މަރުވެ ވަޅުލެވުމުން ޤިޔާމަތާ ހަމައަށްވެސް ކައްވަޅުގެ ޢަޛާބުން ސަލާމަތްވެ އަރާމުގަ އޮވެލެވޭނެ މީހަކަށްވެވިދާނެ- އިން ޝާ ﷲ. އެކަމަކު ހިތްވަރުހުރެގެން!: ޝައިޚް ހޮބްލޮސް

ދުނިޔޭގެ ކަންކަމަށް ބެލިނަމަވެސް ކޮންމެ ކަމަކަށްވެސް އަގެއް ވެއެވެ. އަގަށް ދައްކަންޖެހޭ އެތި ތަފާތުވި ނަމަވެސް ދައްކަން ޖެހޭ ގޮތް ތަފާތުވިނަމަވެސް އަގެއް ދައްކަން ނުޖެހި ލިބޭނެ އެއްޗެއް ނެތެވެ. މިޘާލަކަށް ތިމާ ގެންގުޅެ ޚަރަދުކޮށް ބޮޑެތިކުރާ ދަރިންގެ ލޯބި ބޭނުންނަމަ އެހުރިހާ ކަމެއް ކޮށްފައިވެސް ދަރިންނަށް ލޯބިދޭން އެބަޖެހެއެވެ.
ކޮންމެ މީހަކުވެސް އެންމެ އެދޭނެ އެއްކަމަކީ މަރުވެ ވަޅުލެވުމުން، އެއްވެސް ޢަޛާބެއް ނުލިބި ޤިޔާމަތާއި ހަމައަށް އަރާމު ނިންޖަކުން ނިފާއި އޮތުމެވެ. އެ މަތިވެރި ނިޢްމަތް ލިބިގަތުމުގެ ނަޞީބު ލިބޭނެ މީހުންގެ ތެރޭގައި ހިމެނުމަށެވެ. ނަމަވެސް އެ ނިޢްމަތަކީ އެހައި ފަސޭހައިން ލިބެން އޮތް ނިޢްމަތެއް ނޫނެވެ. އެ ނިޢްމަތް ލިބޭނީ އެ ނިޢްމަތް ހޯދަން ގަދައަޅައި ދުނިޔޭގައި ހުރިއިރު މަސައްކަތްކުރި މީހަކަށެވެ.
ނިދުމަކީ ކުޑަމަރެކެވެ. މަރަކީ ބޮޑުވެގެންވާ ނިންޖެކެވެ. މިއީ އެންމެންނަށް އެނގޭ ކަމަކެވެ. ނަމަވެސް މަރުވުމުން އެއީ ނިންޖަކަށް ހެދޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރި މީހަކަށެވެ. ކޮންމެ ރެއަކު މެރުއްވެވުމަށްފަހު އަލުން ފުރާނަ އަޅުއްވަވާ ސަބަބާއިމެދު ވިސްނައި ފިކުރުކުރި މީހަކަށެވެ.
ކޮންމެ މީހަކުވެސް ކޮންމެ ރެއަކުވެސް ނިދަނީއެވެ. ނިދުމާއިއެކު މީހާ މަރުވެއެވެ. ނިދިން ހޭލެވެނީ ﷲ ތާޢާލާ އެމީހެއްގެ ފުރާނަ އަލުން އަޅުއްވަވައި ދެއްވަވައިފިނަމައެވެ. އެކަން އެންމެންނަށްވެސް އެބަ އެނގެއެވެ. ނަމަވެސް ސުވާލަކީ ނިދިން ހޭލެވުމުން އިތުރު ދުވަހަކަށް ﷲ ތަޢާލާ އެމީހެއްގެ ފުރާނަ އަޅުއްވަވައި ދެއްވެވި ސަބަބާއިމެދު ވިސްނައި ނުލެވޭތީއެވެ.
އިތުރު ދުވަހަކަށް ތިބާގެ ފުރާނަ އަޅުއްވަވައި ދެއްވެވީ ހެނދުނު ވީހައި މީރުކޮށް ސައިބުއިމަށް ހެއްޔެވެ؟ ދަރިން ސްކޫލަށް ގެންދަން ހެއްޔެވެ؟ އަނބިމީހާއަށް ބާޒާރުކޮށްދޭން ހެއްޔެވެ؟ މަސައކަތްކޮށްގެން ވީހައި ގިނަ ފައިސާ ހޯދަން ހެއްޔެވެ؟ ނޫނީ ބޮޑު ގެއެއް އަޅައި ނިންމާލަން ހެއްޔެވެ؟ ނޫނީ އެނޫންވެސް އެފަދަ ކަމެއް ކުރަން ހެއްޔެވެ؟
އެ ނަޞީބު ލިބިގަންނަން ބޭނުން ނަމަ ނިދީން ހޭލެވުމާއިއެކު ކޮންމެ މީހަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ދުވަސް ހޭދަކުރާ މީހަކަށްވާން އެބަޖެހެއެވެ. ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް އަޅުކަން ކުރާ މީހަކަށް ވާން އެބަޖެހެއެވެ. ނަމަވެސް ހިތާމައަކީ ނިދިން ހޭލެވުމާއިއެކު ދެއްވެވި ބޮޑު ނިޢްމަތާއިމެދު ވިސްނައި ނުލެވޭކަމެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް މިއަދު ވިސްނައި ފިކުރުކުރަން ޖެހޭނެ ކަމެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ފުރަތަމަ ދުވަހު ތިބާ މިދުނިޔެއަށް އުފަން ކުރެއްވެވީވެސް އަދި އެއިގެ ފަހުން ކޮންމެ ރެއެއްގެ ނިދިން ހޭ ލައްވަވަނީވެސް ތިބާ ހަމަ އެންމެ ކަމެއް ކުރުމަށެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށެވެ. އެކަމުގައި އިހްމާލު ވެއްޖެ މީހަކަށް ކައްވަޅުގެ ޢަޒާބުން ސަލާމަތްވެ އަރާމުގައި ނިދާފައި އޮތުމުގެ ނަޞީބެއް ނުލިބޭނެއެވެ.
ކޮންމެ މީހަކުވެސް މަރުވެ ވަޅުލެވުމުން ކައްވަޅުގައި 3 ސުވާލު ކުރެވޭނެކަން އެބައެނގެއެވެ. އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެވިއްޖެ މީހަކަށް މެނުވީ ޤިޔާމަތާއި ހަމައަށް އަރާމު ނިންޖަކުން ނިދާފައި އޮތުމުގެ ނަޞީބެއް ނުލިބޭނެއެވެ. އެ ނަޞީބު ލިބުނު މީހުން ޤިޔާމަތުގެ ތާޅަފިއްޔަށް ކައްވަޅުން ތެދުވަން ޖެހުމުން އެމީހުންނަށް، އެ އަރާމު ނިދީގައި ތިއްބައި އުނދަގޫ ކުރަނީ ކާކުތޯ ސުވާލުކުރާނެއެވެ.
--މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ