ޖީއެމްސީއީ ސްކީމްގައި 40،000 އަށްވުރެ ގިނަ ދިވެހީން

ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެ ސްކީމަށް 40،000 އަށްވުރެ ގިނަ ދިވެހީން އިންވެސްޓްކޮށްފައިވާކަން އެނގިއްޖެއެވެ. ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި މި ސްކީމަށް 41،500 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. ޖީއެމްސީއީ ސްކީމްގެ ރަސްމީ ދިވެހި ޓެލެގްރާމް ގްރޫޕުގައި ވެސް އެހާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުގެ އެކި ފެންވަރުގެ މީހުން ހިމެނެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ސްކީމަށް ފައިސާ އަޅާކަން ވަނީ އެނގިފައެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެ ސްކީމުން ފައިސާ ނުލިބޭކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް ފެންމައްޗެއް ނުވެއެވެ. ޖީއެމްސީއީއަކީ ވަކި އަދަދަކަށް އިންވެސްޓްކުރުމުން ކޮންމެ ދުވަހަކު ވެސް ދެ އިންސައްތަ ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ލިބޭ ސްކީމެކެވެ. އެއީ، ޕިރަމިޑް ސްކީމެއްކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://sun.mv/207341 "މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ." ބަޔާނުގައިވެއެވެ. ފުލުހުން ބުނީ، އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް އެ މުއައްސަސާއާއި ސީއެމްޑީއޭއިން އިލްތިމާސްކުރާ ކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމުތަކަށް އިންވެސްޓުކުރުމުން އިއާދަނުކުރެވޭ މާލީ ގެއްލުންތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ފާހަގަކުރިއެވެ. "އެހެންކަމުން މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ދަންނަވަމެވެ،" ބަޔާނުގައިވެއެވެ. ފުލުހުން ބުނީ، ސީއެމްޑީއޭއާއި އެ މުއައްސަސާ ގުޅިގެން އެ މައްސަލަ ބޭރުގެ އޭޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކީމް ހިންގައި، ޕްރޮމޯޓްކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސީއެމްޑީއޭއާއެކު ކުރަމުން އަންނަކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ. ޕިރަމިޑް ސްކީމަކީ ކޮބާ؟ ޕޮންޒީ ސްކީމްތަކަށް، އެ ނަން ދެވުނީ 1920ގެ އަހަރުތަކުގައި އެމެރިކާގެ އެތައް އިންވެސްޓަރުންނަކަށް އޮޅުވާލައިގެން އެތައް މިލިޔަން ޑޮލަރެއް ހޯދި މީހެއް ކަމަށްވާ ޗާލްސް ޕޮންޒީއަށް ނިސްބަތްކޮށެވެ. އިންވެސްޓަރުންނަށް އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިދާވާ އެފަދަ ސްކީމްތަކުގައި ކުރާ ކަމަކީ ފަހުން އިންވެސްޓްކުރި މީހުންގެ ފައިސާއިން ބައެއް ކުރިން އިންވެސްޓްކުރި މީހުންނަށް ދިނުމެވެ. އެގޮތުން، އެންމެ ބޮޑު އަދަދެއް އަބަދު ވެސް ނަގާނީ އެކަން ފެށި މީހާއެވެ. ޗާލްސް ޕޮންޒީ ހިންގި ޖަރީމާގައި އޭނާއެވެ. ފުރަތަމަ އިންވެސްޓް ކުރާ މީހުންނަށް ބޮޑެތި އަދަދުތަކުން ފުރަތަމަ ޕޭމަންޓު ލިބުމުން ދެން އެއަށް އިންވެސްޓް ކުރަނީ ފުރަތަމަ އިންވެސްޓް ކުރި މީހުން ކައިރިން އެ ވާހަކަ އަޑުއަހާ، އެކަން ދެނެގެން އަންނަ މީހުންނެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދަނީ އެގޮތަށެވެ. ކުރިން އިންވެސްޓް ކުރި މީހުންނަށް ފައިސާ ދެނީ ފަހުން އަންނަ މީހުން އަތުން ނަގާ ފައިސާއިންނެވެ. އެ ސްކީމްތައް އަތަށް ގޮވަނީ ބޭނުންވާ ވަރަށް އިންވެސްޓަރުން ނުލިބޭ ހިސާބުންނެވެ. އެ ހިސާބުން އިންވެސްޓަރުންނަށް ދޭނެ ޕޭމަންޓެއް ނެތި، މައްސަލަ ޖެހެނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ