި ޔުނިވަރސިޓީގެ ރަސްމީ މަންސަތަކުން ފޯރުކޮށްދޭނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.
އެމްއެންޔޫއިން އަލަށް ފަށާ ކޯސްތަކަކީ، ދިރާސާ ކުރުމާއި އާދަޔާ ޚިލާފު އައު އީޖާދުތަކަށް މަގުފަހިކުރުމަށާއި، ތަޢުލީމީ ފެންވަރު މަތިކޮށް ޤައުމީ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެޔުނިވަރސިޓީއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަލަށް ފަށާ ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދުވަނީ، 18 އިން 21 އަށް އިތުރުވެފައެވެ. މިއީ، އެ ޔުނިވަރސިޓީގެ ތާރީޚުގައި ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެެވެ.
3 ދާއިރާއަކުން ޕީއެޗްޑީގެ އައު ޕްރޮގްރާމްތަކެއް އެމްއެންޔޫއިން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ