ހައްޖު އުސޫލު: އަލަށް ހައްޖުވާ މީހުންނަށް އިސްކަންދީ، 65 އަހަރުން މައްޗަށް ޖާގަ ޚާއްސަކުރާނެ

ކޮންމެ އަަހަރަކު ވެސް އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތަށް، ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު އެކުލަވާލައި މިއަދު ގެޒެޓުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އައު އުސޫލަކީ ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލުކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ހައްޖުގެ ޚިދުމަތްދޭ ފަރާތުން އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށް އެކުލަވާލި އުސޫލެއް ކަމަށެވެ. މިނިސްޓްރީން ބުނީ އެ އުސޫލުގެ ދަށުން، ހައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވި، ހައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ގޮތް ކަނޑައަޅާނެ ކަމަށެވެ. އަދި ހައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމަކާއި ހައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އެ އުސޫލުގެ ދަށުން މިއަދުން ފެށިގެން އަމަލުކުރަން ފަށާ ކަންތައްތަކުގެ ތެރޭގައި: އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދޭނީ، ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުސަތު ދެވޭނީ، ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވެފައިވާނަމަ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން، ލުއި އަގެއްގައި ހައްޖަށް ގެންދިއުމަށް މަގުފަހިކުރުމުގެ ވައުދުގެ ދަށުން، ދިވެހީން ހައްޖަށް ގެންދަނީ، ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ރައީސް ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ވީ އެންމެ އަވަހަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ހައްޖު ކިޔޫ ދިގުވުމާއި، ފައިސާ ދައްކާފައިވީ ނަމަވެސް ހައްޖަށް ދެވުން ލަސްވުމުގެ ޝަކުވާތައް ވަނީ އާންމުވެފައެވެ. އަދި ހައްޖު ކިޔޫގެ ތަރުތީބާ ޚިލާފަށް ހައްޖު ކޯޕަރޭޝަނުން މީހުންނަށް ފުރުސަތު ދިން ކަމުގެ ތުހުމަތުތައް ވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ