މަޖިލިސް މިނިވަންނަމަ ފަނޑިޔާރުންގެ ބިލު ބޭރުކޮށްލީސް: މުއިއްޒު
ރައްޔިތުންގެ މަޖިލީހަކީ މިނިވަން ތަނެއްނަމަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު މިހާރު އޮންނާނީ މަޖިލީހުން ބޭރުކޮށްފައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ބިލެއް މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 25ގައެވެ. ހަމަ އެ ދުވަހު ބިލް ބަލައިގަނެ، ކޮމިޓީން ފާސްކުރުމަށްފަހު ޖެހިގެން އައި ދުވަހު ތަޅުމުން ވެސް ފާސްކުރިއެވެ. އަވަސްއަރުވާލައިގެން ފާސްކުރި އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބިލު އަނބުރާ ފޮނުވާލައްވައިފައެވެ. ރައީސް އެގޮތަށް އަމަލުކުރެއްވީ، އެ ބިލުގެ ބައެއް މާއްދާތައް ގާނޫނީއަސާސީއާ ފުށުއަރާކަމަށް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ލަފާ ދެއްވުމުންނެވެ. ގާނޫނީ ދާއިރާގެ އިތުރުން ޕީއެންސީގެ ބައެއް މެންބަރުން ވެސް އެ ބިލާ ގުޅޭ ގޮތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ބިލް ބޭރުކޮށްލަން ބައެއް މެންބަރުން މިއަދު ގޮވާލި ނަމަވެސް، ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން މިއަދު ވަނީ ބިލު އަލުން ޖުޑިޝިއަރީ ކޮމިޓީއަށް ފޮނުވައިފައެވެ. އެ ބިލާ ގުޅޭ ގޮތުން މިއަދު ވާހަކަ ދައްކަވަމުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، އެ ބިލް ރައީސް އަނބުރާ ފޮނުވާލުމުން ހާމަވަނީ މަޖިލިސް ހިންގަނީ ރައީސް އަންގަވާހާ ގޮތަށް ނޫންކަން ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ، މިހާރުގެ މަޖިލީހުން ފެންނަނީ ރައީސް އަންގަވާ ކޮންމެ ގޮތަކަށް އަމަލުކުރާ މަންޒަރު ކަމަށެއެވެ. ފަނޑިޔާރުން ވަކިކުރުމުގެ ބިލު މިއަދު ކޮމެޓީއަށް ފޮނުވީ ވެސް ރައީސް ބޭނުންފުޅުވެގެން ކަމަށާއި މިހާރުގެ މަޖިލީހަކީ މިނިވަން މަޖިލީހެއް ނަމަ ގާނޫނުއަސާސީއާ ޚިލާފުވެފައި ވާކަމަށް ބަންޑާރަނައިބު ވިދާޅުފައި އޮތް ބިލެއް މިހާރު މަޖިލީހުން ބޭރުކޮށްލީސް ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/AhmedMuizzu/status/1901607265536471300 މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި އެ ބިލުގެ ބޭނުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރޭގައި ބޭތިއްބުމެވެ. "މިއަދު މަޖިލީހުގައި ކަން ހިނގި ގޮތުން އެނޫން ދޭހައެއް ނުކުރެވޭ. އަދި ތިޔަ ބިލު ފާސްވެސް ކުރާނެ. ރައީސް ބޭނުންފުޅުވާ ގޮތަށް ފަނޑިޔާރުން ވަކިވެސް ކުރާނެ. އެހާވެސް ނިކަމެތި ހާލަތެއްގައި މަޖިލިސް އޮތީ!" އޭނާ ވިދާޅުވިއެވެ. މަޖިލީހުން ފޮނުވާ ބިލެއް ބަދަލު ކުރުމަށް އެދިވަޑައިގެން، ރައީސަށް އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވުމުގެ ބާރު ލިބިވަޑައިގެންފައިވެއެވެ. ނަމަވެސް އެ ބިލް ހަމަ އޮތް ގޮތަށް އަނެއްކާ ވެސް މަޖިލީހުން ފާސްކޮށްފި ނަމަ، ގާނޫނުއަސާސީގައި އޮންނަނީ އެ ބިލް ރައީސް ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމުގެ ބިލު މަޖިލީހުން ފާސްކުރީ، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި އެ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ. އަދި އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން ގޮތް ނިންމުމަށް އަޑުއެހުމެއް ވެސް ތާވަލު ކޮށްފައި އޮތް ދުވަހެއްގައެވެ. އެ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާއި ހުސްނުއްސުއޫދެވެ. އެ ތިން ބޭފުޅުންގެ ސަސްޕެންޝަނާ ގުޅިގެން އެ ދުވަހުގެ އަޑު އެހުން ކެންސަލްވެ، މައްސަލަ ވަނީ ހުއްޓިފައެވެ. ހުސްނުއްސުއޫދު ފަހުން މަގާމުން އިސްތިއުފާ ދެއްވައިފައިވާއިރު، އޭނާއާއި އަޒްމިރަލްދާ ވެސް ވަނީ ސަރުކާރަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ