މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއުއަށް ގުޅުއްވި ކަމަށް އިއުތިރާފުވެވަޑައިގެން، އެކަން ކުރެއްވީ ތަހުގީގަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް އޭނާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވީ ފުލުހުން ކުރަމުންގެންދިޔަ ތަހުގީގު ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ބުނެވިދިޔަ ހާދިސާއާ ގުޅިގެން އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްލަވާ ކަންކަމަށްޓަކައި ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރާ ވާހަކަ، އެ ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާއި އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެެރިން އަޅުގަނޑު ދިރިއުޅޭ ގޭގެ ނަން ކިޔަމުން ދިޔުމުން، އަޅުގަނޑު ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައި ވާނެ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ސުޖާއުއަށް ގުޅުއްވި ނަމަވެސް، ވަކި ކަމެއް ވަކި ގޮތަކަށް ނުކުރުމަށް ނުވަތަ ކުރުމަށް އަންގައި ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ސުޖާއުއަށް ގުޅުއްވީ ފުލުހުން ކުރަމުންދިޔަ ތަހުގީގަށް މިނިސްޓަރެއްގެ ހައިސިއްޔަތުން އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެވަގުތު ސުޖާއު ފޯނަށް ޖަވާބު ނުދެއްވި ކަމަށް ސުޖާއު ވިދާޅުވި އެވެ.
ކުރީގެ ސީޕީ ސުޖާއުއަށް މިނިސްޓަރު އަމީން ގުޅުއްވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭޕްރިލް 24، ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއު އިންނަވަނިކޮށެވެ. އެ ވަގުތަކީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް މާންދޫގެދެކުނު ގެ ބަލައި ފާސްކުރަމުން ފުލުހުން ދިޔަ ވަގުތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަމީން ގުޅިކަން ހާމަވީ، އެ ރޭގެ ސެކިއުރިޓީ ފުޓޭޖުތައް ދައްކަމުންދިޔަ ވަގުތު މައިކަށް އަރާފައިވާ އަޑުތައް ދެނެގަތުމުންނެވެ.
"މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް،" ސީޕީ ޝުޖާއު ނުވަތަ ޕްރެސް ދޭން ތިބި އޮފިސަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެހެން ބުނާ ވަގުތު ފޯނު ރިންގުވާ އަޑުވެސް އިވެ އެވެ.
މި އަޑު، ނޫސްވެރިންގެ ބައްދަލުވުން ގެނެސްދިން 'ރާއްޖެ ޓީވީގެ ލައިވް ރެކޯޑިން ގެ 31:20 ގައި އަޑު އިވޭނެ އެވެ. އެ ވަގުތު ދައްކަމުންދިޔައީ ސީސީޓީވީ ފުޓޭޖު ކަމަށްވާއިރު އަޑު ނަގާފައި ހުރީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކުންނެވެ.
ނަމަވެސް އެ ދުވަހު ނޫސްވެރިން ސުވާލު ކުރުމުން ސުޖާއު ވިދާޅުވެފައި ވަނީ ތަހުގީގާ ގުޅިގެން މިނިސްޓަރު އަމީން ނުގުޅުއްވާ ކަމަށެެވެ.
ސީޕީ ސުޖާއުއަށް ގުޅުއްވި ކަމަށް އަމީން އިއުތިރާފުވެއްޖެ، ވިދާޅުވީ ގުޅުއްވީ ތަހުގީގު ފަސޭހަކޮށްދޭން ކަމަށް ސީޕީ ސުޖާއުއަށް ގުޅުއްވި ކަމަށް އަމީން އިއުތިރާފުވެއްޖެ، ވިދާޅުވީ ގުޅުއްވީ ތަހުގީގު ފަސޭހަކޮށްދޭން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ