އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ކުޅޭނީ މާޗް 19 ގައި އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ކުޅޭނީ މާޗް 19 ގައި

އަންނަ މާޗް މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާއާ ދެކޮށް ކުޅޭ މެޗު އަންނަ މަހުގެ 19 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
މި މެޗު ކުޅޭނެ ސްޓޭޑިއަމެއްގެ ގޮތުގައި، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން ހަމަޖައްސާފައިވަނީ، ޝިލޮންގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ. މިއީ، އިންޑިއާ އިން އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި މާޗް 25 ވަނަ ދުވަހު، ބަންގްލަދޭޝާ ދެކޮޅަށް ވެސް ކުޅޭނެ ދަނޑެވެ.
ރާއްޖޭން މީގެ ކުރިން ވަނީ، ޝިލޮންގައި ކުޅެފަ އެވެ. އެއީ، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގަ އެވެ. އޭރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މި ވަގުތު ވެސް ގައުމީ ޓީމުގައި އެބަތިބި އެވެ.
ދާދި ފަހުން، އިންޑިއާ އިން ދިން ފުރުސަތެއްގައި، ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ.
އިންޑިއާގެ ފިރިހެން ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެ ޓީމުން ކުޅުނު، 11 މެޗުގެ ތެރެއިން މޮޅެއް ލިބިފައިނުވެ އެވެ. ފަސް މެޗުން އެއްވަރުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ. މިއީ 2014 ވަަަނަ އަހަރަށް ފަހު، ކަލަންޑަރު އަހަރެއްގައި، އިންޑިއާ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ އަހަރެވެ.
ރާއްޖޭން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިދިޔަ އަހަރު ކުޅުނީ ދެ މެެޗެެވެ. އެ ގޮތުން، އަހަރެއް ފަހުން، ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗުގައި، ބަންގްލަދޭޝާ ދެކޮޅަށް ކުޅެ މޮޅުވި އެވެ. އެކަމަކު، ދެ ވަނަ މެޗުން ވީ ބައްޔެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާޗް 25 ވަނަ ދުވަހު މާލޭގައި ކުޅޭނީ ފިިލިޕީންސާ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ތިން ފަަހަރެއް މަތިން ކަލަންޑަރު ކުރިއިރު، މި ވަގުތަށް ސީޒަން ފަށަން އެފްއޭއެމް އިން އެންމެ ފަހުން ދީފައިވާ ތާރީހަކީ، މި މަހުގެ 24 ވަނަ ދުވަހު އެވެ.
މި ވަގުތަށް ބަލާއިރު، ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތެރެއިން، ޕްރެކްޓިސް ކުރަމުން އަންނަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެހެން ޓީމުތަކުން، ޕްރެކްޓީސް ނުފަށައި، ތިބީ މާލީ ކަންކަން ހަމަޔަކަށް ނޭޅޭތީ އެވެ. ސަރުކާރާއި އެފްއޭއެމް އަދި ކްލަބްތައް މަޝްވަރާ ކުރުމަށް ފަހު، ކްލަބްތަކަށް ސީޒަން ފެއްޓޭ ވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ