ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ކުއްލިއަކަށް ބަލަން ނިންމައި، ސުޕްރީމް ކޯޓު ހުއްޓުމަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގެނައީ ޖޭއެސްސީ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ބާރުތައް ނުބައި ނިޔަތެއްގައި ބޭނުންކޮށް ކޯޓުތަކަށް އަތް ބޭނުމަށް ކަމަށް ބުނެ ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރު އެވެ. އޭނާގެ މައްޗަށް ޖޭއެސްސީން ހިންގަމުންދާ ސުލޫކީ މައްސަލަތަކުގެ ތަހުގީގު ހިންގުމުގައި ޖޭއެސްސީގެ މެންބަރުން، އެ ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާން ކުރާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރު އަޒްމިރާލްގެ ފަރާތުން ރަސްމީކޮށް ބަހެއް ލިބިފައި ނުވި ނަމަވެސް، ޖޭއެސްސީގެ މެންބަރުންގެ މައްސަލަ އޭނާ ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައެއް މެންބަރުން ކަށަވަރުކޮށް ދިނެވެ.
އަޒްމިރާލްދާ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ލިޔުން އަދަދު ނޫހަށް ލިބިފައިވެ އެވެ.
އޭގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަނގަޅަށް ހިނގަހިނގައި އޮތް ސުޕްރީމް ކޯޓު ޖޭއެސްސީގެ އިސްނެގުމަށް ހުއްޓުމަކަށް ގެނެސް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އާންމު އިޖުރާއަތުތަކުގެ ބޭރުންނެވެ.
ސުޕްރީމް ކޯޓުގެ މަސައްކަތަށް ހުރަސް އަޅައި ކުއްލި ގޮތަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމީ ޖޭއެސްސީ މެންބަރުންނަށް ގާނޫނުން މަތިކޮށްފައިވާ ބާރުތައް ނުބައި ނިޔަތެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އަތް ބޭނުމަށް ކަމަށް އަޒްމިރާލްދާ ތުހުމަތު ކުރައްވާފައިވެ އެވެ.
އަޒްމިރާލްދާ ތުހުމަތު ކުރައްވާފައި ވަނީ ޖޭއެސްސީން މަސައްކަތް ކޮށްފައި ވަނީ ފަނޑިޔާރުން ވަޒީފާއިން ވަކި ކުރުމަށް ނުވަތަ ވަކި ނުކުރެވޭ ނަމަ ފަނޑިޔާރުގެ ރިކޯޑު ހަޑި ކުރުމުގެ ނިޔަތުގައި ކަމަށެވެ.
އެހެންކަމުން، އަޒްމިރާލްދާ އެދިވަޑައިގެންފައި ވަނީ އެކަންކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައި ބަޔާން ކުރާ ސުލޫކާ ހިލާފުވި މެންބަރުންގެ ސުލޫކީ މައްސަލަ ބަލައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފިޔަވަޅު އަޅައި ދިނުމަށެވެ.
މިކަމާ ގުޅޭ ގޮތުން މަޖިލީހުން ބަހެއް ނުބުނެ އެވެ.
ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ