މާލޭ މަގުތަކުން ހިތުހުރި ގޮތަކަށް ގަސްކަނޑާނަމަ ދައުވާކުރަންޖެހޭ: ނަޝީދު

މާލޭގެ މަގުތަކުގައި ހުންނަ ގަސް ހިތުހުރި ގޮތަކަށް އެއްވެސް ހަމައެއް ނެތި ކަނޑާނަމަ އެކަމާ ދެކޮޅަށް ދައުވާކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ގާނާގައި، ކްލައިމެޓް ވަލްނަރެބިލިޓީ ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ވިލިމާލޭގެ މަގުތަކަކުން ގަސްތަކެއް ކަނޑައިފައިހުރި ވީޑިއޯއެއް ހިއްސާކުރައްވައިފައެވެ. އެ ވީޑިއޯގައި ފެންނަނީ މަގުގެ ދެ އަރިމަތީގައި ހެދިފައިހުރި ދުވަސްވީ ބޮޑެތި ގަސްތަކެއް ކަނޑައިފައިވާ ތަނެވެ. އަދި މަގުގެ އެއް އަރިމަތިން ގާތައް ނަގައިފައި ހުންނަ ތަނެވެ. ނަޝީދު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯގެ މަންޒަރެއް -- އެ ވީޑިއޯ ހިއްސާކުރައްވައި ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލޭ ސިޓީ ކައުންސިލުން އެއިރަކު ހިތަށް އަރައިހާ ގޮތަކަށް ކަނޑަމުން އައުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. https://x.com/MohamedNasheed/status/1897630884095746505 އެކަމާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މާލޭގެ އަވަށެއްގެ ގޮތުގައި ވަކިން އޮންނަ ވިލިމާލެއަކީ ފެހިކަން ބޮޑު ހިތްފަސޭހަ އަވަށެކެވެ. ޕެޓްރޯލް ވެހިކަލް ބޭނުންކުރުން މަދު އެ ރަށުގައި ގިނަ މީހުން އުޅެނީ ހިނގައިފައެވެ. ހިތްގައިމު މާހައުލެއް ވިލިމާލޭގައި އޮތް ނަމަވެސް ތިލަމާލެ ބްރިޖާއެކު އެ ހިތްފަސޭހަކަން ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ. އަދި މިހާރު ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށައިފައިވާއިރު މަގުތަކަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ