ސަތޭކަ: ޓެކް ދާއިރާގެ މައުލޫމާތު ދީގެން އާންމުންގެ ތަރިއަކަށް

"ކާކު ދެން ޓެކް ކޮންޓެންޓް ޓިކްޓޮކްއިން ބަލަން ބޭނުންވާނީ؟" އަހުމަދު ނާޝިޒްއަށް އޭރު ކުރެވުނީ އެ ސުވާލެވެ.
ނަމަވެސް މިއަދު، އޭނާ ޓިކްޓޮކް މެދުވެރިކޮށް ދޭ މައުލޫމާތުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ފަސޭހަކޮށްދެ އެވެ. މަސައްކަތް ލުއިކޮށްދެ އެވެ. ގިނަ ބަޔަކަށް، އޭނާ ދައްކާ ވާހަކަ އަޑުއަހައިގެން، ބުނެދޭ ގޮތް ހަދައިގެން، އެކި ސޮފްޓްވެއާއާ ކުޅެން ދަސްވެއްޖެ އެވެ. އާ ކަންކަމަށް މަގު ހުޅުވިއްޖެ އެވެ.
ކ. ދިއްފުއްޓަށް އުފަން ނާޝިޒް ބޮޑުވީ ވެސް އެ ރަށުގަ އެވެ. ނަމަވެސް ގްރޭޑް 10 ނިންމާލުމަށް ފަހު އިތުރަށް ކިޔެވުމަށް 2015ގައި އޭނާ މާލެ ބަދަލުވި އެވެ. ނާޝިޒް ވަނީ މަލްޓީމީޑިއާ އަދި ގްރެފިކްސް އިން ބެޗެލާސް ޑިގްރީ ހާސިލްކޮށްފަ އެވެ. އޭނާ ރަސްމީކޮށް މަސައްކަތްކުރަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގައި ގްރެފިކް ޑިޒައިނަރެއްގެ ގޮތުގަ އެވެ.
ނާޝިޒް ބުނިގޮތުގައި ޓިކްޓޮކްގައި ޓެކްނޮލޮޖީ ޓިޕްސް ދިނުމަކީ އޭނާ ކުރަން ހިތުއެޅި މަސައްކަތެއް ނޫނެވެ. އޭނާ ކުރިން ވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ޓިޕްސް ދީ އުޅުނެވެ. އެކަމަކު މާ ގިނަ ބަޔަކަށް އެއެއް ނުފެނެ އެވެ. ނާޝިޒް ބުނިގޮތުގައި ޓިކްޓޮކް ކޮންޓެންޓް ހެދުމަކީ އޭނާގެ އަންހެނުން ދިން ހިޔާލެކެވެ. އެންމެ ފުރަތަމަ ނާޝިޒްގެ ޖަވާބަކަށްވީ، އޭނާ ޓެކް ދާއިރާއިން ދޭ ޓިޕްސް އަޑުއަހަން ބަޔަކު ބޭނުން ނުވާނެ ކަމެވެ. ނަމަވެސް އަންހެނުންގެ އެދުމުގެ މަތިން ގޮތްބަލައިލުމުން އޭނާއަށް އެނގުނީ ކޮންމެ ދާއިރާއަކުން ވެސް ބަޔަކު ނުކުތީމާ މީހުންގެ ޝައުގުވެރިކަން ލިބޭނެ ކަމެވެ.
މިހާރު ނާޝިޒްގެ 150،000 ފޮލޮވަރުން އެބަ ތިއްބެވެ. އެ ވީޑިއޯތަކަށް 2.2 މިލިއަން ލައިކްސް ލިބިއްޖެ އެވެ. އޭނާ އުފައްދާ ވީޑިއޯތައް އާއްމުން ބަލައިގެންފި އެވެ. 
"ވީޑިއޯ ހެދުނު އަދަދެއް ނޭނގެ. ސަތޭކައަށް ވުރެ ގިނަ ވާނެ،" ގޭގެ ސިޓިން ރޫމްގައި ހަމަޖެހިލައިގެން އިނދެ ނާޝިޒް ބުންޏެވެ.
އޭނާ ބުނާ ގޮތުގައި ބަލަނީ އޭނާ އުފައްދާ ކޮންޓެންޓްގައި ހަމައެކަނި ޑިޒައިން ޓިޕްސް ދިނުމުގެ ބަދަލުގައި އެއަށް ވުރެ ފުޅާކުރެވޭތޯ އެވެ. ސަބަބަކީ ޑިޒައިންގެ އިތުރުުން، މައިކްރޮސޮފްޓް ބައެއް ސޮފްޓްވެއާތަކާއި ފޯނުގެ ބައެއް ކަންކަން ގެނެސްދިނީމާ ގިނަ ބަޔަކަށް ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދެވެ އެވެ.
ނާޝިޒް އުފައްދާ ވީޑިއޯތައް ހާއްސަވާ އަނެއް ސަބަބަކީ ދިވެހި ބަހުން، އެންމެންނަށް ވެސް ދޭހަވާނެހެން، ކަންކަން ބުނެދޭތީ އެވެ.
"ރާއްޖެއިން ބޭރުގެ ޓެކް އޯޑިއަންސްއަށް ރީޗް ވާން ބޭނުމިއްޔާ އިނގިރޭސިން ބަހުން ވީޑިއޯ ހަދަންވަނީ. އެ އޯޑިއަންސްއަކީ ވަކި އޯޑިއަންސެއް. ނާޝިޒްގެ އަމާޒަކީ ދިވެހިންނަށް ހިދުމަތެއް ފޯރުކޮށްދިނުން. އެ އަމާޒުގައި އެ ގޮތުގައި ނުކުތީ. އެހެންވެ ދިވެހި ބަހުން ވީޑިއޯ ހެދުމަށް އިސްކަންދެނީ،" ނާޝިޒް ބުންޏެވެ.
ނާޝިޒްގެ ސުޓޫޑިއޯއަކީ އޭނާ ނިދާ ކޮޓަރީގެ އެއްފަރާތުގައި ތަރުތީބުކޮށް ބަހައްޓާފައިވާ ވަރުގަދަ ކޮމްޕިއުޓަރު ސިސްޓަމެވެ. ދެ އަަހަރު ދުވަހުން ފައިސާ އެއްކޮށްގެން ގާތްގަނޑަކަށް 90،000 ރުފިޔާއަށް ގަނެފައި ހުރި މި ސިސްޓަމްގައި މަސައްކަތް ކުރަނީ ފޫހިކަމެއް ނެތި އެވެ.
އޮފީހުގައި އޭނާ ކުރާ މަސައްކަތަކީ ރަށްރަށުގެ އާބަން ސެންޓަރުތައް ޑިޒައިން ކުރުމެވެ. ބާކީ ވަގުތު އޭނާ ހޭދަކުރަނީ ދިރާސާކުރުމުގަ އެވެ. ގެނެސްދޭނީ ކޮން ކޮންޓެންޓެއްތޯ ދެނެގަތުމާއި ކޮންޓެންޓް އުފެއްދުމުގަ އެވެ.
"ރިސާޗް ކުރަން ހޭލާ ވެސް ހުންނަން. ގިނަ ކޮންޓެންޓަށް އާއްމުން ޝައުގުވެރިވޭ،" ނާޝިޒް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
ނާޝިޒް ބުނާ ގޮތުގައި މި ދާއިރާގައި އަދިވެސް ކުރިއެރުން ހޯދެން އެބަ އޮތެވެ. އޭނާ ދެެކެން ބޭނުންވާ ދުވަސްތަކެއް ވެސް އެބަ ހުއްޓެވެ. ކޮންޓެންޓް ހަދާ މީހުން ކުރާ މަސައްކަތުން އާމްދަނީއެއް ލިބުމަކީ ނާޝިޒް ކުރާ އުއްމީދެކެވެ. 
"ކޮންޓެންޓް ކްރިއޭޓާސްއަށް އެންމެ އެދެވޭ އާމްދަނީއެއް އަދި ނުލިބޭ. ވިޔަފާރިތަކުން އަދިވެސް ރީޗް އައުޓްވާ ވަރު މަދު،" ނާޝިޒް ބުންޏެވެ.
ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނެއްގެ ގޮތުގައި ނާޝިޒް ކުރާ އުއްމީދުތައް ވެސް ގިނަ އެވެ. އޭނާގެ އަމާޒަކީ ރާއްޖެއިން ބޭރުގެ ވަރުގަދަ ބްރޭންޑެއްގެ ޓެކް ކުންފުންޏަކާ ގުޅުމެވެ.
އޭނާގެ މި މަސައްކަތުގެ ހިތްވަރަކީ މާމަ އާއި ކާފަ އެވެ. ސަބަބަކީ އޭނާ ބުނާ ގޮތުގައި އެއީ ދިއްފުއްޓަށް ތައުލީމު އުނގަންނައިދޭން ފަށައިގަތް މީހުންނެވެ.
"ރަށުގެ މީހުންނަށް ތައުލީމު ދިނުމަށް ކުރަން ފެށި މަސައްކަތް އެއީ ގިނަ ގޮންޖެހުންތަކަކާ އެކު މާމަ އާއި ކާފަ ކުރި ކަމެއް. ރަށުގައި އޭރު އަލިފްބާ ވެސް ކިޔަވައިނުދެނީ. ކާފަ މަޖީދިއްޔާއިން ކިޔަވައިގެން ރަށަށް ބަދަލުވެ ގޮސް ރަށުގައި ތައުލީމް އުނގަންނައިދޭން މަސައްކަތް ކުރަން ފެށީ،" ނާޝިޒް ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި އެ މީހުން އެ މަސައްކަތް ކުރަން އުޅުނު އިރު ދިމާވި ގޮންޖެހުންތައް މިހާރު މީހަކު ސޯޝަލް މީޑިއާގައި އޭނާގެ ވީޑިއޯއަކަށް އެއްލައިލާ ނެގެޓިވް ކޮމެންޓަކަށް ވުރެ ބޮޑުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ